ކުޅިވަރު

ގައުމީ ކްރިކެޓް ޓީމުން ތާރީހީ މޮޅެއް ހޯދައިފި

މެލޭޝިއާގައި މިހާރު ކުރިއަށްދާ، "ޓީ 20 ޓްރީ ސީރީޒް" މުބާރާތުގައި ތައިލެންޑްގެ މައްޗަށް ކާމިޔާބު ހޯދައި، ގައުމީ ކްރިކެޓް ޓީމުން ތާރިހީ މޮޅެއް ހޯދައިފި އެވެ.

މެލޭޝިއާ ޓީ 20 ޓްރީ ސީރީޒް މުބާރަތަކީ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ގުލޯބަލް ރޭންކިންގައި ހިމެނޭ މުބާރާތެކެވެ. ތައިލެންޑާ ދެކޮޅަށް ހޯދި މޮޅަކީ، އައިސީސީ ގުލޯބަލް ރޭންކިން މުބާރާތެއްގައި ރާއްޖެއިން ހޯދި ފުރަތަމަ މޮޅެވެ.

ތައިލެންޑްގެ މައްޗަށް ރާއްޖެއިން ކުރީ ހޯދީ ދެ ވިކެޓުންނެވެ. ރާއްޖެއިން ވަނީ 131 ލަނޑު ހަދާފަ އެވެ. ތައިލެންޑަށް ހެދުނީ 130 ލަނޑެވެ. ރާއްޖޭގެ ޓީމަށް ކުޅެމުންދާ ލަންކާއަށް އުފަން، މުތުތަންޓްރިގޭ ނިލާންތަ ރޯހަނާ ކޫރޭ، 40 ލަނޑު ހެދި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ.

މެލޭޝިއާ ޓީ 20 ޓްރީ ސީރީޒް މުބާރާތުގައި، ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިއްޔަ މެލޭޝިއާ އަތުން ބަލިވީ 73 ލަނޑުންނެވެ.