ދުނިޔެ

އެމެރިކާއަށް ސައިބާ ހަމަލައެއް ދެވިފައެއް ނެތް: އިރާން

އެމެރިކާއިން އީރާނަށް ސައިބާ ހަމަލައެއް ދީފައިވާނެ ކަމަށް ބުނުމާއި ގުޅިގެން އިރާނަށް ދީފައިވާ އެފަދަ ހަމަލާއެއް ދުވަހަކު ވެސް ކާމިޔާބުވެފައި ނުވާކަމަށް އެ ގައުމުން ބުނެފި އެވެ.

"އެމެރިކާއިން ދިންކަމަށް އެ ބުނާ ސައިބާ ހަމަލައާއި ގުޅިގެން ދުނިޔޭގެ މީޑިއާތަކުން ވަރަށް ސުވާލު އެބަ ކުރޭ. ބުނަން އޮތް ވާހަކައަކީ އެމެރިކާއަށް އެފަދަ ހަމަލައެއް ކާމިޔާބު ކުރެވިފައެއް ނުވެއޭ. އެކަމަކު އެމީހުން އެކަންތައް ކާމިޔާބު ކުރަން ވަރަށް މަސައްކަތް ކުރެއޭ!" އިރާނުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު ޖަވާދު އަޒަރީ ޔަހްރޯމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

އެމެރިކާއިން އިރާނ ސައިބާ ޓެރަރިޒަމާ ގުޅުވާފައިވާ ކަމަށާއި އެމެރިކާގެ އަމިއްލަ ގޮތް ބޮޑުކަމުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވާކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ވެސް ޔަހްރޯމީ ވިދާޅުވި އެވެ.

މިދިޔަ އަހަރު އެކަނިވެސް އެމެރިކާގެ އެފަދަ 33 މިިލިއަން ހަމަލާ ނާކާމިޔާބު ކޮށްލާފައި ވާނެ ކަމަށް ޔަހްރޯމީ ވިދާޅުވި އެވެ.

އެމެރިކާގެ ޖާސޫސީ ޑްރޯންއެއް ވައްޓާލުމުން އޭގެ ރައްދުގައި އިރާނުގެ މިސައިލް ކޮންޓްރޯލް ސިސްޓަމާއި އެގައުމުގެ ޖާސޫސް ކުރާ ނެޓްވޯކްތަކަށް ސައިބާ ހަމަލައެއް ދީފައިވާނެ ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.

އެމެރިކާއިން އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން އެންމެ ފަހުން ހަމަލާ ދިފައިވާ ތެޔޮ ޓޭންކަރުތަކަށް ހަމަލާާދިނީ އިރާނުން ކަމަށް ތުހުމަތުކޮށްފައި ވާއިރު އެމެރިކާގެ އަމަލުތަކުގެ ސަބަބުން ދެ ގައުމުގެ މަޝްރަހު އޮތީ ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފަ އެވެ.