ހަބަރު

ހިޔާ ފްލެޓްގެ ކުއްޔަކީ 5600ރ. ކަމަށް ނިންމި: މުއިއްޒު

"ހިޔާ މަޝްރޫއު" ދަށުން އިމާރާތް ކުރި ކޮންމެ ފްލެޓަކުން މަހު ކުއްޔަށް 5600 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށާއި ކުލީގެ ގޮތު މަހަކު 7000 ރުފިޔާ ނެގިއަސް 15 އަހަރު ތެރޭގައި ފައިދާ ވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އިމާރާތް ކުރި ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނަގާނީ މަހަކު 11000 ރުފިޔާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ އަގު ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ވެސް ދަނިކޮށެވެ.

އެ މަޝްރޫއު ފަށައި ބޮޑު ބައެއް ކުރިޔަށް ގެންދިޔައިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުއިއްޒު ވިދާޅުވީ އެންމެ ގިނަވެގެން ކޮންމެ މަހަކު 7000 ރުފިޔާގެ ކުއްޔަކުން ވެސް އެޗްޑީސީއަށް 15 އަހަރުގެ ތެރޭގައި ފައިދާ ވާނެ ކަމަށެވެ. އަދި އެއީ މަޝްރޫއަށް ހިނގި ހަރަދުތަކުގެ އިތުރަށް މަޝްރޫއާ ގުޅިގެން ހިނގި އިދާރީ ހަރަދުތައް ވެސް ހިމެނޭ ގޮތަށް ކަމަށެވެ.

މުއިއްޒު ވަނީ ޓްވީޓާާ މެދުވެރިކޮށް އެ ހިސާބުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މަޝްރޫއަށް 434 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، މަޝްރޫއާ ގުޅިގެން ކޮށްފައިވާ ހިންގުމާއި އިދާރީ ހަރަދުތަކާއެކު ޖުމުލަ 563 މިލިއަން ޑޮލަރު އަރަ އެވެ. އަދި ކޮންމެ މަހަކު ކޮންމެ ފްލެޓަކުން 7000 ރުފިޔާ ނަގަނާމަ 15 އަހަރުގެ ތެރޭގައި އެޗްޑީސީއަށް 572 މިލިއަން ޑޮލަރު ލިބެ އެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ފްލެޓަކުން ކުލީގެ ގޮތުގައި މަހަކު 5600 ރުފިޔާ ކަމުގައި އޮކްޓޯބަރު 17، 2018 ގައި ރައީސް ޔާމީން ނިންވަމައި އެޗްޑީސީއަށާއި ހައުސިން މިނިސްޓްރީއަށް އެންގެވި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މިއީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވި ފަހުން އަދި މި ސަރުކާރުގެ އަގުތައް އިއުލާން ކުރުމުގެ ކުރިން ވެސް މުއިއްޒު ވިދާޅުވެފައިވާ ވާހަކައެވެ.

ކުރީގެ ރައީސް ޔާމީން އަންގަވައިގެން ރައީސް އޮފީހުގެ އެއިރުގެ ސޯޝަލް އެފެއާޒްގެ ސްޓޭޓް މިނސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއި ކުރައްވައި ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއް ވެސް މިއަދު ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަހުމަދު ނިހާން ވަނީ އާންމުކޮށްފަ އެވެ.

އެ ސިޓީގައިވާ ގޮތުން ހިޔާ ފްލެޓަކަށް ކުލީގެ ގޮތުގައި މަހަކު ނަގާނީ 5600 ރުފިޔާ ކަމަށާއި މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނެގުމަށެވެ. އެއީ ޖުމުލަ 6600 ރުފިޔާއަށްވީއިރު، އެ އަގަކީ ވެސް މިހާރުގެ ސަރުކާރުން އިއުލާން ކުރި އަގަށްވުރެ ހެޔޮ އަގެކެވެ.