ރައްޔިތުންގެ މަޖިލިސް

ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ، "އެންޓި ޑިފެކްޝަން ބިލު" ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނައިފި އެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 201 ބިލު ހިމެނޭއިރު ގާނޫނުއަސާސީއަށް ހަތަރު އިސްލާހެއް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެއް ބިލަކީ އެންޓި ޑިފެކްޝަން ބިލެކެވެ.

މަޖިލިސް މެންބަރުން އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލު ކުރާނަމަ ނުވަތަ އެ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ފުރަތަމަ ފާސް ކުރީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. އޭރު އެ ގާނޫނު އެކުލަވައިލީ 12 މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމަކާ ގުޅިގެނެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއަށް ފަހު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ފާސް ކުރި އެވެ. އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސް ކުރި ކުރުން ތަސްދީގު ކުރެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

ބަރުލަމާނީ ނިޒާމް އޮންނަ ގައުމުތަކުގައި އަމަލު ކުރަމުން އަންނަ އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހޭ ކަމަށް އޭގެ ފަހުން ވިދާޅުވަމުން ގެންދެވީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެއީ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ނޫން ކަމަށާއި އެ ވާންޖެހޭނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކަށް ކަމަށެވެ.