ފަނޑިޔާރަކު ނިންމާ ނިންމުމެއްގައި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން ގޯސް ކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔަރާމެދު ފިޔަވަޅު ނޭޅޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވަނީ ޝަރުއީ ކޯޓުތަކަށް ކަމަށާއި، ފަނޑިޔާރަކު މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ކުރި ހުކުމަކާއި ނޫނީ ރައިޔުއަކާއި ގުޅިގެން އުސޫލުތަކުގެ ބޭރުން ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް އެ ފަނޑިޔާރަކު ޖަވާބުދާރީ ނުކުރުވޭނެ ކަމަށެވެ.
އެ އަމަރުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ޝަރުއީ ކޯޓޫތަކުގެ އެއްވެސް މަރުހަލާއެއްގައި، ފަނޑިޔާރަކު ނިންމާ ނިންމުމެއް "މެރިޓާ" ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ އެ ފަނޑިޔާރަކު ޖަވާބުދާރީ ކުރުވައި، ފިޔަވަޅު އެޅުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިހުތިސޯސެއް ނޫން ކަމަށެވެ.
އަދި ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ ސަބަބުން އިންސާފަށް ހުރަސްއެޅިފައިވާ ޝަރީއަތަށް ގަބޫލުކުރެވޭ ހާލަތްތަކުގައި، އެފަދަ ކޮންމެ ނިންމުމެއް މުރާޖައާކޮށް އިންސާފު ގާއިމުކުރެވޭ މަގަށް އެ ނިންމުން ބަދަލުކުރުމުގެ ބާރަކީ ހަމައެކަނި ދައުލަތުގެ އެންމެ މަތީ ކޯޓަށް ލިބިދީފައިވާ ބާރެއް ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.
"ފަނޑިޔާރަކު ނިންމާ ނިންމުމެއް މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން އެ ނިންމުން ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅައި، މިކަން ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގަމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައި ބުންޏެވެ.
އެންމެ މަތީ ކޯޓުން މި ގޮތަށް އަމުރުނެރެފައިވަނީ، އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސަސް (ޖޭއެސްސީ) އިން ބަލަމުންދާ ދަނޑިވަޅެއްގަ އެވެ.
އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ވަނީ މިއަދު ބުނެފަ އެވެ. ނަމަވެސް، އެއީ ކޮން މައްސަލަތަކެއް ކަމެއް ކަމަށް ޖޭއެސްސީން ނުބުނެ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ރޭ ހާޒިރުކޮށްފައިވަނީ އޭނާއާ ގުޅޭ ސުލޫކީ ދެ މައްސަލައަކާ ގުޅޭ ގޮތުން ބަޔާން ނެގުމަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޖޭއެސްސީއިން ރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްކަތަށް ނުކުންނަވާ މައްސަލާގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނަވަނީ އޭނާ ސަސްޕެންޑްކުރުމަށް ޖޭއެސްސީއިން ނިންމާފައިވަނިކޮށެވެ. އެގޮތަށް ޖޭއެސްސީއިން ނިންމީ އޭނާއާ ގުޅޭ ޖިނާއީ ތަހުގީގުތަކެއް ފުލުހުން ކުރަމުންދާކަން އެ ކޮމިޝަނަށް ފުލުހުން ސިޓީއަކުން އަންގާފައިވާތީ އެވެ. ޖިނާއީ ތުހުމަތެއް ފަނޑިޔާރަކަށް ކުރެވޭނަމަ އެކަމަކާ ގުޅޭ ގޮތުން 48 ގަޑިއިރު ތެރޭގައި ޖޭއެސްސީއިން ފިޔަވަޅު އަޅަން ޖެހެ އެވެ.
ދެން ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ސުލޫކީ މައްސަލައަކީ އޭނާއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގު ފުލުހުން ހިންގަމުންދާކަން އެ ކޮމިޝަނަށް ސިޓީއަކުން ފުލުހުން އަންގާފައިވާ މައްސަލަ އެވެ. އެކަމުގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށް ވެސް ތަހުގީގު ޖޭއެސްސީއިން ވަނީ ފަށާފަ އެވެ.
ނަމަވެސް އެ ދެ މައްސަލާގެ ތަހުގީގު ކުރުމުގެ މަރުހަލާއިން ތިން މެންބަރަކު ވަނީ ތަނާޒަލްވެފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފާއި ކޮމިޝަންގެ މެންބަރު އަބްދުލްހަންނާން އަހުމަދާއި ލަތީފާ ގާސިމެވެ.
ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގަތް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް އެއީ ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެ އަމުރު ގަބޫލު ނުކުރަން ޖޭއެއްސީއިން ނިންމި އެވެ.
އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް ތާއިދުކޮށް އެއީ ސައްހަ ނިންމުމެއް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމާފަ އެވެ.
އެ ނިންމުމަށް ރައްދު ދެއްވައި، އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖޭއެސްސީއިން އެ ކޯޓުގެ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުންގެ މައްޗަށް އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.
އޭގެ ރައްދުގައި ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ސްސްޕެންޑު ކުރަން ޖޭއެސްސީން ނިންމި ނިންމުން މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ގާނޫނުއަސާސީއާ ހިލާފު ކަމަށާއި މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އެއްވެސް އަމުރެއް ނުހިންގަން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރަން ފާސްކޮށްފި އެވެ.