ހަބަރު

މެޖިސްޓްރޭޓް ނިހާންގެ ސަސްޕެންޝަން އުވާލައިފި

Jun 24, 2019
3

އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ ސަސްޕެންޝަން އުވާލާފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ނިހާންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ނިންމާ އޭނާ 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ މިދިޔަ ނޮވެމްބަރު މަހު ބާތިލްކޮށްފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭއެސްސީން ބުނީ އެ މައްސަލާގައި ނިހާން ސަސްޕެންޑްކުރަން އެ ކޮމިޝަނުން ނިންމާފައިވާއިރު، އެކަމާމެދު އެހެން ގޮތެއް ކަނޑަނާޅާ މަޑުކުރީ އިސްނިއުފު މަރުހަލާ ނުނިމޭތީ ކަމަށެވެ. ނަމަވެސް، ނިހާންގެ ޖަލު ހުކުމް ބާތިލުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސް ނުކުރާނެކަމަށް ޕީޖީ އޮފީހުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން، މިއަދު ބޭއްވި ޖޭއެސްސީގެ މެންބަރުންގެ ބައްދަލުވުމުގައި ނިހާންގެ ސަސްޕެންޝަން އުވާލަން ވަނީ ނިންމައިފަ އެވެ.، ސަސްޕެންޝަން އުވާލި ނަމަވެސް، އެކަމުގައި ނިހާންގެ ސުލޫކީ މައްސަލައެއް އޮތްތޯ ބަލަމުންދާނެކަމަށް ޖޭއެސްސީން އިތުރަށް ބުންޏެވެ.

ނިހާންއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުންނެވެ. ނިހާންގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ، މާމިގިނލީ ކޯޓުގައި އެ ކޯޓުގެ ލެޕްޓޮޕެއް ބޭނުންކޮށްގެން ގާޒީ ނިހާން ކޯޓު އަމުރެއް ޑައުންލޯޑްކުރިކަން ސާބިތުވާ ކަމަށާއި އެ އަމުރަށް ބަދަލު ގެނައިކަން ވެސް ސާބިތުވާ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ ނުރައްކާތެރިކަމާ މެދު ނިހާން ވާހަކަ ދައްކާފައިވާކަން ވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.