ދިވެހި ޕްރެމިއާ ލީގް

މާޒިޔާއަށް ލަނޑު ގޯންޏެއް

ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި އިބްރާހިމް ވަހީދު ހަސަން (ފެލެއިނީ އިއްބެ) ކާމިޔާބު ކުރި ހެޓްރިކު ތަކުން ފ. ނިލަންދޫ ސްޕޯޓްސް ކުލަބު ކޮޅަށް މާޒިޔާއިން ލަނޑު ގޯންޏެއް އޮއްސާލައިފި އެވެ. މާޒިޔާއިން މެޗު ކާމިޔާބު ކުރީ 13-0 ންނެވެ.

ދިވެހި ޕްރިމިއާ ލީގްގައި މިރޭ ކުޅުނު މެޗުގައި، ފެލެއިނީ އިއްބެ ވަނީ ފަސް ލަނޑު ޖަހާފަ އެވެ. ފުރަތަމަ ހާފުގައި އެކަނިވެސް މާޒިޔާއިން އަށް ލަނޑު ކާމިޔާބު ކުރި އެވެ. ނާއިޒު ހަސަން (ދާދު) ވެސް ހެޓްރިކެއް ހެދުމާ ވަރަށް ގާތަށް ދިޔަ އެވެ. އޭނާ ވަނީ ދެ ލަނޑު ޖާހަފަ އެވެ.

ނިލަންދޫގެ ގޯލް، މާޒިޔާއަށް ހުޅުވާލަ ދިނީވެސް ދާދު އެވެ. މެޗު ފެށިގެން ތިން ވަނަ މިނެޓްގައި އޭނާ ވަނީ ނިލަންދޫގެ ގޯލް ހުޅުވާފަ އެވެ. އެއަށް ފަހު 30 މިނެޓް ކުޅެވުނު އިރު މާޒިޔާއިން ވަނީ ނަތީޖާ ބޯޑުގައި ހަ ލަނޑު އަޅުވާފަ އެވެ.

ފުރަތަމަ ހާފުގައި މާޒިޔާއިން ލަނޑު ޖެހުމަށް ހޭދަވީ ކޮންމެ ލަނޑަކާ ދެމެދު ނިސްބަތުން ހަތް ވަރަކަށް މިނެޓެވެ. މެޗުގައި އިއްބެގެ ގޯލް އެކައުންޓް އޭނާ ހުޅުވީ 10 ވަނަ މިނެޓްގަ އެވެ. އޭގެ ނުވަ މިނެޓް ފަހުން އަސަދުﷲ ވެސް އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އެވެ.

މާޒިޔާގެ ހަތަރު ވަނަ ލަނޑު، މިޑްފީލްޑަރު މޫސާ ޔާމީން (ޔާންބެ) ކާމިޔާބު ކުރީ، 24 ވަނަ މިނެޓް އެވެ. އޭގެ ހަތަރު މިނެޓް ފަހުން އިއްބެ ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަސަދުﷲ ގެ ދެވަނަ ލަނޑު އަދި މާޒިޔާގެ ހަ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 31 ވަނަ މިނެޓްގަ އެވެ.

ފުރަތަމަ ހާފުގައި އިއްބެ އާއި އަސަދުﷲ ވަނީ އެ ކުޅުންތެރިންގެ ހެޓްރިކު ފުރިހަމަ ކޮށްފަ އެވެ. އިއްބެ ހެޓްރިކް ހެދީ 44 ވަނަ މިނެޓްގަ އެވެ. އަސަދުﷲ ހެޓްރިކް ހެދީ ފުރަތަމަ ހާފުގެ 45 މިނެޓް ހަމަވެ އިތުރަށް ކުޅުނު ވަގުތުގެ ތެރެއިން އެންމެ ފަހު މިނެޓްގަ އެވެ.

ދެ ވަނަ ހާފުގައިވެސް. މާޒިޔާއަށް ގޯލް ހުޅުވައިދިނީ ދާދު އެވެ. މިފަހަރު އޭނާ ލަނޑު ޖެހީ ހާފު ފެށިގެން ތިން ވަނަ މިނެޓްގަ އެވެ. މާޒިޔާގެ 10 ވަނަ ލަނޑު ސެންޓްރަލް ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) ކާމިޔާބު ކުރީ މެޗުގެ 55 ވަނަ މިނެޓްގަ އެވެ.

އެ ލަނޑަށް ފަހު، އިތުރު ލަނޑެއް ޖެހުމާ ދެމެދު 15 ށް މިނެޓް ހޭދަވި އެވެ. އެއީ މުޅި މެޗުގައިވެސް މާޒިޔާގެ ލަނޑެއް ނުފެނި ހޭދަވި އެންމެ ދިގު ވަގުތެވެ. އޭގަ ފަހުން މާޒިޔާގެ 11 ވަނަ ލަނޑު އިއްބެ ކާމިޔާބު ކުރީ، 71 ވަނަ މިނެޓްގަ އެވެ. މާޒިޔާގެ 12 ވަނަ ލަނޑު ކާމިޔާބު ކުރީ، ހަސަން ޝިފާޒު (ޑުންގާ) އެވެ. މާޒިޔާގެ 13 ވަނަ ލަނޑު އަދި އިއްބެގެ ފަސް ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 84 ވަނަ މިނެޓްގަ އެވެ.