ސުދާންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ނިމުމަކަށް ގެނެސް އެ ގައުމުގައި އާންމުންގެ ބާރު އޮތް ވަގުތީ ސަރުކާރެއް ގާއިމްކުރުމަށް އެހީތެރިވުމުގެ ގޮތުން އިތިއޯޕިއާއިން ހުށަހެޅި އިގްތިރާހަށް ސުދާންގެ ބާރުގައި ތިއްބެވި މިލިޓަރީ ކައުންސިލުން ދެކޮޅު ހަދައިފިކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސުދާންގެ މިލިޓަރީ ކައުންސިލް (ޓީއެމްސީ) އާއި އެ ގައުމުގެ އިދިކޮޅު ފަރާތްތައް ސުދާންގައި ވަގުތީ މަދަނީ ސަރުކާރެއް ގާއިމްކުރުމަށް ތަޅާފޮޅަމުންދާތާ މިހާރު އެތައް ހަފްތާއެއް ފާއިތުވެފައި ވާއިރު ވެސް ޓީއެމްސީ އިން އެއްބާރުލުން ނުދިނުމުގެ ސަބަބުން އެއްބަސްވުމާކާއި ހަމައަށް ދެވިފައެއް ނުވެއެވެ.
އިތިއޯޕިއާގެ ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުން އެއްބަސްވެފައި ވާއިރު އެ އެއްބަސްވުމުގައި ވާގޮތުގެ މަތިން 15 ބޭފުޅުންގެ ކައުންސިލެއް އުފެދިގެން ދާއިރު އޭގެ ތެރެއިން 7 ބޭފުޅުން ހޮވާނީ މިލިޓަރީ ކައުންސިލުން ނެވެ. އިތުރު ހަތް ބޭފުޅުން އިދިކޮޅު ކޯލިޝަނުން ހޮވިގެންދާއިރު 15 ވަނަ ބޭފުޅަކީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ބޭފުޅެއް ކަމަށް ރޮއިޓާޒްއިން ރިޕޯޓްކޮށްފައި ވެއެވެ.
ޓީއެމްސީ އިން ވާހަކަ ދެއްކެވި ތަރުޖަމާނު ލިއުޓެނަންޓް ޖެނަރަލް ޝަމްސުއްދީން ޚައްބާޝީ ވިދާޅުވަނީ އެ ބޭފުޅުންނަށް އެފްރިކަން ޔޫނިއަނުން މީގެ ކުރިން ހުށަހަޅާފައިވާ ގޮތް ކަމުދާ ކަމަށެވެ.
"އަހަރެމެންނާއި ހިސާބަށް ފުރަތަމަ އައިސްފައި ވަނީ ވެސް އެފްރިކަން ޔޫނިއަންގެ ހުށަހެޅުން. ކައުންސިލުން އިތިއޯޕިއާގެ ހުށަހެޅުން ބަލައިނުގަތީ އެ ހުށަހެޅުން މާބޮޑަށް އެއްފަރާތަކަށް ޖެހޭކަމަށް ފާހަގަ ކުރެވޭތީ" މިލިޓަރީ ކައުންސިލަށް އިތިއޯޕިއާގެ ހުޝަހެޅުން ކަމުނުދިޔަ ސަބަބު ސާފުކޮށްދެމުން ޚައްބާޝީ ވިދާޅުވި އެވެ.
ސަރުކާރާއި އެއްވެސް ގުޅުމެއް ނުވާ ފްރީޑަމް ހައުސްގެ ޑިރެކްޓަރު ޖޮން ޓެމިން ވިދާޅުވާ ގޮތުގައި މިލިޓަރީ ކައުންސިލުން ސުދާންގެ މައްސަލައަށް ހައްލެއް ހޯދުމުގައި ގަސްތުގައި ލަސްކުރާކަން ފާހަގަ ކުރައްވަމުން ވިދާޅުވަނީ ކުރީގެ ސަރުކާރުތަކުން ވެސް އެގޮތަށް ކަންތައް ކޮށްފައިވާ ކަމަށެވެ.
ސުދާާންގެ މައްސަލަ ހައްލުކުރުމަށް އެފްރިކަން ޔޫނިއަންއާއި އިތިއޯޕިއާއިން ގިނަގުން މަސައްކަތްތަކެއް ކުރަމުން ދާއިރު އެކަންތައް ހައްލު ކުރުމަށް އިތިއޯޕިއާގެ ބޮޑުވަޒީރު އެކަށީގެންވި ނަމަވެސް އެގައުމުގެ އަމިއްލަ މާބޮޑު ބާރެއް ނެތް ކަމަށް ޓެމިން ވިދާޅުވި އެވެ.
"އެފްރިކަން ޔޫނިއަންއާއި އިތިއޯޕިއާއަށް އެ ދެފަރާތުން ކުރިމަތިލައިގެން އުޅުއްވާ ކަންތައް ކާމިޔާބު ކުރަން ސައުދީއާއި ޔޫއޭއީގެ އިތުރުން ފަހަރުގައި އެމެރިކާގެ ނުފޫޒު ވެސް ބޭނުންވާނެ. އަދި އެ ގައުމުތަކުން ފައިދާހުރި ގޮތަކަށް ކަމެއް ކުރާނެކަން ބުނާކަށް ނޭނގޭ. ސަބަބަކީ ސައުދީއާއި ޔޫއޭއީ ސަޕޯޓްކުރަނީ މިލިޓަރީ ވެރިަކަމަކަށް" ޓެމިން ވިދާޅުވި އެވެ.
ސުދާންއަށް އެހީތެރި ވުމުގެ ގޮތުން ސައުދީއާއި ޔޫއޭއީ މިދިޔަ އެޕްރިލް މަހު ތިން ބިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފައި ވީނަމަ ވެސް އެ ދެގައުމުން ސުދާންގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް މިލިޓަރީ ކައުންސިލުން ބުނެފައި ވެއެވެ.
ޓެމިން ވިދާޅުވާ ގޮތުގައި އެމެރިކާއިން ސުދާންގައި ރައްޔިތުންގެ މަދަނީ ސަރުކާރެއް ގާއިމް ކުރަން ބޭނުންވާކަން ބަހުރުވައިން އަންގާފައި ވިޔަސް އެކަމުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަކަށް ނުބެލެވެ އެވެ.