މާޒިޔާ

ބިދޭސީ ކީޕަރު ހުއްޓަސް ހުސައިންއަށް ފުރުސަތު ދޭނަން

މާޒިޔާގެ އެއް ނަންބަރު ގޯލްކީޕަރުގެ ގޮތުގައި، އަފްގާނިސްތާންގެ ގައުމީ ޓީމުގެ ގޯލްކީޕަރު އޮވައިސް އަޒީޒީ ހުރި ނަމަވެސް، ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފަށް މެޗުތަކުން ފުރުސަތު ދޭނެ ކަމަށް މާޒިޔާގެ ކޯޗް މެސަޑޯނިއާގެ މަރުޔާން ސެކްލޮވްސްކީ ބުނެފި އެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު މާޒީޔާއިން ފެށީ އެ ޓީމުގެ އެއް ވަނަ ކީޕަރަކަށް ހުސައިން ހަމަޖައްސައިގެންނެވެ. މިދިޔަ ސީޒަންގައި އޭނާއަށް ދިން ފުރުސަތުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. މިއަހަރު މާޗް މަހު ޒުވާން ޓީމުން ސައުދީ އަރަބިއްޔާގައި ކުޅުނު އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ކީޕަރު ހުސައިން ކަމަށް ހެޑް ކޯޗް ޕީޓާ ޝެގަޓް ފާހަގަ ކުރި އެވެ.

އާ ސީޒަނަށް މާޒިޔާއިން އަފްޣާނިސްތާންގެ ކީޕަރު އަޒީޒީ ގެނައުމުން ހުސައިންއަށް ފުރަތަމަ 11 އިން ޖާގަ ގެއްލުނެވެ. ސެކްލޮވްސްކީ ބުނީ ހުސައިން އަށް މެޗުތަކުން ފުރުސަތު ދޭނެ ކަމަށެވެ.

"ހަމަ ޔަގީން އޭނާ [ހުސައިން] އަށް ފުރުސަތު ލިބިގެންދާނެ، އަހަންނަށް ހީވަނީ 30 ޕަސަންޓް މެޗުތަކުން އޭނާއަށް ފުރުސަތު ލިބިގެން ދާނެ ހެން."

ސެކްލޮވްސްކީ ބުނީ މާޒިޔާގެ ޓީމުގެ ތިބި ދިވެހި ކުޅުންތެރިންގެ ފެންވަރާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، އިތުރު މަގާމަކަށް ބިދޭސީ ކުޅުންތެރިޔަކު ގެންނަން ޖެހޭނަމަ ފުރަތަމަ ފަސް މެޗަށް ފަހު އެކަން އެނަލައިސް ކުރަން ޖެހޭނެ ކަަމަށެވެ. އޭނާ ބުނީ މާޒިޔާގެ ސްކޮޑު ވަރުގަދަ ނަމަވެސް އެ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް މެޗުތަކުން ފުރުސަތު ދޭނެ ކަމަށެވެ.

"އަހަންނަކީ ރޮޓޭޝަން ކޯޗެއް ނޫން، އަހަރެން ބަލާނީ ކުޅުންތެރިން ކުރާ މަސައްކަތަށް، ސެކްލޮވްސްކީ ބުންޏެވެ. "އަދި އަހަންނަށް މާކަ މުހިންމެއް ނޫން ފުރަތަމަ 11 އަށް އަރާ ކުޅުންތެރިންނެއްވެސް، އަހަންނަށް އެންމެ މުހިންމީ މެޗު ނިމޭއިރު އޮންނަ ނަތީޖާ، އެހެންނަމަވެސް ސީޒަންގައި ހުރިހާ ކުޅުންތެރިންނަށްވެސް ފުރުސަތު ދޭނަން."

ޕްރިމިއާ ލީގްގައި މިރޭ މާޒިޔާ ނިކުންނާނީ ނިލަންދުއާ ދެކޮޅަށެވެ. ސެކްލޮވްސްކީ ބުނީ ނިލަންދޫއިން ކިތަންމެ ލަހުން ސީޒަނަށް ތައްޔާރުވާން ފެށި ނަމަވެސް އެ ޓީމާ ދެކޮޅަށް ފަސޭހަކޮށް ނުނަގާނެ ކަމަށެވެ. އަދި ތަޖުރިބާކާރު ކުޅުންތެރިން އެ ޓީމުގައި ތިބުމުން އެކަމާ ސަމާލުވާނެ ކަމަށްވެސް ތަޖުރިބާކާރު ކޯޗް ބުންޏެވެ.