ދިވެހި ޕްރެމިއާ ލީގް

ގުރީންއިން ފަހުވަގުތު އީގަލްސް ހުއްޓުވައިފި

ކުލަބު އީގަލްސްއިން ފުރަތަމަ ހާފުގައި ލީޑް ނަގާފައި ވަނިކޮށް، ކުލަބު ގުރީން ސްޓްރީޓުން ފަހު ވަގުތު އީގަލްސް ހުއްޓުވައިފި އެވެ.

އީގަލްސް ކުޅުނު ދެ މެޗުގައިވެސް، އެ ޓީމު އަތުން ތިން ޕޮއިންޓް ގެއްލުނީ މެޗުގެ އެންމެ ފަހު ވަގުތުގައި ބައިކޮޅަށް ވަން ލަނޑުންނެވެ. ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުންވެސް އެއްވަރުވީ މެޗުގެ އެންމެ ފަހު މިނެޓްގައި ޓީސީގެ ބިމާލް މަގަރު ކާމިޔާބު ކުރި ލަނޑުންނެވެ.

މިރޭގެ މެޗުގައި، އީގަލްސް ޖެހި ލަނޑަކީ ލަނޑަކީ އަހްމަދު ރިޒްވާން 'ރިޒޭ' ގެ މޮޅު ސޯލޯ ގޯލެކެވެ. އީގަލްސްގެ އަމިއްލަ ހާފުގެ ތެރެއިން ގުރީން ސްޓްރީޓްގެ ކުޅުންތެރިން އަތުން ދޫވި ބޯޅަ ހޯދައި އީގަލްސް ކުޅުންތެރިން ކުރިއަށް ދިނީ، ރިޒޭ ހުސްވާން ހުރުމުންނެވެ. މެޗުގެ 23 ވަނަ މިނެޓްގައި ހާފުގެ މެދެއްހާ ހިސާބުން އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާގެ އަރިމަތިން އަރައި ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލި އެވެ. އޭނާ ހުއްޓުވުމުގައި ގުރީންގެ ޑިފެންޑަރުންނަށް ކުރެވުނު ހަމަ އެއްވެސް ކަމެއް ނެތެވެ.

ގުރީންގެ ފަހަތުން ހެދެން ފެށި މިސްޓޭކުތައް ރަނގަޅު ކުރުމަށް އެ ޓީމުން ކުއްލި ޓެކްޓިކަލް ބަދަލެއް ގެނެ އެވެ. ޑިފެންޑަރު ގާސިމް ޝަމާމް 'ޝަންމޭ' ގެ ބަދަލުގައި ގުރީންގެ ކޯޗް ވަނީ މިއައިޓީސީ ލިބުނު މިސްރުގެ ޑިފެންޑަރު އަލް ސައީދު މަހްމޫދު ކުޅެން އަރުވާފަ އެވެ. އޭނާ ކުޅެން ނިކުމެ ގުރީންގެ ޑިފެންސަށް ބާރު ބޮޑުވަމުން ދިޔަ ދިޔުމަށް ހައްލު ގެނެ އެވެ.

ގުރީންގެ ކޯޗް އަލީ ސުޒޭން ބުނީ، ފުރަތަމަ 11 ގައި ހިމަނައިގެން އަލް ސައީދު މަހްމޫދު ކުޅެން ނުނެރުނީ މެޗަށް ތައްޔާރުވުމަށް އެންމެ ފަހު ޕްރެކްޓިސް ސެޝަނަށް ނިކުތްއިރުވެސް އޭނާއަށް އައިޓީސީ ލިބިފައި ނެތުމުން ފުރަތަމަ 11 ގައި އޭނާ ހިމަނައިގެން ޕްރެކްޓިސް ނުކުރާތީ ކަމަށެވެ. ނަމަވެސް އޭނާ ކުޅެން ނިކުމެ ދެއްކި ކުޅުމަށް ސުޒޭން ތައުރީފް ކުރި އެވެ.

ދެ ވަނަ ހާފުގައި، ގުރީން އިން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ހަމަލާ ގިނަ އުފައްދަން މަސައްކަތް ކޮށްފަ އެވެ. އީގަލްސް އަތުގައި ލީޑް އޮތުމުން މެޗު ލަސް ކުރުމަށްޓަކައި އެ ޓީމުގެ ކީޕަރު ސޫޖަން ޕެރާ ގިނަ އުކުޅުތަކެއް ބޭނުން ކުރި އެވެ.

ގުރީންގެ ލަނޑު އަލީ އަޝްފާގް 'ދަގަނޑޭ' ކާމިޔާބު ކުރީ، މެޗުގެ 90 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ތަނަވަސްވި ބޯޅައިންނެވެ. އީގަލްސްގެ ޕެނަލްޓީ އޭރިއާގެ ބޭރުން އެ ޓީމުގެ ކުޅުންތެރިން އަޝްފާގަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުން ފޮނުވާލީ މުހައްމަދު އުމޭރެވެ. އުމޭރު ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ސޫޖަން ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ކޮންޓްރޯލް ދަށުން ގެއްލުނު ބޯޅަ އަޝްފާގް ވަނީ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

އެ ލަނޑަށް ފަހު، ގުރީންގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު އަޝްފާގްގެ ފަރާތުން އޭނާގެ ލީޑާޝިޕް ފެނިގެން ދިޔަ އެވެ. ނަތީޖާ ހަމަހަހަމަ ކުރެވުނަސް އުފާފާޅު ކުރުމުގެ ބަދަލުގައި އޭނާ ގުރީންގެ ކުޅުންތެރިންނަށް އިރުޝާދު ދިނީ އަވަހަށް ބޯޅަ ހިފައިގެން އަމިއްލަ ހާފު ތެރެއަށް އައިސް ކުޅެން ފަށަން އަވަސް ކުރުމަށެވެ.