ލައިފްސްޓައިލް

ހިތްބަންޑުންވުމުގެ ސައިންސް: "ބޭޑް ބޯއިސް" އަށް އަންހެން ކުދިން ޝައުގުވެރިވަނީ ކީއްވެ؟

Jul 22, 2015

އަންހެން ކުއްޖެއް ކައިރީގަ އަހަންވީ މިހެންނެވެ. ހަޔާތުގެ ބައިވެރިޔަކަށް ހަދަން ބޭނުންވާ މީހާގެ ކިބައިގައި ހުރުމަށް އެދެނީ ކޮން ކޮން ސިފަތަކެއް ހެއްޔެވެ؟

މި ސުވާލެއް ކުރާއިރަށް އަންހެން ކުއްޖާ ބުނާނެތެވެ. އެމީހަކު ވާން ޖެހޭނީ ވަރަށް ހިތްހެޔޮ، ވަރަށް އިންޓެލިޖެންޓް އަދި އެހާމެ ވަފާތެރި، ލޯބިން އުޅޭ އަޅާލާ މީހަކަށެވެ. ކޮންމެއަކަސް ވަރަށް ވެސް ފުރިހަމަ ޖަވާބެކެވެ. ހޮޔެ ހާލުގައި ނުވަތަ އުފަލުގައި ވުމަށް އެދޭ ކޮންމެ މީހަކު ވެސް ހަޔާތުގެ ބައިވެރިޔަކަށް ދެކޭ ހުވަފެނުގައި މި ހިތްގައިމުކުލަތައް ޖެހިފައިވާނެކަން ޔަގީނެވެ.

ނަމަވެސް ހިތާމަ އަކީ އާޙިރުގައި ކަންތައް ވެ ނިމިގެންދާ ގޮތެވެ. ހިތް އެދި ގޮވަނީ ހިތްހެޔޮ، ވަފާތެރި، އަޅާލާ އިންޓެލިޖެންޓް "ޖެންޓްލްމޭން" އަކަށް ކަމަށް ބުނާ އަންހެން ކުދިންގެ 99 ޕަސެންޓަކީ މި ދެންނެވި ސިފަތަކާ ދިމާ އިދިކޮޅު ސިފަތައް ޖެހިފައިވާ ބައިވެރިން އިހްތިޔާރުކުރާ މީހުންނެވެ. ގިނަ އަންހެން ކުދިންގެ ފެވަރިޓަކީ "ބޭޑް ބޯއިސް" ކެރެކްޓާސްތަކެވެ.

އެހެންވީމަ މިވާ ގޮތެއް ބަލާލަމާ ހިނގާށެވެ.

އިންސާނުން އުފައްދަވާފައި ވަނީ އަންހެނުންނަށް ހާއްސަ ސިފަތަކާއި ފިރިހެނުންނަށް ހާއްސަ ސިފަތައް ދެ ޖިންސުގެ މީހުންގެ މެދުގައި ވެސް ކޮންމެވެސް ވަރަކަށް ހިމަނައިގެންނެވެ. މިސާލަކަށް އަންހެނުންނަށް ހާއްސަ ބައެއް ސިފަތައް ކޮންމެވެސް ވަރަކަށް ފިރިހެނުންގެ ކިބައިގައި ވެސް ހުރެ އެވެ. އަދި ފިރިހެންވަންތަ ސިފަތައް އަންހެނުންގެ ކިބައިގައިވެސް ހުރެ އެވެ.

މި ވިސްނުމުގެ ތެރެއިން ދެމިގަންނައިރު އަންހެންވަންތަކަމުގެ ސިފަތައް ފަސޭހައިން ޖަޒުބާތުގައި ޖެހެ އެވެ.

ފިރިހެންވަންތަ ސިފަ އެއާ ހިލާފުވާއިރު ފާހަގަކޮށްލެވެނީ ޖަޒުބާތުގެ މައްޗަށް ބޮލުގެ ބޭނުން އިސްކުރާތަނެވެ. އަންހެނުން އުފެދިފައި ވަނީ ފަސޭހައިިން އިހްސާސްތަކުގައި ޖެހި ފެންނަ މަންޒަރަށް ފަސޭހައިން ހިތް ބަންޑުންވާ ފަދަ ގޮތަކަށެވެ.

ކަން މިހެން އޮތުމުން "އެއްކަހަލަ ޖެންޓްލްމޭން" ހޯދުމަކަށް ގިނަ އަންހެނުން މާ ބޮޑު ސަމާލުކަމެއް ހަގީގަތުގައި ނުދެ އެވެ. އުނގަށް ހަދިޔާ އިން ވާރޭ ވެއްސާ ފިރިހެން ކުއްޖާ ބަދަލުވެގެން ދަނީ އަންހެން ކުއްޖާގެ ކުރިމަތީގައި "އެއްކަހަލަ ޖެންޓްލްމޭން" އަށެވެ.

އެންމެފަހުން މި "ޕްރިންސް ޗާމިން" ވެފައި އޮންނަނީ ނުބައި ހޮވުމަކަށެވެ. ފަސޭހައިން ތަޖުބާތުގައި ޖެހި ފިރިހެން ކުއްޖާ ދެއްކި ދަޅައަށް ހެއްލުނީމަ އެވެ.

ތަޖުރިބާކާރުން ބުނަނީ "ނުބައި ފިރިހެނުން" ނަށް އަންހެނުން ޝައުގުވެރިވުމަކީ ސައިންސާ ގުޅިފައިވާ ކަމެއް ކަމަށެވެ. އުފެދުމުގައި ބަލިކަށިކަން ލިބިފައިވާ އަންހެން މީހާ އަކީ އޭނާގެ ބައިވެރިޔާގެ ފަރާތުން ފުރިހަމަ ހިމާޔަތަށް އެދޭ މީހެކެވެ. މި ހާލަތުގައި "ބޭޑް ބޯއިސް" ކެރެކްޓާ ވެގެން ދަނީ އަންހެން ކުއްޖާގެ ފެވަރިޓަކަށެވެ.

ޗީޓްކޮށްފައިވާ ބޯއިފްރެންޑަކާ އެކު ނުވަތަ ބޭވަފާތެރިވެފައިވާ ފިރިއަކާ އެކު ދިރިއުޅެމުން ދަނީ ތީގެ ތެރެއިން ކިތައް އަންހެނުންތޯ އެވެ؟ ވަރަށް ގިނަވާނެ އެވެ.

ތަޖުރިބާކާރުން ބުނަނީ މިއީ ވެސް އަންހެނުން އުފެދުމުގައި އެމީހުންނަށް ލިބިފައިވާ އާދަޔާހިލާފު ސިފައެއް ކަމަށެވެ. ގިނަ އަންހެނުންނަކީ ފިރިހެނެއްގެ ފަރާތުން ކިތަންމެ ދޯކާއެއް ލިބުނަސް ނުވަތަ އަނިޔާއެއް ލިބުނަސް އެމީހަކު ދޫކޮށްލަން ނުވަތަ އެމީހަކަށް ފަހު ވެސް ހަމަ އެކަހަލަ "ބޭޑް ބޯއިޒް" ކެރެކްޓާއަކަށް ހިތްބަންޑުންކޮށްލާ އަންހެނުންނެވެ.

އަންހެން ކުދިން އަބަދުވެސް ބުނާނީ އެމީހުން ބޭނުންވަނީ އެމީހުންނަށް ނިކަން އަޅާލާ، އެމީހުން ދެކެ ނިކަން ލޯބިވާ ފިރިހެނުން ކަމަށެވެ. ހަގީގަތަކީ މިއީ ހަމައެކަނި ގިނަ އަންހެނުން ދައްކާލާ ރީތި ވާހަކައެއް ކަމެވެ.

އަސްލު ދިރިއުޅުގައި ގިނަ އަންހެން ކުދިންނަކީ މިގޮތަށް ވާހަކަ ދެއްކިޔަސް އަމަލާއި އަޒުމުން އެކަން ސާބިތުކޮށްދެވޭ ބައެއް ނޫނެވެ. ބޭވަފާތެރިވާ ފިރިހެން މީހާގެ އުނގަށް ނުވަތަ އެމީހަކަށް ފަހު އަނެއްކާވެސް ނުބައި ޝަހްސިއްޔަތެއްގެ އުނގަށް އަލުން ވެއްޓެނީ މި ސަބަބާ ހެދިކަން ޔަގީނެވެ.

ކިތަންމެ ލަނޑެއް ލިބުނަސް އެއިން ފިލާވަޅެއް ނުވަތަ އިބްރަތެއް ހާސިލުކުރުމުގެ ވިސްނުމެއް ކުރިއަކަށް ނުނެރެވެ އެވެ. އެކަމަކު އަބަދު ކިޔަން ޖެހެނީ ވެސް އިބްރަތްތެރި ވާހަކަ އެވެ.

އަންހެނުންނަކީ ބައެއް ހާލަތްތަކުގައި އަޒުމް ވަރުގަދަ ބައެކެވެ. މިސާލަކަށް ހައްލުކުރެވެން ނެތް މައްސަލައެއް ހުށަހެޅިގެންދާއިރު އެ ކަމަށް ހައްލެއް ހޯދިދާނެ ކަމަށް ގަބޫލުކުރުމަކީ މި ދެންނެވި ސިފައިގެ ތެރެއިން އަރާ ފޯރި އެކެވެ.

ފަހަރެއްގައި ގިނަ އަންހެން ކުދިން އަބަދުވެސް މައްސަލަގަނޑެއްގެ ތެރެއަށް ފުންމާލަނީ މި ސަބަބާ ހެދި އެވެ. ރިލޭޝަންޝިޕެއްގައި އުޅޭއިރު ކިތަންމެ މައްސަލައެއް ޖެހުނަސް އަންހެނުންނަށް މައްސަލައެއް ނޯވެ އެވެ. ނުވަތަ މިއީ ވެސް އަންހެނުން ފިރިހެނުންނަށް ވުރެ ޖިންމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބަލިކަށިވުމުން އުފެދިގެން އަންނަ ސިފަ އެކެވެ. 

މައްސަލައެއް އުޅޭ ނަމަ އެ މައްސަލައެއް ދޫކޮށްލާފައި ދާން ގިނަ އަންހެނުންނަކަށް ނުކެރޭނެ އެވެ. ފަހަރެއްގައި އަނިޔާކުރާ ލޯބިވެރިޔާ ނުވަތަ ބޭވަފާތެރިވާ ފިރިމީހާ އެއްލާލަން އަންހެން މީހާ އަށް ނުކެރެނީ ވެސް މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ.

އެހެންވީމަ ކިތަންމެ މައްސަލަ ބޮޑުވިޔަސް އަދި އެކުގައި އުޅެވެން ނެތަސް އަންހެން މީހާ މަސައްކަތްކުރަނީ ދެ މީހުންނަށް އެކުގައި އުޅޭނެ ގޮތެއް ހޯދުމަށެވެ.