ވާހަކަ

އީޝަލް

(23 ޖޫން 2019 އާ ގުޅޭ)

"ބަޔަކު އެބާދޭ" ލުގަލްބަންދާ ސީދާ މީކާޢިލްއާ ވާހަކަދެއްކިއެވެ.

އަތިރިމައްޗަށް މީކާޢިލް ނަޒަރު ހިންގާލިއެވެ. އެ ރަށަށް ބަޔަކު ފައިބާކަމުގެ ހިލަމެއް އޭނާއަކަށް ނުވެއެވެ. އެކަމަކު ލުގަލްބަންދާގެ ހަރަކާތްތަކުން އެ ރަށާ ދިމާއަށް ބަޔަކު އަންނަކަން މީކާޢިލް ވެސް ޔަގީން ކުރިއެވެ.

"ކޮންދިމާއަކުން؟" މީކާޢިލް ސުވާލުކުރިއެވެ.

"އަދި ތިބީ ވަރަށް ދުރުގައި... އެމީހުންގެ ތެރެއިން ދަންނަ ވަހެއް އެބަހުރި، ޒިޔަޒެލް ގާތު ބުނޭ... އީޝަލް ގޭތެރެއަށް ވައްދާ، އޭނާގެ ގާތުގައި މީކާޢިލް ނޫނީ ދާރިއުސް ބަހައްޓާ... އައިޒަންގެ ސިފައިންނަށް އަންގާ ސަމާލުވެ ތިބުމަށް، އަހަރެން މިދަނީ އެމީހުން އަރަން ދިމާކުރާ ދިމާއަށް، އަހަރެންގެ ގާތަށް ޒަލަފްއާއި ސޭމެސް ފޮނުވައިދީ" ލުގަލްބަންދާ ބުންޏެވެ. އަދި މަޑުނުކޮށް ދުއްވައިގަނެއްޖެއެވެ.

"ކައިރީގަ ތިބިނަމަ އަހަރެންނަށް ވެސް އެނގުނީސް... އަހަރެންނަށް ވެސް ނޭނގޭހާ ދުރުން ލުގަލް ދެނެގެންފި" މީކާޢިލް އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.

ލުގަލްބަންދާގެ ހުސިޔާރުކަމާމެދު މީކާޢިލްގެ ޟަމީރު ވެސް ތާރީފުކޮށްލިއެވެ. އެހެންނަމަވެސް ހިތުގެ ކަނެއްގައި ފޮރުވިފައި އޮންނަ ސުވާލު ނެތިގެން ނުދެއެވެ. އީޝަލްދެކެ ލުގަލްބަންދާ ލޯބިވާކަން ޒިޔަޒެލްވަނީ ބުނެފައެވެ. އޭނާ އީޝަލް ރައްކާތެރި އެކުރަނީ އެ ލޯތްބަށް ޓަކައި ބާއެވެ. ނޫނީ އޭނާ އީޝަލްގެ ފަރާތުން ބޭނުންވާ އިތުރުކަމެއް އޮތީބާއެވެ. އެމީހުންގެ ތެރެއިން އެކަކަށްވުރެ ވެސް އީޝަލް ރައްކާތެރިކުރުމުގައި ލުގަލްބަންދާ މާ ކުޅަދާނައެވެ. ކަންކަން މާކުރިން ދެނެގަނެއެވެ. މި ޚިޔާލުތަކުގައި ހުރެ މީކާޢިލް އައިސް އެންމެ ފުރަތަމަ ވެސް ބައްދަލުކުރީ ޖޫދާއާއެކު އެ ރަށަށް އައިސް ތިބި އައިޒަންގެ ސިފައިންނާއެވެ. ބަޔަކު ރަށަށް އަރަން އުޅޭ ކަމާއި އެމީހުންގެ ހަތިޔާރުތަކާއެކު ފުރިހަމައަށް ތައްޔާރުވެ ތިބުމަށް މީކާޢިލް އެންގިއެވެ.

ހަލުވިކޮށް އައިސް ގޭތެރެއަށް ވަދެވުމާއެކު މީކާޢިލް ގޮވާލީ ޒަލަފްއާއި ސޭމެސްއަށެވެ. އެ އަޑަށް ސަމާލުވެލި ދެމީހުން މީކާޢިލްގެ ގާތަށް އައުމާއެކު ކަންތައްކުރަންވީ ގޮތް ނިކަން އަވަހަށް ބުނެލިއެވެ. އެންމެ ހިނދުކޮޅެއް ވެސް ބޭކާރުކޮށްނުލައި އެމީހުން ގެއިން ނުކުމެއްޖެއެވެ. ކެއުމުގެ ކަންކަން ނިންމާލާފައި ކުތުބުޚާނާއަށް ވަން ޒިޔަޒެލް އޭރު އެތަނުން ނުކުމެގެން ތިރީ ފެންޑާއަށް ފައިބަނީއެވެ. އޭނާއާއެކު އާރަމް ހުއްޓެވެ. ޒިޔަޒެލްއާއި އާރަމްއަށް ވެސް ލުގަލްބަންދާ ދިން ޚަބަރު މީކާޢިލް ފޯރުކޮށްދިނެވެ.

"އެނބުރި އަންނަނީތަ؟" ކަންބޮޑުވުމާއެކު އާރަމްއަށް އަހާލެވުނެވެ. އޭނާ އެ އަހަނީ ޒަގަންގެ ވާހަކަކަން އެތަނުގައި ތިބި އެންމެންނަށް ނަގައިގަނެވުނެވެ.

"ނޭނގެ، އަދި ތިބީ ވަރަށް ދުރުގައިކަން އެނގެނީ، އެކަމަކު އެމީހުންގެ ޚަބަރު ލުގަލްބަންދާއަށް ކޮންމެވެސް ގޮތަކުން ވެއްޖެ" މީކާޢިލް ބުންޏެވެ. އޭނާގެ އަތްދަނޑިމަތީ ވަރުބަލިކަމުގެ ފުން ނިންޖެއްގައި އޮތް އީޝަލް އެ މީހުންގެ ލޮލުގައި އަޅައިގަތީ ދެނެވެ. ޒިޔަޒެލް ގާތްވެލައި އީޝަލްގެ ގައިގާ އަތްޖައްސާލުމާއެކު އޭނާއަށް ނިދިފައި އޮތްކަން މީކާޢިލް ބުންޏެވެ. އަދި ލުގަލްބަންދާ އެދުނީ ގޭތެރެއަށް އީޝަލް ވެއްދުމަށްކަން ވެސް ހާމަކުރިއެވެ.

"އާރަމް، ހިނގާ އެ ދިމާއަށް.... ދާރިއުސް، ހަތޯރާ ދެ މީހުން މިޒަރެންނާއެކު ގޭތެރޭގައި މަޑުކުރޭ" ޒިޔަޒެލް މިހެންބުނެ މީކާޢިލްއަށް ބަލާލީ އޭނާ ބޭނުންވާ ގޮތަކަށް ކަންތައްކުރާށޭ ބުނާ ފަދައިންނެވެ. ކޮންމެހެން އީޝަލް ދޫކޮށްލާފައި ޒިޔަޒެލްމެންނާއެކު މީކާޢިލް އައުން މުހިންމުނޫންކަން ހާމަކުރާ ފަދައިންނެވެ.

"ހަތޯރާއި މިޒަރެން ދޭ، އަހަރެންނާއި ދާރިއުސް ގޭގައި މަޑުކުރާނަން، ޔާފިއާއާއި ލާމިއާ ވެސް އެބަތިއްބެންނު" މީކާޢިލް ބުންޏެވެ. ޒިޔަޒެލްއާ އެއްބަސްވުމުގެ ގޮތުން ހަތޯރު ބޯޖަހާލައި ޒިޔަޒެލްގެ ފަހަތުން ނުކުތެވެ. އޭނާއާ މިޒަރެން ބައިވެރިވިއެވެ.

ހޯރައަޅަމުން އައި ބިޔަ ދޫންޏެއް ރަށާދިމާއަށް ތިރިކޮށްލަން އުޅެފައި ވެސް ފަހަތަށް ޖެހޭތަން ފެނުނެވެ. އޭގެ ކޮންމެ ހަރަކާތަކާއެކު އޭގެ ވަށައިގެން ބަދަލުވަމުންދިޔަ ކަޅު ބޮޑު ވިލާގަނޑެއް ވިއެވެ. ކައިރިވީ ވަރަކަށް ފަޒާފައި "ބޫން" އަޑު ގަދަވަމުންދިޔައެވެ. އަދި ވިލާގަނޑެއް ފަދައިން ފެންނަނީ މާބުރުގެ ބައިގަނޑެއްކަން ފާޅުވާން ފެށިއެވެ. އެބައިމީހުންގެ ކިބައިން ނުރައްކަލެއްނެތްކަން ލުގަލްބަންދާ އިޢުލާން ކުރި ހިނދު ސޭމެސް ގޮވާލީ އެ އައި ބަޔަކާއެކު ރާވިން އެބަހުރި ކަމެވެ. އެހިނދު ޒިޔަޒެލް ކުރިއަށް ނުކުތެވެ.

"އެއީ އަހަރެންގެ މީހުން، އެ ގޮވާލަނީ އަހަރެންނަށް... ލުގަލްދެކެ ބިރުނުގަނޭ، އޭނާ އަހަރެން ހުއްޓާ ކަލޭމެންނަށް ގެއްލުމެއްނުދޭނެ، އެއީ ރައުލް އިތުބާރުކުރާ އޭނާގެ އަނބިމީހާގެ ވަފާތެރި އެކުވެރިއެއް، އަހަރެމެންގެ ތެރޭގައި ހުރި އެންމެ ކުޅަދާނަ އެކަކު، މި ދޫންޏަށް އިރުޝާދުދީ އެމީހުންގެ ތެރެއަށް ފައިބަން" ސަމިއާނާގެ ގާތުގައި ހުރި ރާވިން ބުންޏެވެ. އެ ދެ މީހުން ތިބީ އަތިރިމަތިން ހޯރައަޅަމުންދިޔަ ބިޔަ ދޫނީގެ ގައިމަތީއެވެ. އޭތި ތިރިނުކުރަން އުޅެނީ ލުގަލްބަންދާ ފެނިގެންނެވެ. އެސޮރުގެ ފަރާތުން އިޙްސާސްކުރެވޭ ބީރައްޓެހިކަމާއި ނުރައްކާތެރިކަމެއްގެ ސަބަބުންނެވެ. ގާތުގައި އެނބުރޭ މާބުރުގެ ބައިގަނޑުގައި އިސްވެ ހުރި ކޮމާންޑަރަށް ސަމިއާނާ ގޮވާލައި ކަންތައްކުރަންވީ ގޮތް އެންގިއެވެ. އެއާއެކު އެ މާބުރުގެ ބައިގަނޑުގެ ހަރަކާތްތައް ބަދަލުވެލިއެވެ. އަދި ދޫނީގެ މިސްރާބު ހާމައަށް އޮތް ބޮޑު ތުނޑިއާ ދިމާއަށް އަނބުރާލައިފިއެވެ. އެހިސާބަށް އާދެވުމުން މަޑުމަޑުން ތިރިވަމުން އައިސް ފަސްގަނޑުގައި އެ ޖައްސައިފިއެވެ. އެހިނދު އޭގެ މަތިން ނިކަން އަވަހަށް ރާވިން ފުންމާލިއެވެ. މާބުރުތަކުގެ ބައިގަނޑުގެ ސިފަ ބަދަލުވެ ދަހަނާކަން ފާޅުވާން ފެށިއެވެ. އެއީ ސަމިއާނާއާއެކު އައި އޭނާގެ ޚާއްސަ ސިފައިންނެވެ. އެމީހުންގެ ސިފަ ބަދަލުވެ ބޮޑެތި ބިޔަ ދިޔޯ ތަކެއްފަދައިން ތިއްބެވެ. އެމީހުންގެ ތެރެއިން ސަމިއާނާގެ އެންމެ އިސް ޚާދިމުގެ އެހީގައި އޭނާ ދޫނީގެ މަތިން ފައިބާ ދެ ސަފަށް އެތުރިތިބި ސިފައިންގެ މެދުން ލާފައި ކުރިއަށް އައެވެ.

"ރާވިން..." އެކަކަށް އެކައްޗެއް ވެސް ނުބުނެވިގެން އުޅެނިކޮށް ދުރުން އަންހެނެއްގެ ހަޅޭކުގެ އަޑުއިވުނެވެ. އޭރު އެ ދިމާއަށް ދުވެފައި ޔާފިއާ އަންނަނީއެވެ. އެއްވެސް ކަމަކަށްވުރެ ބޮޑަށް ރާވިންއަށް ވެސް އިސްކަން ދެވުނީ އޭނާގެ އަނބިމީހާއަށެވެ. އެ ދެމީހުންގެ ހަރަކާތްތަކަށް ބަލަން އެންމެން ތިބީ ހަމަޖެހުން ލިބިފައިވާ ބަޔަކު ފަދައިންނެވެ. ޔާފިއާ އުރާލުމާއެކު އޭނާގެ ނިތްކުރީގައި ރާވިން ބޮސްދިނެވެ. ލޯތްބާއެކު އެ މޫނަށް ބަލާލައި ހިނިތުންވިއެވެ.

"އަހަރެމެން އުމުރަށް ވަކިވީކަމަށް ހީކުރެވުނީ... ކޮންތާކުން ތިއައީ؟ އެއީ ކޮންބައެއް؟" އުފާވެރިކަމުގެ ކަރުނައާއެކު ޔާފިއާ ވާހަކަދެއްކިއެވެ.

"އަހަންނަށް މަޢާފުކުރޭ، އަހަރެން ކިތަންމެ ބޭނުންވިޔަސް މިވަގުތު ޔާފިއާއަށް ޓަކައި ވަގުތު ހުސްކޮށްދެވޭކަށްނެތް، އިހަށް އެންމެންނާ ބައްދަލުކުރިޔަ ދީ، އަހަރެން އެމީހުންގެ ގާތުގައި ދައްކަންޖެހޭ ވަރަށް ގިނަ ވާހަކަ އެބަހުރި" ރާވިންގެ މޫނުން ހިނިތުންވުން ފަނޑުވެ ނުތަނަވަސްކަން ކުރި ހޯދިއެވެ. އެ އަސަރުތައް ބަލަން ހުރި ޔާފިއާ ނިކަން އަވަހަށް ބޯޖަހާލިއެވެ. އަދި އެއްފަރާތަށް ޖެހިލިއެވެ. އެއާއެކު ރާވިން ހިނގައިގަތީ ޒިޔަޒެލްގެ ގާތަށެވެ.

"މީ ސަމިއާނާ، ރައުލްގެ ރަޙުމަތްތެރިއެއް... އަހަރެން މިހިސާބަށް ގެނެސްދިނީ އޭނާ، އޭނާ އައީ އުތުރު އޭޝިއާގެ ސައިބީރިއާ ފަރުބަދަތަކުގެ ތެރެއިން، އެއީ އަގިސްޠަސް ރަސްގެފާނުގެ ކާފަ ދަރިއެއް" ސަމިއާނާއަށް އިޝާރާތްކޮށް ރާވިން ތަޢާރަފެއް ދިނެވެ. ޒިޔަޒެލްއާ ކުރިމަތިވާނޭހެން ސަމިއާނާ އައިސް ހުއްޓިލިއެވެ. އޭނާ އިސްލާމީ ރިވެތި ސަލާމުން ޒިޔަޒެލްއަށް މުޚާޠިބުކުރިއެވެ. ހިނިތުންވުމަކާއެކު ޒިޔަޒެލް ޖަވާބު ދިނެވެ. އަދި އޭނާގެ ގެއަށް އައުމަށް ދަޢުވަތު ދިނެވެ. ހަމަޖެހިގެން ތިބެ ޚަބަރުދަބަރު އޮޅުން ފިލުވާނީކަމުގައި ޒިޔަޒެލް ޚިޔާލުދިނެވެ.

"ރާވިން..." ގޭ ދޮރުމަތީ ހުރި ދާރިއުސްއަށް ރާވިން ފެނުމުން ހައިރާންކަމާއެކު ގޮވާލެވުނެވެ. އެއާއެކު އޭނާގެ ކޮނޑުގައި ރާވިން ޖަހާލިއެވެ.

އެންމެން އެކުގައި ގޭތެރެއަށް ވަނެވެ. ފެންޑާގައި އެންމެންނަށް ތިބެވޭނޭ އިންތިޒާމު މިޒަރެން ހަމަޖެއްސިއެވެ. އެތަނަށް މީކާޢިލް ފޭބީ ދެނެވެ. މީކާޢިލްއާ ހަތަރުކަޅި ހަމަވި ހިނދު މޮޅިވެރިކަމާއެކު ރާވިން އިސްޖަހާލިއެވެ. މަޑުމަޑުން ޒިޔަޒެލްގެ ގާތުގައި އީޝަލް ކޮބާތޯ ރާވިން ސުވާލުކުރިއެވެ.

"ކަލެއާއި ރައުލް ގެންދެވުނު ހިނދުން ފެށިގެން އީޝަލް ބަދަލުވެއްޖެ، އޭނާ ވިސްނާކަންކަން އަހަރެންނަށް ވެސް ނޭނގޭ، އޭނާގެ ހަމައެކަނި ބައިވެރިއަކީ ލުގަލް ފަދަ... ރާވިން، ކަންތައް ހިނގާދިޔަ ގޮތް ކިޔައިދީބަލަ، ކަލޭ އައިއިރު ރައުލް ކޮބާ؟" ޒިޔަޒެލް ބުންނެވެ.

ޒިޔަޒެލްގެ ކަނާއަތް ފަރާތުގައި މީކާޢިލް އިންއިރު އަނެއްފަރާތުގައި އިނީ އާރަމްއެވެ. އެމީހުންނާ ކުރިމަތިވާނޭހެން ސަމިއާނާއާއި ރާވިން އިނެވެ. ރާވިންގެ ވައަތްފަރާތުން އޭނާގެ ގާތުގައި ޔާފިއާ އިނެވެ. ސަމިއާނާގެ ސިފައިން ގެއިން ބޭރުގައި ތިއްބެވެ. ދެން ތިބި އެންމެން ޖަމާވެފައިވަނީ ގޭގެ ފެންޑާގެ އެކި ދިމާއަށެވެ. ފިނިނޭވާއެއްލުމާއެކު ރާވިން ދެފަރާތަށް ބޯހޫރާލިއެވެ. ހުރިހާ ވާހަކައެއް ފާށާނޭ ގޮތަކާމެދު އޭނާ ވިސްނާކަހަލައެވެ. ކޮންމެ ކޮޅަކުން ފެށި ނަމަވެސް އޭނާ ދޭން އޮތީ ނުތަނަވަސްކަމާއި ހިތްދަތިކަން އެކުލެވޭ ޚަބަރެކެވެ. ރާވިން ހިމޭނުން އިންނާތީ ޔާފިއާ އޭނާގެ އަތުގައި ހިފާލިއެވެ. ހިތްވަރުކޮށްފައި ވާހަކަދައްކާށޭ ބުނާ ފަދަ ހިނިތުންވުމެއް ރާވިންއާ ޔާފިއާ ބަދަލުކޮށްލިއެވެ. ކަންތައް ހިނގައިދިޔަ ގޮތް ރާވިން ކިޔައިދޭން ފެށީ ދެނެވެ. ރައުލްގެ ވަސް އެމީހުން ފުހެލައިފިކަމާއި ޒަގަންއަށް އެއްބާރުލުން ދިނުމުގައި ބޭރީތު އިސްވެ ހުރިކަމެވެ. ބޭރީތުގެ ކޮންމެ ނިންމުމަކަށް ޚުދު އޭނާގެ ބައްޕަ، ލާވީ ވެސް އެއްބަސްވާކަމެވެ. މި ހުރިހާ ދުވަހު ރާވިން ހުރީ އެމީހުންގެ ތެރޭގައި ހައްޔަރުވެފައި ހުރި މީހަކު ފަދައިންކަމެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަލާ ބަޔަކު ތިބޭކަމެވެ. ލާވީ ބޭނުންވަނީ ރާވިން އެމީހުންގެ ތެރޭގައި ހުރުމަށްކަން ބުންޏެވެ. އީޝަލްއާއި އޭނާގެ މީހުން ބަލިކޮށްލައި ބާރު ކުޑަވެއްޖެކަމުގައި އެމީހުން ޤަބޫލުކުރާ ކަމަށެވެ. އެހެންވެ ގަސްދުކުރަނީ އަނެއްކާ ވެސް ލަޝްކަރެއް ގޮވައިގެން އައިސް ރަށަށް އަރައިގަތުމަށާއި އަދި މިފަހަރު އެނބުރި ދާއިރު އީޝަލްއާއި ޔާފިއާ ވެސް ގެންދިއުމަށެވެ. އަދި އަތުޖެހުނު ބައެއް ޤަތުލު ކުރުމަށެވެ. އެހެންވެ ހަދާނޭ ގޮތެއް ނޭނގިގެން އުޅެނިކޮށް ރައުލްގެ ސާމާނުތަކުގެ ތެރެއިން ފެނުނު ހިލަކޮޅެއްގެ އެހީގައި ސަމިއާނާއަށް ގޮވާލެވުނީކަމަށެވެ. ސަމިއާނާގެ އެހީތެރިކަން ލިބުނީ އެހެންވެކަމެވެ.

"ރައުލްއާ ނުލައި އަހަރެން އެނބުރި އަންނަން ޖެހުނީތީ އީޝަލްއާ ކުރިމަތިލާނޭ ގޮތެއް ނޭނގެ، އޭނާ ގާތު ރައުލް އަހަރެމެންނާ އަބަދަށްޓަކައި ވަކިވެގެން ހިނގައްޖެޔޭ ބުނާނީ ކިހިނެއް؟" ރާވިން ބުންޏެވެ. އޭނާގެ އަތުގައި ހިފައިގެން އިން ޔާފިއާ ވާހަކަދެއްކީ ދެނެވެ. ކޮންމެ ގޮތަކަށް އީޝަލް ހީކުރިނަމަވެސް އޭނާއަށް އެ ޚަބަރު ލިބެންޖެހޭނެކަން ޔާފިއާ ބުންޏެވެ. ރައުލް އެނބުރި އަންނާނޭ ވަގުތަކަށް އީޝަލް އިންތިޒާރުކުރާކަމާއި އެ އުންމީދުގައި އޭނާ ހުރިކަން ޔާފިއާ އޮޅުންފިލުވައިދިނެވެ. ރާވިން ނެތްއިރު ޚުދު އޭނާ ވެސް އުޅުނީ އެފަދަ ހާލެއްގައިކަމެވެ.

"އަހަރެން އެނބުރިދާން ބޭނުންވަނީ ރައުލްގެ އަނބިމީހާއާ ބައްދަލުކޮށްފައި، ދެތިން ދުވަހު މިކޮޅުގައި އަހަރެން މަޑުކޮށްލަން ބޭނުން، ހީވާގޮތުން މިތަނުގެ ވެރިޔަކީ ތީ، އަހަރެންނަށް ހުއްދަ ލިބިދާނެ؟... އެކަމަކު ބުނަން، އަހަރެން މިއައީ ހަނގުރާމައަކަށް ތައްޔާރުވެގެންނެއްނޫން، އަހަރެންގެ ކާފައަށް މިއިން އެއްވެސް ކަމެއް ނޭނގޭނެ، މީ ރައުލްއާ އަހަރެންނާ ދެމެދު އޮތް އެކުވެރިކަމުގެ ބަދަލު" ސަމިއާނާ ބުންޏެވެ.

* * * * *

"ތީ އެހާ ފަސޭހައިންވާނޭ ކަމެއްނޫން، ބޭރީތުގެ ފާރަވެރިން ވަރަށް ގިނަ، އޭނާއަށް ޖާސޫސްކޮށްދޭ ޖިންނީންގެ އަދަދު ވެސް ނޭނގޭ، ވަރަށް ހުސިޔާރުވެގެން މިތަނުން ނުކުންނަން ޖެހޭނީ" ބިންގަރާހުން ނުކުތުމާ ގުޅޭ ގޮތުން ކުރެވެމުންދިޔަ މަޝްވަރާގައި ރައުލް ބުންޏެވެ.

"އަހަރެން ގަސްދުކުރަނީ މިތަނުން ނުކުމެގެން ހުރި ދޮރު ފެންނަންދެން ދާން، ފާރަވެރިއެއްގެ ހިލަމެއްވެއްޖެނަމަ އަހަރެން އެނބުރި އަންނާނަން، އަހަރެންގެ ހަލުވިކަމާއެކު އެމީހުންނަށް އަހަރެން ފެނުމަކީ ނާދިރުކަމެއް" ޠަލަބް ބުންޏެވެ.

"އަހަރެން ދުވަހަކުވެސް މިތަނުން ބޭރަކަށް ނުނިކުންނަން، އެހެންވެ ތިކަމުގައި ކަލޭމެންނަށް އެހީއެއްވެވޭކަށްނެތް، އެކަމަކު ކަލޭމެންނަށް މިތަނުން ސަލާމަތުން ނުކުމެވޭނޭ މަގެއް ފެނިއްޖެނަމަ، ކަލޭމެންނާއެކު އަހަރެން އަޔަސް އެންމެ ރަނގަޅުތަ؟ އަހަރެންގެ ގައިގާ ބާރު އެބަހުރި، ކަލޭމެންނަށް ކުރިމަތިވާ ހުރަސްތަކުގައި އަހަރެންނަށް ވެވެންއޮތް އެހީއެއްވާނަން" އިކަރޯސް ބުންޏެވެ.

"އާން!... ކަލެއަށް މިތަނުގައި ދެން ރައްކާތެރިކަމެއްނެތް" ޒޮރައިދާ ބުންޏެވެ.

"ޒޮރައިދާއާ އަހަރެން ދެބަހެއްނުވާނަން، މިތަނުން ނުކުމެވެންދެން ކަލޭވާނެ ޒޮރައިދާ ރައްކާތެރިކޮށްދޭން" ރައުލް ބުންޏެވެ. އެކަމާ އިކަރޯސް އެއްބަސްވިއެވެ.

"އަހަރެންގެ ކަނޑި" ޠަލަބްއާއި ސިއްތާއާ ދިމާއަށް ބަލާލައި ރައުލް ބުންޏެވެ.

"ޒަގަން ގެންދިޔައީ" ސިއްތާ ނިކަން އަވަހަށް ބުންޏެވެ.

"އަހަރެން ކަލެއަށް ކަނޑިއެއް ހަދައިދީފާނަން، އެންމެ މޮޅު ދަގަނޑުން، އަހަރެންގެ ކަނބުރުއުނދުން މިހާރު ވެސް ހުރީ ތައްޔާރަށް" އިކަރޯސް ބުންޏެވެ.

"އެއީ އަހަރެންގެ އަނބިމީހާއާ ގުޅުން ހުރި ކަނޑިއެއް، އޭނާގެ ކާފަގެ އެރުވި ކަނޑިއެއް... ސިއްތާ، އަހަރެންގެ މި ބޭސްގަނޑު ރަނގަޅަށް ބަނދެދީ، މިތަނުން އަހަރެމެން ނުކުންނަން ވެއްޖެ، ޠަލަބް، ކަލޭ ގޮސް މި ބިންގަރާސްގެ ދޮރުތައް ބަލައި... ބުނަން، ވަރަށް ހުސިޔާރުވާތި، އެމީހުންނަށް ކަލޭގެ ހިލަމެއްވިޔަ ނުދޭތި، އިކަރޯސް، އެމީހުން ޚަބަރު ހިފައިގެން އަންނަންވާއިރަށް ކަލޭގެ އަތުން އަހަރެންނަށް ކަނޑިއެއް ތައްޔާރުކޮށްގެން ގެނެސްދީ" ރައުލް ބުންޏެވެ. އެންމެން އެންމެނަށް އެމީހަކާ ހަވާލުވި ކަމެއް ކުރުމަށް އުޅުނެވެ.

"ބޭރީތު ރަސްކަން ފުނޑުފުނޑުވާން ކައިރިވެއްޖެ، އެމީހުންގެ ރޭވުންތައް އަހަރެންގެ ކަލާނގެ މޮޅަށް ދެނެވޮޑިގެންވޭ" ލުއި ހިނިތުންވުމަކާއެކު ޒޮރައިދާ ބުންޏެވެ.

(ނުނިމޭ)