މިދިޔަ ފަސް އަހަރުގެ ތެރޭގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވައި ދަތިތައް ކުރިމަތި ކުރުވި ކަމަށް އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ނައީމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ރަށްރަށުގައި ރުށްގަސް ނެގުން އިތުރުވި މައްސަލައާ ގުޅިގެން އީޕީއޭގެ އިސް ބޭފުޅުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. މި ބައްދަަލުވުން ބެލުމުގެ ގޮތުން ކޮމިޓީއަށް ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ ގިނަ ޖަމިއްޔާތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވެސް ގޮސް ތިއްބެވެ.
ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނައީމް ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭގައި އީޕީއޭއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައި ދަތިތައް ކުރިމަތި ކުރުވި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ނުފޫޒަކަށް ލެނބިގެން އެއްވެސް ނިންމުމެއް ނިންމާފައިނުވާނެ ކަމަށާއި އީޕީއޭގެ މުވައްޒަފުން މަސައްކަތް ކޮށްފައިވާނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއިން އެއްވެސް ނުފޫޒަކަށް ލެނބި ވަކި ފަރާތަކުން ބުނާ ގޮތަކަށް އީޕީއޭއަކުން ނީންނާނެ ކަމެއް ކޮށްފައެއް މިދިޔަ ފަސް އަހަރުތެރޭގައި ނިންމާފައެއް. އީޕީއޭއިން ކަމެއް ނިންމަން ނުފެންނަންޏާ އެކަމެއް ބުނާނެ. ލިޔުމުން ވެސް ބުނާނެ. ބުނުމަށް ފަހު އީޕީއޭގެ މައްޗަށް ބާރުފޯރުވޭނެ ފަރާތްތަކެއް ތިބޭތީވެ އެފަރާތްތަކުން ގަވައިދުތަކަށް ބަދަލު ގެނެސްގެން ކަންކުރީމަ މިއަދު މިހާލަތުގައި މިއޮތީ." ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވި ގޮތުގައި ތިމާވެށީގެ ކަންކަމާއި ރުށްގަސްގެ ކަންކަމުގައި ގަވާއިދު ހެދުމުގެ ބާރާއި މަސްއޫލިއްޔަތު އޮންނަނީ އެންވަޔަރަމެންޓް މިނިސްޓްރީއަށެވެ. އެހެންކަމުން ގަވާއިދަށް ބަދަލު ގެނެސްގެން އެންވަޔަރަމެންޓް މިިނިސްޓްރީން ވެސް މިދިޔަ ފަސް އަހަރު އީޕީއޭއަށް ދަތިތައް ކުރިމަތިކުރުވާފައިވާ ކަމަށެވެ.
އީޕީއޭގެ ބައެއް ބާރުތަކާއި މަސްއޫލިއްޔަތުތައް މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީއަށް ވެސް ބަދަލު ކުރި އެވެ. ނައީމް ވިދާޅުވި ގޮތުގައި ރިސޯޓުތަކުގެ ގޮތުގައި ތަރައްގީ ކުރަން ގިނަ ފަޅުތައް ހިއްކަން ދޫކޮށް، މިހާ ހިސާބަށް މައްސަލަ ގޯސްވީ އެހެންވުމުގެ ސަބަބުން ކަމަށެވެ. އެ ގޮތުން ގިނަ ފަޅުތަކެއް ހިއްކައިގެން ރިސޯޓުތައް ހަދާނަމަ އެ ތަންތަން ފެހިކުރަން ރުށްގަސް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއިން އެއްވެސް ކަމަކީ އީޕީއޭއިން ތަރުހީބު ދޭ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.
"ގަވާއިދު އޮންނަ ގޮތުން އީޕީއޭއިން ޕްރޮޖެކްޓެއް ރިޖެކްޓް ކުރިއަސް މިނިސްޓްރީއަށް އެބަ އެޕީލް ކުރެވޭ. އިސްތިއުނާފު ކުރެވޭ. އެހެންކަމުން މިދިޔަ ފަސް އަހަރު ކިތަންމެ ޕްރޮޖެކްޓަކަށް އީޕީއޭއިން ހުއްދަ ނުދިން ނަމަވެސް ފަހުން މިނިސްޓްރީން ހުއްދަ ދީގެން ހިންގާފައިވޭ." ނައީމް ވިދާޅުވި އެވެ.
ރުށްގަސް ނެގުމުން އިންދަން ޖެހޭ ރުށްގަސްތައް އިންދާތޯ ބަލަން އެކަށީގެންވާ މަސައްކަތެއް ވެސް މިދިޔަ ފަސް އަހަރު ނުކުރެވޭ ކަމަށް ނައީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރުށްގަސް އިންދާކަން ބެލުމަށް މޮނިޓާ ކުރުމަށް އެކަށީގެންވާ ބަޖެޓެއް ވެސް އީޕީއޭއަށް ނުލިބެ އެވެ.
ނައީމް ވިދާޅުވީ ހަރުދަނާ ކަމާއެކު އީޕީއޭ ހިންގުމަށްޓަކައި އިތުރު ބާރުތަކާއި އިހުތިސޯސްތަކެއް ދޭން ޖެހޭ ކަމަށާއި ނުފޫޒުތަކުން އީޕީއޭ މިނިވަން ކުރަން ޖެހޭނެ ކަމަށެވެ.