ހަބަރު

ބްރޯޑްކޮމްއިން ސޮފުވާން ވަކި ކުރަން ކޮމެޓީން ނިންމައިފި

Jun 25, 2019

ބްރޯޑް ކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް އިސްމާއީލް ސޮފްވާން ބްރޯޑްކޮމްގެ މެންބަރު ކަމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސތަކާބެހޭ ކޮމެޓީން ނިންމައިފި އެވެ.

ބްރޯޑް ކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް އިސްމާއީލް ސޮފްވާން ބްރޯޑްކޮމްގެ މެންބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސތަކާބެހޭ ކޮމެޓީން ނިންމައިފި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބްރޯޑްކޮމްގެ މެންބަރުން ހާޒިރުކުރި އެވެ. ނަމަވެސް އެ ބައްދަލުވުމަށް އެ ކޮމިޝަންގެ މެންބަރު ސޮފްވާން ވަޑައެއް ނުގަންނަވަ އެވެ. ސޮފްވާނާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުން ސުވާލު ކުރެއްވުމުން ބްރޯޑްކޮމްގެ މެންބަރުން ވިދާޅުވީ ސޮފްވާން ވަޒީފާއަށް ނުކުމެވަޑައިނުގަންނަވާ ނުވަ މަސް ދުވަސް ވެއްޖެ އެވެ. ނަމަވެސް މުސާރަ ނަންގަވަ އެވެ.

ވަޒީފާއަށް ނުކުމެވަޑައިނުގަންނަވާ މައްސަލައަށް ރިއާޔަތްކޮށް ބްރޯޑްކޮމްގެ މެންބަރު ކަމުން ސޮފްވާން ވަކިކުރަން އެ ދުވަހު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން މިއަދުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ ސޮފްވާން މެންބަރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

ބްރޯޑްކޮމް އިން ކޮމިޓީއަށް މިއަދު ފޮނުވި ސިޓީއެއްގައި ވަނީ ސޮފްވާންގެ ހާޒިރީ ފޮނުވާފަ އެވެ. އެ ހާޒިރީގައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރެއިން ފެށިގެން އޭނާ ވަޒީފާއަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ. އޭގެ ފަހުން މާޗު މަހުން ފެށިގެން އޭޕްރީލް މަހުގެ މެދުތެރެއަށް ޗުއްޓީގައި ހުންނެވި އެވެ. ޗުއްޓީ ހަމަވުމަށް ފަހު ވެސް އޭނާ ވަޒީފާއަށް ވަޑައެއް ނުގަންނަވަ އެވެ.