އިންޑިއާ

އިންޑިއާގެ ސުޕަލީގަށް އެއްވަނަ ދޭތީ ކުލަބުތައް ކޯޓަށް

އަންނަ ސީޒަނުން ފެށިގެން، އިންޑިއާގެ އެއް ވަނަ ލީގްގެ ދަރަޖަ "އިންޑިއަން ސުޕަ ލީގަށް" ދޭން، އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ނިންމާފައި ވުމުން، އިންޑިއާގެ މިހާރުގެ އެއް ވަނަ ލީގް އައި ލީގްގެ ކުލަބުތަކުން މައްސަލަ ހިފައިގެން ކޯޓަށް ދާން ނިންމައިފި އެވެ.

އިންޑިއާގެ ފުޓްބޯލް ފެޑްރޭޝަންގެ އިސް އޮފިޝަލަކާ ހަވާލާދީ އީއެސްޕީއެން އިން ބުނީ، ސުޕަ ލީގް އިންތިޒާމު ކުރާ އިންޑިއާގެ ފުޓްބޯލް ސްޕޯޓްސް ޑިވްލަޕްމެންޓް ލިމިޓެޑް (އެފްއެސްޑީއެލް) އާއެކު 2010 ވަނަ އަހަރު ހެދިފައިވާ އެއްބަސްވުމުގައި ދަށުން އަންނަ ސީޒަނުން ފެށިގެން އިންޑިއާގެ އެއް ވަނަ ލީގަކަށް ސުޕަ ލީގް ބަދަލު ކުރުމަށް ތައްޔާރީތައް ވެފައިވާ ކަމަށެވެ.

"ދެން އޮތީ އެކަމަށް ރަސްމީ ސިފަ ގެނައުމަށް ނިންމުން، އެކަން އެގޮތަށް ހަމަޖެހިގެން ދާނެ، ސަބަބަކީ އަހަރެމެން ކުރިއަށް ދަނީ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ހެދިގެން." ހާލަތުގެ ގޮތުން ނަން ހާމަ ކުރަން ބޭނުން ނުވާ ކަމަށް ބުނެ ވާހަކަ ދެއްކި އޮފިޝަލް އީއެސްޕީއެންގައި ބުނެފައި ވެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ސުޕަ ލީގަށް އެއް ވަނަ ދަރަޖަ ދިނުމަށް، އަންނަ ބުދަ ދުވަހު ފެޑްރޭޝަންގެ އިސްވެރިންނާއި އެފްއެސްޑީއެލް ޓީމުން ބައްދަލު ކުރުމަށް ފަހު ގޮތެއް ނިންމާނެ އެވެ. އޭރުން ސުޕަ ލީގް ވެގެންދާނެ އިންޑިއާގެ އެންމެ މަތީ އަދި އެންމެ ޝަރަފުވެރި ލީގަށެވެ.

އިންޑިއާގެ ލީގް ސިސްޓަމަށް ގެންނަ އެ ބަދާލާއެކު، މިހާރުގެ އެއް ވަނަ ލީގް، އައި ލީގަށް ދެން ވެގެން ދާނެ ގޮތަމާކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އީއެސްޕީއެން އާ ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވެފައި ވަނީ، އައި ލީގް ދެ ވަނަ ދަރަޖައިގެ ލީގެއްގޮތުގައި ހެދުމަށް ކުއްލި ނިންމުމެއް ނުނިންމާނެ ކަމަށާއި، އައީ ލީގް ޗެމްޕިއަން ޓީމަށް ސުޕަ ލީގުން ޖާގަ ލިބުމުގެ އިތުރަށް އޭއެފްސީ ކަޕުން ޖާގަ ލިބޭނެ ގޮތަށްވެސް ބަދަލު ގެނެވިދާނެ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން އޮންނާނީ ކިހާ މުއްދަތަކަށް ކަމެއް ނޭންގެ އެވެ.

އައި ލީގްގައި މިހާރު ވާދަ ކުރާ ބައެއް ކުލަބުތައް ކަމަށްވާ، ޗާޗިލް ބުރަދާސް، އީސްޓް ބެންގާލް، މޯހަން ބަގާން، މިނޭވާ ޕަންޖާބް، ނެރޮކާ އަދި ގޮކުލަމް ކެރެލާ އެފްސީގެ އިސް ފަރާތްކުން ވަނީ ލީގަށް ސިސްޓަމަށް ގެންނަން އުޅޭ ބަދަލާ ދެކޮޅު ހެދުމުގެ ގޮތުން ނިއުދިއްލީއަށް ގޮސް އިންޑިއާގެ ފެޑްރޭޝަންގެ އިސްވެރިންނާ ބައްދަލު ކުރަން ކުރަން މަސައްކަތް ކޮށްފަ އެވެ.

ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ އެކަށީގެންވާ ކޯޓަކަށް ގޮސް މައްސަލަ ހުށަހަޅާނެ ކަމަށް އެ ކުލަބުތަކުން ބުނެ އެވެ. އައި ލީގްގެ ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުން ސީދާ ޖާގަ ދެ އެވެ. މިހާރު ސުޕަ ލީގްގެ ޗެމްޕިއަން ޓީމަށް ދެނީ ޕްލޭއޮފު ބުރުންނެވެ.