ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދަ ގުރޭންޑޭ ސްޕޯޓްސް ކުލަބުން އެއް ވަނައިގައި ދަމަހައްޓަމުން އަންނަ ރޭހުގައި އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.
ދަ ގުރޭންޑޭއިން ވަނީ، އެ ޓީމު ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދައި ތާވަލުގެ އެއް ވަނައިގައި ހަމަޖެހިލާފަ އެވެ. މިއަދު ކާމިޔާބު ކުރި ލަނޑުތަކާއެކު އެ ޓީމުގެ ފައިދާ ގޯލްގެ އަދަދު ހަތަކަށް އެރީ އެވެ.
މިއަދުގެ މެޗާ އެކު، ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ވިކްޓަރީ ކޮޅަށް ތިން މެޗުން 12 ލަނޑު ވަދެގެން ދިޔައީ އެވެ. އެ ޓީމަށް އެންމެ ލަނޑެއްވެސް ކާމިޔާބު ނުކުރެވެ އެވެ.
މިއަދުގެ މެޗުގައި، ދަ ގުރޭންޑޭގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އަހްމަދު ނިޒާމް 'ނިޒާންބެ' އެވެ. މެޗުގައި، ފޯކައިދޫގެ ހަމަލާތަކުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އެ ޓީމުގެ އިރާގްގެ ފޯވަޑް އުބައިދާ ޚަދޫމް އަހްމަދެވެ. މެޗުގައި ދެ ލަނޑު ޖެހުމުގެ އިތުރަށް އޭނާ ވަނީ ދަ ގުޜޭންޑޭގެ ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދީފަ އެވެ.
އުބައިދާގެ ފުރަތަމަ ލަނޑު، އޭނާ ކާމިޔާބު ކުރީ، މެޗުގެ 18 ވަނަ މިނެޓްގަ އެވެ. އެ ލަނޑަށް ފަހު، ފުރަތަމަ ހާފުގެ ބޮޑުބައެއް ދަ ގުރޭންޑޭއިން ކުޅެން މަސައްކަތް ކުރީ ހަމަޖެހިލައިގެން ތިބެ އެވެ. އެހެންވެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެންނަ ގޮތެއް ނުވި އެވެ. އެ ޓީމުން އުފެއްދި ހަމަލާތަކުގެ އަދަދު ފުރަތަމަ ހާފުގެ ބާކީބައިގައި ފެނުނީ މަދުކޮށެވެ.
ދެ ވަނަ ހާފަށް ނިކުމެ، ދަ ގުރޭންޑޭއިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. ވިކްޓަރީގެ ޑިފެންސްގެ ތެރެއިން ހާވާލާފައި ހުސްކޮށްވެސް ދެ ބޯޅައެއް އެ ޓީމަށް ލިބިގެން ދިޔަ އެވެ. އެހެންމަވެސް އެ ދެ ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްވެސް ވިކްޓަރީގެ އޭރިއާގެ ބޭރުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިއާ އިންޗިއެއްހާ މަތިން ބޭރަށެވެ.
ދަ ގުރޭންޑޭގެ ދެ ވަނަ ލަނޑު އުބައިދާ ކާމިޔާބު ކުރީ، މެޗުގެ 50 ވަނަ މިނެޓްގަ އެވެ. އެއީ އޭގެ ކުރިން އޭނާއަށްވެސް ލަނޑު ޖަހާނެ އެހެން ފުރުސަތެއް ލިބި ބޭކާރު ވުމަށް ފަހު އެވެ.
ގުރޭންޑޭގެ ހަތަރު ވަނަ ލަނޑަކީ، ވިކްޓަރީގެ ހުސައިން ޝިހްބާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދަ ގުރޭންޑޭއިން ނެގި ކޯނަރަކުން ތަނަވަސްވި ބޯޅަ ފޮނުވާލުމުން، މިއަދުގެ މެޗުގައި ވިކްޓަރީގެ ކީޕަރުކަން ކުރި، އަހްމަދު ހުސްނީ ދިފާއުވެސް ކުރި އެވެ. އޭނާ ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ޝިއުބާން ދިފާއު ކުރަން އުޅުމުގެ ތެރޭގައި ވަނީ ބައިކޮޅަށެވެ.