ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް، ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ނަމަވެސް، އެއީ ކޮން މައްސަލަތަކެއް ކަމެއް ނުބުނެ އެވެ.
އެ ކޮމިޝަނުން މިގޮތަށް ބުނެފައިވަނީ ސްޕްރީމް ކޯޓުގެ އިތުރު އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް މިހާތަނަށް އެ ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ.
ޖޭއެސްސީން އިއްޔެ އެގޮތަށް ބުނީ، މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުނު ނެރުނު އަމުރު ފަހުން ބާތިލު ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނި ކޮށެވެ.
މިއަދު ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމުގައި ފަނޑިޔާރުން ސުލޫކީ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ރޭ އެދިވަޑައިގެންފައި ވަނިކޮށެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަ މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ އާންމުކޮށް ހުޅުވާލައިގެން ބޭއްވޭނެ ޖާގަ އޮތް ތަނެއް ހަމަޖެހުނުހާ އަވަހަކަށް މައްސަލަތައް ބަލާށެވެ.