ކުޅިވަރު

ޓްރޭނިން ކޭމްޕްގައި ގައުމީ ވޮލީ ޓީމު ޔޫރަޕަށް

އަންނަ މަހު ބާއްވާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީބޯޅަ ޓީމުގެ ޓްރެއިނިން ކޭމްޕް ސާބިއާގައި ބޭއްވުމަށް ޔޫތު މިނިސްޓްރީން ފަހިކޮށްދީފި އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ، ސާބިއާގެ ކުޅިވަރާ ބެހޭ ވަޒީރު ވާނާ އޫޑޮވަވިޗްއާ މިއަދު ބައްދަލު ކުރައްވާފަ އެވެ. ރާއްޖޭގެ ޔޫތު ސްޕޯޓްސް މިނިސްޓްރީން ބުނީ، ސާބިއާގައި ގައުމީ ޓީމުން ކޭމްޕް ކުރުމުގެ ހުރިހާ އެހީއެއް ސާބިއާގެ ސަރުކާރުން ފޯރުކޮށް ދޭނެ ކަމަށެވެ.

އަންނަ މަހު ތިން ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހަށް ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕްގައި، ގައުމީޓީމަށް ރަނގަޅު މެޗުތަކެއް ކުޅުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު މަހްލޫފް ވަނީ، ދާދި ފަހުން މާލޭގައި ގައުމީ ވޮލީ ޓީމުގެ ޓްރެއިނިންތަކުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ވޮލީ ކުޅުއްވާފަ އެވެ.

އަންނަ މަހު 19 އިން 28 ވަނަ ދުވަހަށް މޮރީޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައި ފިރިހެން ވޮލީ ޓީމު ހިމެނެނީ، ރީޔޫނިއަން، މަޑަގަސްކަރަ އަދި ކޮމޮރޯސް އާއެކު ގުރޫޕް ބީ ގަ އެވެ. ގުރޫޕް އޭގައި ހިމެނެނީ މޮރިޝަސް އާއި ޝީޝެލްސް އަދި މަޔޯޓޭ އެވެ.