ހަބަރު

ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތައް ބަލަނީ

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ވަކިވަކި މެންބަރުންގެ މައްސަލަތައް ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ބްރޯޑްކޮމްގެ މެންބަރުން ވަނީ ހާޒިރުކޮށްފަ އެވެ. އެ ދުވަހުގެ ކޮމިޓީގައި ބްރޯޑްކޮމްގެ މެންބަރުން ވަނީ ކުރިން އޮތް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ވަކި ޓީވީ ސްޓޭޝަނަކަށް ނުވަތަ ސްޓޭޝަންތަކަކަށް އަމާޒުކޮށް އިންސާފުން ބޭރުން ކޮމިޝަނުން ނިންމުންތައް ނިންމާފައިވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވީ ބްރޯޑްކޮމްގެ ހުރިހާ މެންބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަމަށެވެ. މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވެސް ވިސާމް ވަނީ އެ މެންބަރުންގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ. އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބްރޯޑްކޮމްއިން ޖޫރިމަނާ ކުރި ޓީވީތަކުގެ ތެރޭގައި ވިސާމް ކުރިން މަސައްކަތް ކުރެއްވި ރާއްޖެޓީވީ ވެސް ހިމެނެ އެވެ.

ނަމަވެސް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުއްވީ ކޮމިޝަންގެ މެންބަރު ސޮފްވާން ފިޔަވައި އެހެން މެންބަރުން މަގާމުން ވަކިކުރުމުގެ ކުރިން ޑިއު ޕްރޮސެސްގެ އުސޫލުގެ ދަށުން ވަކިވަކި މެންބަރުން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރުމަށެވެ. އުޝާމް ހުށަހެޅުއްވުމާ އެއް ގޮތަށް ކުރިއަށް ގެންދަން ކޮމިޓީގައި ބައިވެރިވެޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވި އެވެ.

ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރަން ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ވެސް ވަނީ ނަގައިފަ އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އުޝާމާއި ވިސާމްގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

ކޮމިޓީގެ މުގަރިއްރު އަދި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ބްރޯޑްކޮމްގެ މެންބަރުންގެ މައްސަލަތައް ބަލައި ނިންމަން ސަބް ކޮމިޓީއަށް އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް މުހުލަތެއް ދީފަ އެވެ. އެ މުހުލަތު ކަނޑައެޅީ ކޮމިޓީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންނާ މެދު އަމަލު ކުރާނެ ގޮތެއް ކޮމިޓީން ކަނޑައަޅާނީ ސަބް ކޮމިޓީން ބަލައި މައްސަލަތަކުގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހުގަ އެވެ.

ބްރޯޑްކޮމްގެ މެންބަރު އިސްމާއީލް ސޮފްވާން ވަކިކުރަން ތަޅުމަށް ފޮނުވަން ކޮމިޓީން މިއަދު ނިންމި އެވެ. އެއީ އޭނާ ވަޒީފާއަށް ވަޑައިނުގަންނަވާތާ ނުވަ މަސް ދުވަސް ވުމުންނާއި އޭނާގެ ހާޒިރީއަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީގައި ބްރޯޑްކޮމްގެ މެންބަރުންނަށް އެއްވެސް ކަހަލަ ނުފޫޒެއް އައިސްފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން ބްރޯޑްކޮމްގެ ކޮންމެ މެންބަރަކު ވެސް ވިދާޅުވީ އެ ބޭފުޅަކަށް އެއްވެސް ކަހަލަ ނުފޫޒެއް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް އެއް މެންބަރަކު އަނެއް މެންބަރަށް ތުހުމަތުތައް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.