ރެއާލް މެޑްރިޑް

ޕޮގްބާ ނުލިބޭނަމަ ރެއާލުގެ ޓާގެޓަކީ ވެންޑެބީކް

ރެއާލް މެޑްރިޑުން ގެންދަން ބޭނުންވާ، މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ނުލިބިއްޖެނަމަ ޕްލޭން ބީ އަށް، އަޔެކްސްގެ މިޑްފީލްޑާ ޑޮނީ ވެންޑެބީކް ގެންދަން ރެއާލް މެޑްރިޑުން ތައްޔާރު ވެއްޖެ އެވެ.

މިޑްފީލްޑަށް ޕޮގްބާ ގެންދިއުމަކީ، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން އެންމެ އިސްކަން ދީފައިވާ ޓްރާންސްފާ ލިސްޓްގައި ހިމެނޭ ކަމެކެވެ. ނަމަވެސް ޕޮގްބާގެ ޓްރާންސްފާއާ ގުޅިގެން ރެއާލްއަށް އަދި މިހާތަނަށް ކާމިޔާބު ހޯދޭ ގޮތެއް ނުވެ އެވެ.

ރެއާލުން ވެންޑެބީކް އާ މެދު ޝައުގުވެރިވާ ސަބަބަކީ، މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، ރެއާލްގެ ދަނޑު ސެންތިއާގޯ ބެރުނާބޭގައި އޭނާ ދެއްކި ކުޅުމެވެ. އޭގެ ކުރީ ތިން އަހަރުގެ ޗެމްޕިއަން ރެއާލް ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުން ކަޓުވާލީ އަޔެކްސްއިންނެވެ. އޭގެ ފަހުން ކްއާޓާ ފައިނަލުގައި ޔުވެންޓަސް ކަޓުވާލީވެސް އަޔެކްސްއިންނެވެ. ޔުވެންޓަސްގައި ކުޅުނު މެޗުގައި އަޔެކްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިވެސް ވެންޑެ ބީކް އެވެ.

ވެން ޑެ ބީކް އަކީ، ޑައިރެކްޓް ކުޅުންތެރިޔެކެވެ. ޒިދާން ބޭނުންވާ ކޮލިޓީގެ ކުޅުންތެރިޔެކެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ 57 މެޗު ކުޅެފަ އެވެ. އަދި ސީޒަންގެ އެއްވެސް ހިސާބެއްގައި އަނިޔާވެފަ އެއް ނުވެ އެވެ. ސަސްޕެންޝަންގެ ސަބަބުން ވެސް އޭނާއަށް އެއްވެސް މެޗެއް ގެއްލިފައެއް ނުވެ އެވެ. އަދި އޭނާ ވަނީ 17 ލަނޑު ޖަހާފަ އެވެ. ލަނޑު ޖަހާނެ 13 ފުރުސަތު ތަނަވަސް ކޮށްދިނެވެ.

ރެއާލުން ކުރިން ޝައުގުވެރިވީ، ޓޮޓެންހަމްގެ މިޑްފީލްޑާ ކްރިސްޓިއަން އެރިކްސަން އަށެވެ. ނަމަވެސް މިހާރު އޭނާ ގެންދިއުމުގެ ޝައުގުވެރިކަން ވަނީ ދޫކޮށްލާފަ އެވެ.