ހަބަރު

ފުވައްމުލަކުގައި ޑިޓޮކްސް ހިދުމަތް ހުއްޓާލަން އެންގި މައްސަލަ ފެންމަތިވެއްޖެ

Jun 27, 2019
3

ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ޑެޓޮކްސިފިކޭޝަން ސެންޓަރުގެ ހިދުމަތް އުވާލަން ކައުންސިލާއި ރައްޔިތުން ބޭނުންވާ ކަމަށް ބުނެ ޖެންޑާ މިނިސްޓްރީން ނޭޝަނަލް ޑްރަގް އެޖެންސީއަށް ފޮނުވި ސިޓީއެއް އާންމުވެއްޖެ އެވެ.

މި މަހުގެ 17 ވަނަ ދުވަހު ތާރީހުގައި ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ސޮއިކޮށް ޖެންޑާ މިނިސްޓްރީން ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ ހަސަން ޝަހީލަށް ފޮނުވާފައިވާ ސިޓީ ވސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ސިޓީގައި ބުނެފައިވަނީ ފުވައްމުލަކު ކައުންސިލާއި ރައްޔިތުން ޑިޓޮކްސްގެ ހިދުމަތް ބޭނުން ނުވާ ކަމަށް އެދުމުން ދާތީ އެ ހިދުމަތް ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ފުވައްމުލަކު ކައުންސިލްގެ މެމްބަރު މުހައްމަދު ލިރާރު "އަވަސް" އަށް ވިދާޅުވީ، ޑިޓޮކްސް ސެންޓަރު ހިދުމަތް ބޭނުން ނުވާ ކަމަށް މިނިސްޓްރީއަށް އަންގާފައި ނުވާނެ ކަމަށެވެ.

މި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީ ބާތިލް ކޮށްފައިވާނެ ކަމަށެވެ. އަދި ހިދުމަތް ކުރިއަށް ގެންދާނެ ކަމަށް އެ ސެންޓަރަށް އަންގާފައިވާނެ ކަމަށާއި އެކަމަކު ލިޔެ ކިޔުން ހާމަ ނުކުރެވޭނެ ކަމަށެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ޑްރަގް އެޖެންސީން ރަސްމީކޮށް ފުވައްމުލަކު ޑިޓޮކްސް ސެންޓަރުގެ ހިދުމަތް ގެންދެވޭނެ ވާހަކަ ބުނެފަ އެއް ނުވެއެވެ. އެހެން ނަމަވެސް ފުރަތަމަ ފޮނުވި ސިޓީ އަށް އަމަލު ނުކުރުން ވަނީ އަންގާފަ އެވެ. އަހަރެއްގެ މައްޗަށް 200 އަށް ވުރެ ގިނަ މީހުން އެ ސެންޓަރުން ހިދުމަތް ހޯދާއިރު ރަށުގެ ގިނަ ބަޔަކު ދެކެނީ އެ ހިދުމަތް މެދުކަނޑާލުމަކީ ބޮޑު ގޯހެއް ކަމަށެވެ.

"ޑިޓޮކްސްގެ ހިދުމަތް މެނދުކަޑާލުމަކީ ބޮޑު ގޯހެއް. މިތަނުން ހިދުމަތް ހޯދާ އެންމެން ވެސް ގަބޫލު ކުރާ ގޮތުގައި މިއީ ރާއްޖޭގައި ހުރި އެންމެ ރަނގަޅު ޑިޓޮކްސް ސެންޓަރު." ޑިޓޮކްސް ސެންޓަރުން ހިދުމަތް ހޯދާ މީހަކު ކިޔައިދިނެވެ.