އޭސީސީ

ފުރަތަމަ ތިން މަހު 157 މައްސަލަ އެސީސީން ބަލައިފި

މި އަހަރުގެ ފުރަމަތަ ތިން މަސް ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ރަޖިސްޓްރީ ކުރި 287 މައްސަލައިގެ ތެރެއިން 157 މައްސަލަ ބަލައި ނިންމާފައިވާ ކަމަށް އޭސީސީން ބުނެފި އެވެ.

އޭސީސީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، 2018 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ވަނީ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕީޖީ އޮފީހަށް ތިން މައްސަލައެއް ފޮނުވާފަ އެވެ. މި އަހަރުގެ އެ މުއްދަތު ތެރޭގައި ޝަރީއަތަށް ހުށަހެޅުމަށްޓަކައި ފޮނުވީ އެއްމެ މައްސަލައެކެވެ.

މިއަހަރު ފުރަތަމަ ތިން މަސް ދުވަހު އެސީސީއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޕްރޮކިއުމަންޓާގުޅޭ މައްސަލަތަށް ކަމަށް އޭސީސީގެ ތަފާސްހިސާބުން ދައްކަ އެވެ. އެގޮތުން 2018 ވަނަ އަހަރު ޕްރޮކިއުމަންޓާގުޅޭ 147 މައްސަލައެއް ރިޕޯޓް ކޮށްފައިވާއިރު މިއަހަރު ރިޕޯޓް ކޮށްފައިވަނީ 111 މައްސަލައެކެވެ.

ވަޒީފާއި ގުޅުން ހުރި ކަންކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ރިޕޯޓް ކޮށްފައިވާ މައްސަކަތަށް ވަނީ މދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ބަލާއިރު މިއަހަރު އިތުރުވެފަ އެވެ. މިދިއަ އަހަރު ވަޒީފާ ދިނުމުގައި ނުވަތަ މަގާމުގެ ކުރި އެރުން ދިނުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ހުށަހަޅާފައިވަނީ 40 މައްސަލަ އެކެވެ. މިއަހަރު 48 މައްސަލައެކެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި 285 މައްސަލައެއް އެކަށީގެންވާ ހެއްކާއި ގަރީނާ ނެތިގެން ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައިވާ ކަމަށް އޭސީސީގެ ތަފާސްހިސާބުން ދައްކަ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 157 މައްސަލައިގެތެރެއިން، ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ ޖުމްލަ 156 މައްސަލައެވެ.