ލައިފްސްޓައިލް

ބަނޑުގެ ކަސްރަތު ހަދަން އޮށޯންނާކަށް ނުޖެހޭ!

ކަސްރަތަށް ހިނގަން އަދި ދުވަން ގޮސް ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެއް އޮވެ އެވެ. ބަނޑުގެ ކަސްރަތު ކުރުމަށް އަބަދުވެސް ވިސްނިފައި އޮންނަނީ އޮށޯވެ އޮވެގެނެވެ. ބޭނުން ވަނީ ބަނޑު ހިންދަން ކަމުގައި ބުންޏަސް އެ މަސައްކަތް ކުރުން އެއީ ނުވެފައި އޮންނަ ކަމެކެވެ. ދެން ފަސޭހަ ހައްލެއް ހޯދާލަނީ އެވެ. ކޮންމެވެސް ބެލްޓެއް ހެދުމުގެ އެތެރެއިން ލާ ބަނޑުގެ މަސްތައް ހިފަހައްޓާލަނީ އެވެ.

ފިޓްނަސްގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބަނޑުގެ ކަސްރަތު ކުރަން ކޮންމެހެން މެޓެއް އަޅައިގެން ތަނެއްގައި އޮށޯންނާކަށް ނުޖެހެ އެވެ. އޮށޯވެގެން އާއްމުކޮށް މި ހަދާ "ކްރަންޗް" ގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ކަނދުރާ އަދި އުނގަނޑުގެ މަސްތަކަށް އެކި ކަހަލަ ތަދު އަރައެވެ. ކްރަންޗް ކުރުމުގެ ބަދަލުގައި ބަނޑުގެ ކަސްރަތު ކޮންމެތާކު ވެސް ކޮޅަށް ހުރެ ކުރެވިދާނެ އެވެ.

އޮށޯވެގެން އޮވެ މި ކަސްރަތު ކުރާނަމަ ބަނޑުގެ މަސްތައް ދޫކޮށްލައިގެން ކަސްރަތު ކުރުމުން ހަށިގަނަޑަށް މީގެ އަސަރެއް ނުކުރެއެވެ. ކޮޅަށް ހުރެ ހަދާ ބަނޑުގެ ކަސްރަތުގެ ސަބަބުން މީހާ ބެލެންސް ކުރުމަށް ކޮންމެހެން ވެސް ބަނޑުގެ މަސްތައް ހިފަހައްޓަންޖެހެ އެވެ.

ޑަމްބެލް ސައިޑް ބެންޑް

ޑަމްބެލް ސައިޑް ބެންޑް އަކީ ކޮޅަށް ހުރެ ބަނޑުގެ މަސްތަކަށް އަމާޒުކޮށްގެން ހެދޭނެ ވަރަށް ފަސޭހަ ކަސްރަތެކެވެ. މި ކަސްރަތު ކުރާނެ ގޮތަކީ ފުރަތަމަ ކޮޅަށް ހުރެފައި މީހާގެ ކޮނޑުގެ ފުޅާމިނާއި އެއްވަރަށް ފައިބަހައްޓާނީ އެވެ. ދެން ކަނާތުން ޑަމްބެލް ހިފައިގެން ހުރެ ބަނޑުގެ މަސްތައް ރަނގަޅަށް ހިފަހައްޓާ ކަކޫ ނުލައްބާ ކަނާތް ފަރާތަށް އަރިއަކަށް މަޑުމަޑުން ތިރިއަށްދާނީ އެވެ. މިގޮތަށް ތިރިއަށް ދާނީ އެމީހަކަށް އެންމެ ފަސޭހަ ވަރަކަށެވެ.
މި ގޮތަށް ދިހަ ފަހަރު ކޮޅާކަށް ހަދާނީއެވެ.

ބޯ އެކްސްޓެންޝަންސް

ކަނާތުން ޑަމްބެލްއެއްގައި ހިފާލާ ދެއަތް ބޯމައްޗައް ދަމާލާށެވެ. ވާތުފައިގެ އިނިގިލިތައް ބޭރަށް ހުންނަ ގޮތަށް ކަކޫ ސީދާކޮށް ދަމާލާށެވެ. އެއް ފަހަރުން ބަރު މެއާއި ދިމާލަށް ތިރި ކުރަމުން ވާތުފައިގެ ކަކޫ ގެންގޮސް މޭގައި ޖައްސާށެވެ. މިގޮތަށް ގެންނަ މޫވްމަންޓް ރިވާސް ކުރުމަށްފަހު އަލުން ފަށާތަނަށް ދާށެވެ. މިއީ އެއް ރެޕް ހަދާނެ ގޮތެވެ. މިގޮތަށް ދިހަ ރެޕް ހެދުމަށްފަހު ކޮޅު ބަދަލުކޮށްލާނީ އެވެ.

ސްޓޭންޑިން ކޯ ސްޓެބިލައިޒޭޝަން

ކޮނޑުގެ ފުޅާ މިނަށް ފައި ބެހެއްޓުމަށްފަހު ދެއަތުން ޑަމްބެލްގައި ހިފައި އަތް ކުރިއަށް ދަމާލާށެވެ. އަދި މިގޮތަށް ދަމާލާއިރު ބަނޑުގެ ހުރިހާ މަސްތައް ހިފަހައްޓާށެވެ. މަޑުމަޑުން އުނގަނޑު ވަރަށް ކުޑަކޮށް އެނބުރޭ ވަރަށް ބަހައްޓާފައި އަތް ވިހާވެސް ބޮޑަށް ވާތް ފަރާތަށް ގެންދާށެވެ. ކުޑަ ހިނދުކޮޅަކަށް މަޑުކޮށްލުމަށްފަހު އަނެއްކާ މަޑުމަޑުން އަތް ކަނާތް ފރާތަށް ގެންދާށެވެ. އެ ހެދުނީ އެއް ރެޕެވެ. މިގޮތަށް ދިހަ ފަހަރު ހަދާ ތަކުރާރު ކުރާށެވެ.

4. ރިވާސް ޑަމްބެލް ޗޮޕް

މި ކަސްރަތު ކުރުމުގައި ކަކޫ ލެންބުމަށްފަހު އުނގަނޑު ވާތް ފަރާތަށް އަނބުރާށެވެ. ޑަމްބެލް ގޮސް ވާތު ފަލަމަސްގަނޑުގެ ބޭރުގައި ބަހައްޓާލާށެވެ. އަތް ސީދާކޮށް ބަހައްޓާ ކަނާތްފަރާތަށް ބޯ މައްޗަށް އަތް ގެންދާށެވެ. މިގޮތަށް އަތް ގެންދާއިރު ކަކޫ ސީދާކޮށްލާށެވެ. މި ކަސްރަތުގެ ދިހަ ފަހަރު ހަދާށެވެ. މި ކަސްރަތު ތަކުގެ ތިން ސެޓު ހެދުމުން ރަނގަޅު ބަނޑުގެ ކަސްރަތެއް ލިބޭނެއެވެ.