ކުޅިވަރު

ޗެމްޕިއަން ކެމެރޫނަށް ވަރުގަދަ ފެށުމެއް

އެފްރިކަން ކަޕް އޮފް ނޭޝަންގައި، ގިނީ ބަސޯއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ކެމެރޫނުން ފެށުން ރަނގަޅު ކޮށްފި އެވެ.

ހޮލެންޑްގެ ކުރީގެ މިޑްފީލްޑާ ކްލެރަންސް ސީޑޯފް ކޯޗުކޮށް ދެމުން ގެންދާ ކެމެރޫނަށް ވަނީ ފުރަތަމަ ހާފުގައި ވަރަށް ބޮޑަށް އުނދަގޫ ކުރިމަތި ވެފަ އެވެ. ގިނީ ބަސޯއާގެ ޓީމުން ޑިފެންސްގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ކެމެރޫންގެ ފުރަތަމަ ލަނޑު، ޔާޔާ ބަންނާ ކާމިޔާބު ކުރީ 66 ވަނަ މިނެޓްގަ އެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން ތަނަވަސްވި ބޯޅަ ބަންނާ ގޯލް ތެރެއަށް ވައްދާލީ ބޮލުންނެވެ. ކެމެރޫންގެ ދެވަނަ ލަނޑު އޭގެ ނުވަ މިނެޓް ފަހުން ކާމިޔާބު ކުރީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ސްޓޭފަން ބަހޭކޮން އެވެ.

އެ ގުރޫޕްގައި ދެން ހިމެނޭ، ގާނާ އާއި ބެނިން ކުޅުނު މެޗުގައި ބެނިންއިން ނަތީޖާ ހަމަހަމަ ކުރީ، ގާނާގެ އެއް ކުޅުންތެރިޔަކު މަދުވުމުން އޭގެ ފައިދާ ނަގައިގެނެވެ. ނަމަވެސް އެންމެ ފުރަތަމަ ލީޑް ނެގީ ބެނިން އެވެ. މެޗު ފެށިގެން ދެ ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ މިކައެލް ޕޮޓޭ އެވެ.

ގާނާއިން ނަތީޖާ ހަމަހަމަ ކުރީ، އޭގެ ހަތް މިނެޓް ފަހުން އަންޑްރޭ އަޔޭ އެވެ. ގާނާއަށް ލީޑް ނަގައިދިން ލަނޑުވެސް ކާމިޔާބު ކުރިވެސް އޭނާއެވެ. ދެ ވަނަ ހާފު ކުރި ކޮޅު ގާނާގެ ޑިފެންޑަރު ޖޯހަން ބޮޔޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން ގާނާ ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ބެނިން އިން ނަތީޖާ ހަމަހަމަ ކުރީ އޭގެ 10 ވަރަކަށް މިނެޓް ފަހުންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޕޮޓޭ އެވެ.