ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ގާނޫނުއަސާސީ އަށް ގެންނަ ހަތަރު އިސްލާހަކާއެކު 200 އަށްވުރެ ގިނަ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފައިވާ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ލެޖިސްލޭޓިވް އެޖެންޑާއާ ބެހޭ މައުލޫމާތު ދިނުމަށް އެޓާނީ ޖެނެރަލް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރިފްއަތު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އަލަށް ތައާރަފް ކުރަންޖެހޭ ގާނޫނުތަކާއި މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން ޒަމާނާ ނުގުޅޭތީ އުވާލަން ޖެހޭ އަދި އިސްލާހު ކުރަން ޖެހޭ ބައެއް ގާނޫނުތައް އެބަހުރި ކަމަށެވެ. އެގޮތުން ގާނޫނުއަސާސީއަށާއި ގާނޫނު ހިމެނޭ ގޮތަށް މި ފަސް އަހަރުގެ ތެރޭގައި ޖުމްލަ 201 ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އޭގެ ތެރެއިން 47 ބިލެއް މި އަހަރު ތެރޭގައި ހުށަހަޅާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާ މަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެއީ އަޅުގަނޑުމެން ވަރަށް މުހިންމު އަހަމިއްޔަތެއް ދޭ ބިލެއް. އެއާ އެކީގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް އަޅުގަނޑުމެން ހުށަހަޅާނަން. އަދި އިންކަމް ޓެކްސްގެ ބިލާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ހުށަހަޅާނަން،" ރިފްއަތު ވިދާޅުވި އެވެ.
ލެޖިސްލޭޓިވް އެޖެންޑާގެ މުހިންމު ބައެއް ބިލުތައް
- އެންޓި ޑިފެކްޝަން ބިލު
- އެސެޓް ރިކަވަރީއާބެހޭ ބިލު
- ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު
- ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލު
- ހަޅުތާލު ކުރުމުގެ ހައްގާބެހޭ ބިލު
- އަޅާލުން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަމުގެ ބިލު
- އިންކަމް ޓެކްސްއާބެހޭ ބިލު
- ސޮވެރިން ޑިވޮލޮޕްމެންޓް ފަންޑާބެހޭ ބިލު
ރިފްއަތު އިތުރަށް ވިދާޅުވީ ފަސް އަހަރަށް ލެޖިސްލޭޓިވް އެޖެންޑާ އިއުލާން ކުރިޔަސް، އެއިރެއްގެ ހާލަތަށް ބަލައި ބިލްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. އެގޮތުން އަހަރަކު އެއް ފަހަރު މުޅި އެޖެންޑާ މުރާޖާ ކުރާނެ ކަމަށް ރިއްފަތު ވިދާޅުވި އެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ގާނޫނުއަސާސީއަށް ހުށަހަޅަން ނިންމާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާ އިސްލާހުކުރުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމް އިސްލާހު ކުރުމުގެ ބިލެކެވެ. އޭގެ އިތުރުން އެންޓި ޑިފެކްޗަން ބިލާއި މިނިވަން މުއައްސަސާތައް އިސްލާހު ކުރުމުގެ ބިލެއް ވެސް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
އޭގެ އިތުރުން 19 ދާއިރާއަކާ ގުޅޭ 164 ބިލެއް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމަށާއި ތިމާވެއްޓާއި ތަރިކަ އާއި ވަކި ފަރާތަކަށް އަމާޒުކޮށްގެން ގެންނަ އިސްލާހުތައް ހިމެނެ އެވެ. އަދި ޒަމާނާ ނުގުޅޭތީ އުވާލުމަށް 36 ބިލެއް ވެސް އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.