(25 ޖޫން 2019 އާ ގުޅޭ)
"އަހަރެން އަންނާނަން މިވަގުތުން ވަގުތަށް ރޫމެއް ހަމަޖެހޭތޯ ބަލާފަ" ޒައުލް ދާއިންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
ދޭތެރެއަކުން މަންހާގެ ލޯމެރުނަސް އޭނަގެ ލޯހޯދަމުންދިޔަ ފަރާތެއް ނުފެނުނެވެ. އަދި ހިނިތުންވެލައިގެން އޮތްކަމުގައި ވިޔަސް މަންމަ ނެތުމުގެ ސަބަބުން އެއުނިކަން އޭނައަށް އިޙްސާސްވިއެވެ. ދާއިންއަށް ވުރެވެސް ގާތުގައި އެވަގުތު ޖޫން އާއި ޖެނީ ހަރަކާތްތެރިވަމުންދިޔަތަން އޭނައަށް ފެނުނެއެވެ. ކޮންމެ މީހެއްގެ އަނގައިން ދަރިފުޅުގެ ރީތިވާހަކަ އާއި ވައްތަރީ ދާއިން އާއިއޭ ބުނެލާ ކޮންމެ ފަހަރަކު ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލެވެއެވެ.
"ވަސީ، ހާދަ ލޯތްބޭ އެދަރިފުޅު......ދެމައިންގެ ހާލުވެސް އިރާދަކުރެއްވީތީ ރަނގަޅު، މަންހާ ނުބުނި ކަމުގައިވިޔަސް އަހަންނަށް އެނގޭ އޭނަ ވަސީ ހޯދިކަން، އަޅެ މާމަ ދަރިފުޅު ބަލާލަން ދާހިތެއްނުވޭތަ" ރޭގަނޑު ކާން އެހެންކުދިންނާއިއެކު ގެއަށް އައި ސަޢީދު ބުނެލިއެވެ.
"އެއީވިއްޔަ މިހާރު މަށަށް ނުކުރެވިފަ އޮތްކަމަކީ، ސަޢީދު އާއި މިގޭ ހުރިހާ މީހުން ތިއައީ ގޮސް ބަލާފައެއްނު، ކޮންމެހެން އަހަރެން ނުދިއެއްކަމަކު އެކަންވެސް ތިނިމުނީނު" ތަށިތައް އަތުރަމުން އަތްމަތި އަވަސްކޮއްލާފައި އުޅުނު ވަސީމާ ބުނެލިއެވެ.
"އެކަމަކު ތީ އެއްވެސް ގޮތެއްނޫން، ކިހާ ދުވަހަކު އެމަންޖެދެކެ ރުޅިއައިސްގެން ތިހެން ހުންނާނަންތަ؟ ވަސީއަށް ކެއްވާކަން ދޯ.......ގައިމު ތިވެސް މައެއްވިއްޔަ" ސަޢީދު ހިތްހަމަނުޖެހުމަށްވުރެ ބޮޑަށް ދެރަވީއެވެ. އޭނަ އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ، އެވާހަކައް އެވަގުތު މޭޒުދޮށުގައި ތިބި އޭމީހުން ދަރިންނަށްވެސް އަޑުއިވުނެވެ.
"އަޅުގަނޑު ހީކުރީ މަންމަ އެންމެ ލޯބިވަނީ މަންކޮދެކެ ކަމަށް، އެކަމަކު މިއަދު އެނގިއްޖެ، މަންމަ މަންކޮދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވާކަން................މަންމާ މަންކޮ ކުރީ ކުށެއްނޫނޭ، އެހެންނަމަވެސް މަންމަގެ ނަޒަރުގައި އެއީ ކުށަކަށްވާނަމަ މަންކޮ އެކަމަށް މާފަށްވެސް އެދުނު، ހަމަގައިމުވެސް އެއީ މާފު ނުކުރެވޭނޭވަރުގެ ކުށެއްނޫން........ކީއްވާނީ އަޅުގަނޑުމެންނަށްޓަކައިވިޔަސް މަންކޮއަށް މާފުކޮއް މިގެއަށް އައުމަށް އެދުނިއްޔާ.......މަންކޮ މިހާރު ވަރަށް ލޯބި، ވިހޭމަވެސް އަދިވެސް ކޮލާތަންތަން ހުރި ފުއްޕާލާފަ، އަޅެ މަންމަ ދެކޭ ހިތެއްނުވޭތަ" ކާމޭޒު ދޮށުގައި އިން ޝަރަފު ބުނެލިއެވެ.
"ތިނޫން ވާހަކައެއް ދައްކާ، އަހަރެން ކަލޭމެން އޭނަގެ ކައިރިއަށް ދާކަށް މަނައެއް ނުކުރަން، އަހަރެން ދިއުމާ ނުދިއުން އެއީ އަހަރެންގެ ކަމެއް، އެހެންވެ މިބުނީ ތިނޫން އެހެން ވާހަކައެއް ދައްކާށޭ...........މަންހާގެ ނަންގަނެވޭ އަޑުވެސް އަހަން އަހަރެން ބޭނުންނުވަނީ، އެދާއިން އާއި އެނަން ގުޅިފައިވާހާ ހިނދަކު އެއްގޮތަކަށްވެސް ބޭނުމެއް، އެންމެ ކުޑަމިނުން މޫނުދެކިލަންވެސް ބޭނުމެއްނޫން" މިހެން ބުނެ ވަސީމާ ކާންތައްޔާރު ކުރެވުމުން ސަޢީދުއަށް ކާއެއްޗެހި ތައްޓަށް އަޅާދިނުމުގެ ބަދަލުގައި އޭނަ އެތަނުން ނުކުމެގެން ދިޔައީއެވެ.
"މަންމާ.........އަޅުގަނޑު މަންހާގެ ގާތުގައި މަޑުކޮއްލާނަން، ޒައުލް ބުނި އިރުކޮޅަކުން ރޫމެއްވެސް ލިބިދާނެއޭ، މީހުން މަދުވެލީމަ މަންމަ މަންހާ އާއި ވާހަކަ ދައްކާލަން ބޭނުންވެފަ ހުންނާނެތީ މިގުޅާލީ، ދެންތަ މަންހާއަތަށް" ދާއިން މަންހާގެ ގާތުގައި އިނދެބުނެލިއެވެ. އަދި މޫމިނާ އާއެކޭ ބުނެލުމާއިއެކު މަންހާގެ އަތަށް ފޯނު ދިނެވެ.
"ހެލޯ، ދަރިފުޅު، އިރާދަކުރެއްވިއްޔާ ހުރިހާ ރަނގަޅުވެދާނެ ދެން ވަރަށް އަވަހަށް، ދާން ބުނި ދަރިފުޅު ވިހޭވާހަކަ، އަނެއްކާ ރަނގަޅަށްތަ އެބުނީ، ނޫނީ އޮޕަރޭޝަން ކުރަން ޖެހުނުތަ" މޫމިނާ ފޯނުން މަންހާގެ ގާތުގައި ބުނެލިއެވެ.
"ލައްބަ މަންމާ، އޮޕަރޭޝަން ކުރާކަށް ނުޖެހުނު، އަންހެން ކުއްޖެއް ލިބުނީ، ވައްތަރީ ދާއިންއާ، މަންމާ، އަޅުގަނޑު ބޭނުންވަނީ އަވަހަށް ގެއަށްދާން، ޒާރާގެ ހާލު ކިހިނެއްތަ؟ މިހާރު ހޭއަރައިފިތަ؟ މަންމަ އާއި ޒާރާ މާދަން އަނައްޗޭ އަޅުގަނޑު ގާތަށް" މަންހާ ބުނެލިއެވެ.
"ޒާރާގެ ހާލު ރަނގަޅު.......ހޭވެސް އަރައިފި، މިހާރު ޒާރާއަކީ ދާންގެ ކުރީގެ ޒާރާ، އެކަމަކު ޒައުލް ބުނެފައިވަނީ ޒާރާ އަރާމުކުރުމަށް........މަންމަ ދެން އެކުން މާގިނަ ވާހަކަދައްކާކަށް ނުހަދާނަން، ދެން އަވަހަށް ފޯނު ބާއްވާފައި ދަރިފުޅުވެސް އަރާމުކޮއްލާ" މޫމިނާ މިހެން ބުނުމުން މަންހާ އާއެކޭ ބުނެ ފޯނުކަނޑާލިއެވެ.
"ދާއިން ނުވެސް ބުނަމެއްނު ޒާރާ ރަނގަޅުވި ވާހަކައެއް؟" ފޯނު ކަނޑާލާފައި ދާއިންގެ އަތަށް ދިއްކޮއްލަމުން މަންހާ ބުނެލިއެވެ.
"ފަހުން ބުނަންހުރީ، އަދި ނުބުނެވިފައެއް ނެތެއްނު" ދާއިން މަންހާގެ ގާތަށް ޖެހިލަމުން ބުނެލިއެވެ. ހަގީގަތުގައި އޭނަ މިއަދު އެހެރީ ވަރަށް އުފަލުންނެވެ. ޒާރާގެ ޚަބަރު ގެނެސްދިނީ ޒައުލްއެވެ. އަނެއްކޮޅުން ބައްޕައަކަށްވުމުގެ އުފާ ޚާޞިލްކޮއްދިނީ މަންހާއެވެ. އެމީހުންގެ ދަރިފުޅު ފެނުމުން ޒާރާގެ ހަރަކާތްތައް ހުންނާނީ ކިހިނެއްބާއޭ މިހާރުވެސް ދާއިންގެ ހިތަށް އަރަމުންދިޔައެވެ.
ބޭހުގެ އަސަރުގައި މުޅި ރޭ ނިދުމަށްފަހު ހެނދުނު ހެނދުނާ ޒާރާއަށް ހޭލެވުނެވެ. މަޑުމަޑުން ލޯހުޅުވާލުމަށްފަހު ވަށައިގެން ކޮޓަރިތެރެ ހޯދާލިއެވެ. އެތަށް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް ބޮޑުއެނދުގައި އޭނަ އެކަނި އޮތުމުން ހުސްކަން އިޙްސާސް ކުރެވުނެވެ. މަޑުމަޑުން ތެދުވެގެންގޮސް ފާހާނާ ބަލާލިއެވެ. ދާއިން ކޮޓަރީގައި ނެއްކަން އެނގުމުން ޒާރާގެ މޫނުމަތީގެ ތާޒާކަން ގެއްލި އުދާސްވެއްޖެއެވެ. އަނެއްކާވެސް އައިސް އެނދުމައްޗަށް އުއްޑުން ވެއްޓިގަނެ ދެލޯ މަރާލިއެވެ. އޭނައަށް ހުރިހާ ކަމެއް ހަނދާންވެއްޖެއެވެ. ދިގު އިސްކޮޅަކާއި ލޫޅާފަތި ތުނި ހަށިގަނޑެއް ލިބިފައިވާ އަންހެން ކުއްޖާ އާއި ދާއިންގެ ގުޅުން އޭނައަށް އެނގިއްޖެއެވެ.
"ހަގުއަނބި.....ދޮށީއަނބި........" ޒާރާއަށް މަޑުމަޑުން ބުނެލެވުނެވެ. އަދި ލޮލަށް ޖަމާވި ކަރުނަތަށް ހިފެހެއްޓުމެއްނެތި ކަރުނައިގެ ސައިލެއްފަދައިން ފައިބައިގަތެވެ. އިސާހިތަކު ގިސްލެވުނީ ހިތަށްވީ ތަދުންނެވެ. ދާއިންއަށް އެހާ ބޮޑު ބަދަލެއް އައުމުން އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. މަންހާއަކީ ހަގީގަތެއް ނޫންކަމަށް ހަދާ ދާއިން އާއި އޭނަގެ ދިރިއުޅުން ފޮހެލަން ބޭނުންވަނީއެވެ. ޒާރާ ފުރޮޅިލަމުން ބަންޑުން ޖެހި ބާލީހުގައި މޫނު ފޮރުވާލިއެވެ. އޭނަގެ ހިތްހީވަނީ ކަރުދާސްގަނޑެއްހެން ދެފަޅިއަށް އިރާލެވިފައިވާހެނެވެ. އެހާވެސް ފަސޭހަކަމާއިއެކުއެވެ. އޭނަގެ ލޮލަށް މަންހާގެ ބޮޑުވެފައި ހުރި ބަނޑު ސިފަވުމުން އަދި ވަކިން ބޮޑަށް ރޮވުނެވެ.
"ދާއިން އަހަރެންދެކެ ލޯބި ނުވަނީތަ، އަހަރެންގެ ކުށަކީ ކޮބާ......ދަރިން ނުލިބުންތަ؟ މީ ﷲ މިންވަރު ކުރެއްވި ގޮތެއްނު..........އަހަރެން ކިހިނެއް ދާން ބައިބައި ކުރާނީ........" ޒާރާއަށް ރޮމުން ރޮމުން ބުނެލެވުނެވެ. މޭގައި ބާރަށް އަތްޖައްސާ ބާރުކޮއްލެވުނެވެ. އެތަށް ފަހަރަކު ދާއިން އޭނަދެކެ ލޯބި ނުވާކަމުގައި ޒާރާ ބުނަމުންދިޔައެވެ.
"ހޭލީތަ......ހާދަ އަވަހަށް، ރޭގަ ރަނގަޅަށް ނުވެސް ނިދެއެއްނު" ދާއިން އަވަސް އަވަހަށް ލޯހުޅުވާލި މަންހާގެ ގާތަށް ޖެހިލަމުން ބުނެލިއެވެ.
"ނިދިއްޖެ މިހާރު، ދާއިން، ދެންދޭ ގެއަށް ގޮސްލާފަ އަންނަން، ޒާރާ ރަނގަޅުވީމަ އޭނަވެސް ހުންނާނީ ދާއިން ދެކިލާހިތުން މިހާރު.........އިމީ މިހިރީނު، ނޫނީ މަންމަ ފޮނުވާފަ ދާއިން ގޭގަ އެހަށް މަޑުކޮއްލާ" މަންހާ ދާއިންގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. ދާއިން މަންހާގެ އެއަތުގައި ހިފާ ބޮސްދިނެވެ.
"ހޫމް، ދާނަން.........އަހަރެންވެސް މިހިރީ ޒާރާ ދެކިލާހިތުން، އެކަމަކު މިވަގުތު މަންހާވެސް ދޫކޮއްލާފަ ދާހިތެއްނެއް، މަންހާ ގެއަށް ބަދަލުކުރީމަ އެއޮތީ ވަގުތެއްނު އެންމެންއެކުގައި އުޅެން، ނަސީބެއް ރޭގަ މިކޮޓަރި ހަމަޖެހުނުކަންވެސް......" ދާއިން ބުނެލިއެވެ.
"އެހެންބުނީމަ މިހަނދާންވީ، ކޮންއިރަކު ޒައުލް ދިޔައީ" މަންހާ އަހާލިއެވެ.
"މަން ކޮޓަރިއަށް ގެނައިތާ މާގިނައިރެއް ނުވޭ......މަންއަށް ނިދިފަ އޮތީމަ ނޭގުނީ ދޯ" ދާއިން މަންހާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ބޮސްދެމުން ބުނެލިއެވެ. ދާއިން އިނީ ވަރަށްވެސް އުފަލުންނެވެ.
ޒާރާގެ ޚަބަރެއްނުވެ ލަސްވުމުން މޫމިނާ އެކޮޓަރީގެ ދޮރުހުޅުވާލީ ޒާރާ ހޭލާއުޅޭތޯ ބަލާލުމަށެވެ. އޭރު ބަންޑުން މޫނު ފޮރުވާލައިގެން ޒާރާ އޮތެވެ.
"ޒާރާ، ދަރިފުޅު ހޭލާތަ" މޫމިނާ ގޮވާލިއެވެ. އެހެންނަމަވެސް ޒާރާގެ އެއްވެސް ހިލަމެއްނުވިއެވެ. އޭނަ ރޯކަން މޫމިނާއަށް އެނގިދާނެތީ ވަކިން ބޮޑަށް މޫނު ބާލީހުގެ ތެރޭ ފޮރުވާލިއެވެ. މޫމިނާ އިރުކޮޅަކު ބަލަންހުރެފައި ދިޔައީއެވެ. ކުރިންހުރި ގޮތަށް ކޮޓަރީގެ ދޮރު ލައްޕާލާފައެވެ. ޒާރާއަށް ދެންވެސް ރޮވެނީއެވެ. ދާއިންދެކެ އޭނަ އިންތިހާއަށް ލޯބިވެއެވެ. އެހެންނަމަވެސް ދާއިންގެ ހިތްވަނީ ބަދަލުވެފައިކަން އޭނައަށް ވިސްނާދެމުން ދިޔައީ އޭނަގެ އަމިއްލަ ހިތާ ސިކުނޑިއެވެ. ހުވަފެނެއްފަދައިން އޭނަގެ ލޮލަށް ފެނިފައިވާ މަންޒަރުތަކެވެ. މަންހާ އާއިދިމާލަށް ދާއިން ބަލާލާ ނަޒަރިއްޔާތެވެ.
މުޅި ދުވަހުވެސް އެނދުގައި އޮވެ ރުއިމުގައި ހޭދަކޮއްލަން ޒާރާ ބޭނުންވިއެވެ. އެހެންނަމަވެސް އޭނަގެ ޒަމީރު އެއީ އަދި ރަނގަޅު ގޮތެއްނޫންކަމުގައި ވިސްނާދިނެވެ. ދިހައެއް ޖަހަނިކޮށް ފެންވަރާ ތާޒާވެލައިގެން ސައިބޯން ނުކުތް ޒާރާއަށް މޫމިނާ ބަލާލިއެވެ. އެމޫނުމަތިން އެހެންޏާ ފެންނަ ހިނިތުންވުމެއްނެތެވެ. ހެނދުން އެޅުމުގައި ޒާރާގެ އަމިއްލަ ގޮތްގަނޑު ފެންނަން ހުއްޓެވެ. މޫމިނާއަށް ސައިމޭޒު ދޮށަށް ހިނގަމުންދިޔަ ޒާރާއީ މީގެ ކުރިން ދާއިން ކައިވެނިކޮއްގެން ގެނައި ޒާރާކަން ޔަގީންވިއެވެ.
"އިމީ، ނިދަން ދިއުމުގެ ކުރިން ސޯފިއާއަށް ގޮވައްޗޭ، އަދި ނިކަން އަވަހަށް ޒާރާއަށް ސައި ހަދާބަލަ، ވަރަށް ބަނޑުހައިވެފަ ދޯ ތީނީ، ދަރިފުޅަށް އަރާމުކޮށް ނިދާލެވުނުތަ؟" މޫމިނާ ސޯފާއިން ތެދުވެގެން ކާމޭޒުކައިރީ އިށިންނަން އުޅުނު ޒާރާގެ ކައިރިއަށް ހިނގައިގަންނަމުން ބުނެލިއެވެ. އަދި ގޮސް ޒާރާގެ ކައިރީ ޖެހިގެން އިން ގޮނޑީގައި އިށީނެވެ.
"ހޫމް.....މާގަދައަށް ނިދުނީ" ޒާރާ ހިނިތުންވެލަމުން ބުނެލިއެވެ.
"ޒައުލް ބުނި ދަރިފުޅުގެ ހާލު ދެކިލަން މިއަދު އަންނާނަމޭ، ވަކި ގަޑިއެއް ނުބުނޭ...........ދަރިފުޅާ، މަންހާއަށް ބޭބީއެއް ލިބުނުކަން އެނގޭތަ؟ މަންމަ މިގަސްދުކުރަނީ ހަވީރުން ދަރިފުޅާ މަންމައާއި ހޮސްޕިޓަލަށް ދާންކަމަށް، މަންހާ ދެކިލަން، ދަރިފުޅުގެ ވާހަކަ މަންހާ އެހި، އަދި ބުނި ހޮސްޕިޓަލަށް އަންނައިރު ކޮންމެސް ޒާރާ ގޮވައިގެން އަންނައްޗޭ" މޫމިނާ ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ.
"މަންމާ، އަޅުގަނޑު ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ، މަންމަ ގޮސްލަންވީނު" ޒާރާ ބުނެލިއެވެ. ހަގީގަތުގައި އޭނައަށް މަންހާ އާއި ދާއިން އާއި ކުރިމަތިލާނެ ހިތްވަރެއްނެތީއެވެ. އެމީހުންގެ ކުރިމަތީ އޭނައަކީ އެހާ ބަލިކަށި އަންހެނަކަށްވާން ބޭނުންނުވަނީއެވެ.
"ދަރިފުޅު ބޭރަށް ނުކުމެލަނިކޮށްވެސް ރަނގަޅު ވެދާނެ، އެހެންވިޔަސް ދަރިފުޅު ބޭނުންގޮތެއް" މޫމިނާ ބުނެލިއެވެ. ސުފުރާމަތި ކުޑައިރުކޮޅެއްގެ ތެރޭ ފަޅުފިލައިގެންދިޔައެވެ. އެއާއިއެކު ޒާރާ ކާންހުރި އެއްޗިއްސަށް ނަޒަރު ހިންގާލިއެވެ.
"އިމީ، މީ ކޯއްޗެއް، އަހަންނަށް ބްރެޑްގެނޭ.......އަހަރެން ރޮއްޓެއް ނުކާނެކަން އެނގެއެއްނު، ކޮބާ މަގޭ ސްކްރެމްބްލްޑް އެގް އެންޑް ޓޯސްޓް، އެއް ސޮސެޖުވެސް......." ޒާރާ ހިތްހަމަ ނުޖެހުނު ގޮތަކަށް ބުނެލިއެވެ.
"ޒާ ކޮންމެ ދުވަހަކުވެސް ރޮށިކާތީއޭ އިމީ އެހެން ތައްޔާރުއެކުރީ، މަންމަވެސް ހީކޮއްގެން މީނީ ދަރިފުޅު ސޮސެޖު ކެއުން ހުއްޓާލީއޭ........އެހާ ދުވަސްވެއްޖެއެއްނު ދަރިފުޅު ތިގޮތަށް ހެނދުނުގެ ނާސްތާ ނުކުރާތާ" މޫމިނާއަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބުނެއްކަމަކު ބުނެލިއެވެ. އެހެނީ މިހާރު އޭނަގެ ގާތުގައި އޭނދީ މީގެ އަހަރުތަކެއް ކުރީގެ ޒާރާއެއްނޫނެވެ. ޒާރާގެ އަސްލު އުޅުން ފެންނާނީ ދެންކަން މޫމިނާއަށް އެނގެއެވެ. ދާއިން އާއި އިނދެގެން މޫމިނާގެ ގާތަށް އަންނަ ފަހަރެއްގައިވެސް ޒާރާގެ ކެއުން ހުންނަގޮތަކީ އެއީއެވެ. ކޮންމެ ކަމެއްގައިވެސް އޭނަގެ އަމިއްލަ ވައްޓަފާޅިއެއް ގެންގުޅެއެވެ. އެކަމަކު އެޒާރާއެއް މޫމިނާއަކަށް އެހާ ކަމަކުނުދެއެވެ. އެހެނީ އޭރުގެ ޒާރާގެ ގައިގާ ބޯޑާކަމުގެ މިންވަރެއް އެކުލެވިފައިވާތީއެވެ.
"މަންމާ.........އަޅުގަނޑަށް ހެޔޮވިސްނުން ލިބިއްޖެ، ހުރިހާ ކަމެއްވެސް ހަނދާނުގައި އެބަހުރި........އެކަމަކު އަދިވެސް ޔަގީން ނުކުރެވެނީ، ހަޔާތުން ދުވަސްތަކެއް ބޭކާރުވެ ގެއްލިގެން ދިޔަހެން އިޙްސާސް ކުރެވެނީ..........މަންމާ، ދާއިން ހަމަ މަންހާ އާއި ކައިވެނި ކުރީތަ؟ އަޅުގަނޑަށް ހީވަނީ އަދިވެސް ހުވަފެނެއްގެ ތެރޭ އުޅެވޭހެން.........މިނުބައި ހުވަފެނުން ހޭލަން ބޭނުންވަނީ" ޒާރާ މޭޒުމަތީގައި އޮތް މޫމިނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެހިނދު މޫމިނާއަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ.
"ޒާރާ، ތީއަދިވެސް މިއާއިލާގެ ކުއްޖެއް، ދާއިންގެ އަލަތު އަނބިމީހާ، ދާއިން ޒާރާއަށް ދީފައިވާ މަގާމަށް ބަދަލެއް ނާދޭ، މަންމަ ބުނީތީ އިތުބާރުކޮށް ގަބޫލުކުރޭ........." މޫމިނާ އޭނަގެ އަތުގައި ހިފާލި ޒާރާގެ އަތްތިލައަށް މަޑުމަޑުން ބާރުކޮއްލަމުން ބުނެލިއެވެ.
"އެހެންވީމަ، މަންހާ އާއި ދާއިންގެ ކައިވެނިވެސް ކުރެވިދިޔައީ، އޭނަ ވިހޭ ދަރިއަކީ ކާކުގެ ދަރިއެއް؟" ޒާރާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ. އޭނަގެ ހިތް ފޮތިފޮތިވަމުން ދާފަދައެވެ.
"ދަރިފުޅާ، މަންހާއަކީ ގޯސް ކުއްޖެއްނޫން، ހުރިހާ ކަމެއް ހަނދާނުގައި ހުރިނަމަ އެކަންވެސް އެނގޭނެކަންނޭގެ، ދަރިފުޅަށް ދެރައެއް ލިބޭކަށް އޭނަ އެއް ނޭދޭނެ، ދަރިފުޅާ ވަކިވާކަށް ދާއިންވެސް ނޭދޭ، ހާލަތު މަޖުބޫރުކުރީ އިތުރު ކައިވެންޏަކަށް.........މީ މިންވަރުފުޅުގައި ވާގޮތްކަމުގައި ދެކޭ، ޒާރާ، ދަރިފުޅަކީ ދާއިންގެ ހަށިގަނޑުގެ އެއްބައި ކަމުގައިވީހިނދު އޭނަގެ އަނެއްފަޅީގައިވަނީ މަންހާ، ދާއިންއަށް ތިޔަދެކުދިންވެސް ހަމަހަމަ.........ވެދިޔަތަން ދިޔައީ ދެން އެކަމާ ނުވިސްނާ، ހުރިހާ ކުދިން އެކުގައި ކުރިއަށް ދާން ވިސްނާ" މޫމިނާ އޯގާތެރިކަމާއިއެކު ޒާރާއަށް ވިސްނާދިނުމުގެ ގޮތުން ބުނެލިއެވެ. އޭނައަށް ޒާރާގެ ހިތުގެ ހާލު އެނގުނީކަންނޭގެއެވެ. ޒާރާ މޫމިނާގެ ވާހަކަތައް އަޑުއަހާފައި އެއްވެސް އެއްޗެއް ނުބުނެއެވެ. އަދި އިމީ ގެނެސް ބެހެއްޓި ތަށިން ޒާރާ ކާންފެށިއެވެ.
ހަވީރުގެ ވަގުތެވެ. މަންހާ ބާއްވާފައި އޮތް ކޮޓަރި ފުރެމުންދިޔައީ ރަޙުމަތްތެރިންނާއި އާއިލާ މެންބަރުންނާއިގެންނެވެ. ކާއިލް އާއި އަލީޝާ ފެނުމުން މަންހާއަށް ވަކިން ބޮޑަށް ހީލެވުނެވެ. ކޮންމެ މީހަކުވެސް ވަކިވަކިން ދަރިފުޅަށް ބަލާލަމުން މަންހާ އާއި ދާއިން އާއި ވައްތަރު ކުރަމުން ދިޔައެވެ.
"ދާއިން، ކޮންއިރަކުންތަ މަންމަ އަންނާނީ؟" މަންހާ އޭނަ އާއި ދުރަށް ނުގޮސް އިން ދާއިންއަށް ބުނެލިއެވެ.
"ޒައުލް އެބައުޅޭ ގޭގަ، ޒާރާގެ ޗެކްއަޕްއެއް ހަދާލާފަ މަންމަ އާއި ޒާރާ ގޮވައިގެން މިކޮޅަށް އަންނާނަން ކަމަށް ބުނި" ދާއިން ހިނިތުންވެލާފައި ބުނެލިއެވެ.
"ކީއްވެތަ ގެއަށް ނުގޮސް އާމޯސް ލައްވާ އެއްޗެއްހި ގެނުވީ، ގެއަށް ގޮސް ފެންވަރާލައިގެން އެއްޗެހި ބަދަލު ކޮއްލިނަމަ މާ އަރާމުވާނެއެއްނު" މަންހާ ބުނެލިއެވެ. އޭނަ ކަންބޮޑުވެފައިވަނީ ޒާރާ އާއިމެދުއެވެ. ޒާރާގެ ގާތަށް ދާއިން ދާން ބޭނުންނުވަނީ އޭވެސް ބައެއްފަހަރަށް މަންހާ ހިތަށް އަރައެވެ. އެވަރަށް ޒާރާގެ ވާހަކަ ދައްކާއިރުވެސް ދާއިން މަސައްކަތްކުރަނީ އެވާހަކަ އޮއްބާލުމަށެވެ.
"މަން ގެއަށް ދޫކޮއްލަންދެން އަހަރެން މިކޮޅުން ހުރިހާ ކަމެއް ކޮއްލިޔަސް އެއީ އެވަރުގެ ކަމެއްނޫނެއްނު، ގެއަށް ދާނީ މަން ގޮވައިގެން، އެހެންނޫނަސް މިއަދު މަންމަ އާއި ޒާ އެއަންނަނީނު" ދާއިން ބުނެލިއެވެ. އެހިނދު މަންހާގެ ގާތަށް ޝަރަފްޖެހިލުމުން އޭނަ އިށީނުމަށް ތަންދީފައި ދާއިން ތެދުވެގެން ގޮސް ދަރިފުޅުގެ ގާތުގައި މަޑުކޮއްލިއެވެ.
"ތިއްތޭ.........ކީއްވެތަ މަންމަނައީ، އަޅުގަނޑު ވިހޭކަން އެނގުނީމަވެސް މާމަ ދަރިފުޅު ބަލާލަން ބޭނުމެއްނުވިތަ؟" މަންހާ ޝަރަފްގެ ގާތުގައި އަހާލިއެވެ.
"މަންމަވެސް އުފާވާނެއެއްނު، މަންކޮއަށް ބޭބީއެއް ލިބުނީމަ...........އަދި އަންނާނެ............" ޝަރަފް ވަސީމާކީ ހުރިހާ އެއްޗެއް މަންހާ ގާތު ބުނަން ބޭނުންނުވީއެވެ.
"މައި ސްވީޓް މަންހާ، ލޯބި ލޯބި ބޭބީއެއް..........އަބަދު ނިދާފަ އޮންނަނީ، ހޭލާނަމައެއްނު އުރާލެވޭނީވެސް، މިއޮއްހުރިހާ އެންމެން އަޑުގަދަ ކޮއްލާފަ އުޅޭއިރުވެސް ބޭބީއަށް ހީނުވޭ ކަމެއްހެންވެސް..........ދާއިންގެ ނިދިގަނޑު ލިބިފަ ދޯ އެހެރީ" ޖެނީ އައިސް ޝަރަފްގެ ކައިރީ ހުއްޓިލަމުން ބުނެލިއެވެ.
"ކޮބާ ޑޮކްޓަރު ކީކޭ ބުނަނީ، ގެއަށް ފޮނުވާލާ ކަހަލަ ވާހަކައެއް ނުދައްކާތަ؟" ޝިމާދު ދާއިންގެ ގާތުން އަހާލިއެވެ.
"ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް ބުނީ، ދެތިން ދުވަހެއްގެ ތެރޭ ކަމެއް ގޯސްނުވަންޏާ ގެއަށް ފޮނުވާލާނެ، ބޭބީގެވެސް އެއްވެސް މައްސަލައެއްނެއްކަމަށްވަނީ........." ދާއިން އޮޅުންފިލުވާދިނެވެ. އޭނަވެސް މިހާރު ބޭނުންވެފައިވަނީ މަންހާ ގޮވައިގެން ގެއަށް ދިއުމަށެވެ.
ޖޫން އާއި ޖެނީ މަޑުކުރުމަށްފަހު އެހެންމީހުން ގެއަށް ދިޔައީއެވެ. ޝިމާދުމެންގެ ދެމަފިރިން އައިސް އުޅުނީ އެމީހުންގެ ދަރިފުޅުވެސް ގޮވައިގެން ކަމަށްވީތީ އެކުއްޖާއަށް މާގިނައިރު މަޑުކުރެވޭގޮތެއް ނުވިއެވެ. ރޯންފެށުމުން އެންމެފަހުން ޝިމާދު އާއިލާގެ އެހެން މެންބަރުންނާއިއެކު ދާން ނުކުތީއެވެ. ޖޫން އާއި ޖެނީ މަޑުކުރީ މަންހާއަށް އެހީތެރިވުމަށެވެ. އިމީވެސް ހެނދުނު ދާއިން ވަނީ ގެއަށް ފޮނުވާލާފައެވެ. އޭރުއްސުރެ މަންހާގެ ގާތުގައި ވަގުތު ހޭދަކުރަމުން ދިޔައީ ދާއިން އެކަނިމާ އެކަންޏެވެ. ދާއިން ޖޫން އާއި ޖެނީ މަޑުނުކުރިކަމުގައިވިޔަސް އެންމެރަނގަޅުކަމަށް ބުންޏެވެ. އެހެންނަމަވެސް އެމީހުން ގަދަކޮއްލާފައި މަޑުކުރީ ދާއިން އެކަނި މަންހާގެ ކަންތައް ކޮއްދެވުނަސް ބޭބީގެ ކަންތައް ކުރަން އުނދަގޫވާނެއޭ ކިޔާފައެވެ.
ތޫލި އަޑަކުން ދަރިފުޅު ރޯލި އަޑާއިއެކު ޖެނީ އަވަސްވެގަތީ އެކުއްޖާފުޅު ނެގުމަށެވެ. އެއީ އޭނަ ބޭނުންވެފައި ހުރި ފުރުޞަތެކެވެ. އެވަގުތު އެކޮޓަރިއަށް ޒައުލް އާއިއެކު މޫމިނާ އާއި ޒާރާވަނެވެ. ބޭބީ އުރާލައިގެން ހުރި ޖެނީ ދާއިން އަށާއި ޖޫންއަށް ބަލާލިއެވެ. އަދި އެތެރެއަށް ވަދެގެން އައި މޫމިނާއަށް ހިނިތުންވެލިއެވެ. މޫމިނާ ޖެނީގެ އަތުގައި އޮތް ކުޑަދަރިފުޅަށް ބަލާލިއެވެ. އެވަގުތު ޖެނީ އަވަސްވެގަތީ އެކުއްޖާ މޫމިނާގެ އަތުގެ ތެރެއަށް ލާދިނުމަށެވެ. އަދި ޖޫން އާއިއެކު ކޮޓަރިން ބޭރަށް ނުކުމެލީ ދާއިންގެ އާއިލާއަށް ވަގުތު ދޭށެވެ. ދާއިންއަށް ޒާރާ ފެނުމުން ވީގޮތްވެސް ބުނެދޭން ނޭގުނެވެ. ހިނިތުންވެލެވުނެވެ. އެހަނަސް އަނގައިން ބުނަން އުނދަގޫވިއެވެ. ޒާރާ ތަންކޮޅެއް ދުރުގައި މަޑުކޮއްލައިގެން ހުރީ ބީރައްޓެހި ގޮތަކަށެވެ. ދާއިން ޒައުލްއަށް ބަލާލުމުން އޭނަ ލޯމަރާލަމުން ބޯޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅު ކަން އަންގާދިނުމުގެ ގޮތުންނެވެ.
"މަންހާ، ވަރަށް ފުރިހަމަ........." މޫމިނާއަށް އަތުގައި އޮތް މާމަދަރިފުޅަށް ބަލާލާފައި ބުނެލެވުނެވެ. މޫމިނާ މަންހާގެ ގާތަށް ޖެހިލާފައި އޭނަގެ ބޮލުގައި ފިރުމާލިއެވެ. އެމަންޒަރުތައް ބަލަން ހުރި ޒާރާގެ ގާތަށް ދާއިން ޖެހިލުމުން ޒައުލް އެތަނުން ނުކުންނަން ހިނގައިގަތެވެ.
"ޒާ..........މިހާރު ކިހިނެއްތަ؟" ދާއިންއަށް އަހާލެވުނެވެ.
"ރަނގަޅު........" ޒާރާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. ދާއިން މަޑުމަޑުން ޒާރާގެ އަތުގައި ހިފާލަން އުޅުނެވެ. އެހިނދު ޒާރާ އަތްއުފުލާލަމުން މެޔާއިދިމާލުން ދެއަތް ހުރަސްކޮއްލައިފިއެވެ. ދާއިންއަށް އެކަން ފާހަގަވިއެވެ. ޒާރާ ހިތްހަމަނުޖެހިފަ ހުރިހެން ހީވާންފެށިއެވެ.
"ކީއްވެ ގެއަށް ނައީ، އަހަރެން ދާންގެ މަތިން ވަރަށް ހަނދާންވި" ޒާރާ ބުނެލިއެވެ.
"އެކަމާ ހިތްހަމަ ނުޖެހިފަތަ، އަހަރެން މިހިރީ ވަރަށް އުފަލުން..........ޒާރާ ރަނގަޅުވީމަ، އެކަމަކު މަންހާ ވިހައިގެން އޮއްވަ އޭނަ ދޫކޮއްލާފަ ދިއުމަކީ ރަނގަޅު ކަމެއްނޫނެއްނު، ޒާރާއަށް ވިސްނެއެއްނު.......އެއީ ރީތި ގޮތެއްވެސް ނޫނެއްނު، މިތަނުން ކަމެއް ޖެހުނަސް އަހަރެން ހުރީމައެއްނު އެކަމެއް ކޮއްދެވޭނީ" ދާއިން ޒާރާގެ އަތުގައި ދެފަރާތުން ހިފާލަމުން މަޑުމަޑުން ވާހަކަދެއްކިއެވެ.
"ކޮންއިރަކުން އޭނަ ގެއަށް ދޫކޮއްލަނީ" ޒާރާ މަންހާއަށް ބަލާލަމުން ބުނެލިއެވެ.
"ޒާ......" ޒާރާ ބުނިގޮތުން ދާއިން ހިތްހަމަނުޖެހުނެއްކަމަކު އެކަން ފާޅުކުރުމެއްނެތި ބުނެލިއެވެ.
"ޒާރާ.........." އެވަގުތު މަންހާ ޒާރާއަށް ގޮވާލިއަޑުއިވުނެވެ.
"ދޭބަލަ މަންހާ ކައިރިއަށް" ދާއިން ޒާރާގެ އުނަގަނޑުގައި ހިފާލަމުން ޒާރާގެ ކަންފަތްދޮށުގައި ބުނެލިއެވެ. ޒާރާ ގަދަކަމުން ހިނިތުންވެލާފައި މަންހާގެ ކައިރިއަށް ހިނގައިގަތެވެ.
"މަންމާ، ޒާރާއަށް ބޭބީ ދައްކާލަ ބަލަ......." މަންހާ މޫމިނާއަށް ބުނެލިއެވެ.
"ކުޑަކުޑަ ދާއިންހެން ހީވަނީ........ދޯ ޒާރާ، އަން..........އުރާލަބަލަ" މޫމިނާ ޒާރާގެ އަތަށް މާމަދަރިފުޅު ލާދެން އުޅުނެވެ.
"އަޅުގަނޑަކަށް ނޭގޭނެ އުރާކަށް" ޒާރާ ދުރުހެލިވަމުން ބުނެލިއެވެ.
(ނުނިމޭ)