ހަބަރު

ދީދީގެ މައްސަލަ ހުޅުވާލައިގެން ގެންދަން ނިންމައިފި

Jun 18, 2019
7

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ގެ ސުލޫކީ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ފަނޑިޔާރު އަބްދުﷲ ދީދީ ރޭ އެދިވަޑައިގެންފައި ވަނިކޮށެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަ މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ އާންމުކޮށް ހުޅުވާލައިގެން ބޭއްވޭނެ ޖާގަ އޮތް ތަނެއް ހަމަޖެހުނުހާ އަވަހަކަށް މައްސަލަތައް ބެލުމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ ފަސް މައްސަލައެއް ބަލަމުން އަންނަ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ޖޭއެސްސީން އިތުރަށް ބުނި ގޮތުގައި، ދީދީގެ އިތުރުން ބައެއް އެހެން ފަނޑިޔާރުންގެ މައްސަލަތައް ވެސް އެ ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ.

އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ވަނީ މިއަދު ބުންޏެވެ. ނަމަވެސް، އެއީ ކޮން މައްސަލަތަކެއް ކަމެއް ކަމަށް ޖޭއެސްސީން ނުބުނެ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ރޭ ހާޒިރުކޮށްފައިވަނީ އޭނާއާ ގުޅޭ ސުލޫކީ ދެ މައްސަލައަކާ ގުޅޭ ގޮތުން ބަޔާން ނެގުމަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ޖޭއެސްސީއިން ރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްކަތަށް ނުކުންނަވާ މައްސަލާގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނަވަނީ އޭނާ ސަސްޕެންޑްކުރުމަށް ޖޭއެސްސީއިން ނިންމާފައިވަނިކޮށެވެ. އެގޮތަށް ޖޭއެސްސީއިން ނިންމީ އޭނާއާ ގުޅޭ ޖިނާއީ ތަހުގީގުތަކެއް ފުލުހުން ކުރަމުންދާކަން އެ ކޮމިޝަނަށް ފުލުހުން ސިޓީއަކުން އަންގާފައިވާތީ އެވެ. ޖިނާއީ ތުހުމަތެއް ފަނޑިޔާރަކަށް ކުރެވޭނަމަ އެކަމަކާ ގުޅޭ ގޮތުން 48 ގަޑިއިރު ތެރޭގައި ޖޭއެސްސީއިން ފިޔަވަޅު އަޅަން ޖެހެ އެވެ.

ދެން ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ސުލޫކީ މައްސަލައަކީ އޭނާއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގު ފުލުހުން ހިންގަމުންދާކަން އެ ކޮމިޝަނަށް ސިޓީއަކުން ފުލުހުން އަންގާފައިވާ މައްސަލަ އެވެ. އެކަމުގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށް ވެސް ތަހުގީގު ޖޭއެސްސީއިން ވަނީ ފަށާފަ އެވެ.

ނަމަވެސް އެ ދެ މައްސަލާގެ ތަހުގީގު ކުރުމުގެ މަރުހަލާއިން ތިން މެންބަރަކު ވަނީ ތަނާޒަލްވެފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފާއި ކޮމިޝަންގެ މެންބަރު އަބްދުލްހަންނާން އަހުމަދާއި ލަތީފާ ގާސިމެވެ.

ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގަތް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް އެއީ ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެ އަމުރު ގަބޫލު ނުކުރަން ޖޭއެއްސީއިން ނިންމި އެވެ.

އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް ތާއިދުކޮށް އެއީ ސައްހަ ނިންމުމެއް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމާފަ އެވެ.

އެ ނިންމުމަށް ރައްދު ދެއްވައި، އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖޭއެސްސީއިން އެ ކޯޓުގެ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުންގެ މައްޗަށް އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.