ކުޅިވަރު

އެކުވެނި މިނީ ޓާފް ދަނޑު ހިލޭ ދޫކުރަނީ

މާފަންނު ކުޅިވަރު އެކުވެނީގައިވާ މިނީ ޓާފް ދަނޑު، ހިލޭ ދޫކުރަން ޔޫތު، ސްޕޯޓްސް މިނިސްޓްރީން ނިންމައިފި އެވެ.

ޔޫތު، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވީ ކުރިން 500 ރުފިޔާ އަށާއި 2000 ރުފިޔާ އާ ދެމެދުގެ އަގަކަށް ދޫކުރަމުން ދިޔަ ޓާފް ދަނޑު ހިލޭ ދޫކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

މެންދުރު ފަހު 2:00 އިރުއޮއްސި 6:00 އާ ދެމެދަށް މިނީ ޓާފް ދަނޑު ދޫކޮށްފައި ވަނީ އެފްއޭއެމް އަށެވެ. މިނިސްޓަރު ވިދާޅުވީ އެހެން ވަގުތުތަކުގައި އާންމު ފަރާތްތަކަށް ހިލޭ ދަނޑު ދޫކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ދަނޑު ހޯދަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓް ކުރާނީ އެކުވެނިން ކަމަށެވެ.

މިނި ޓާފް ދަނޑު، އިމާރާތް ކޮށްފައި ވަނީ، އޭޝިއަން ފުޓްބޯޅަ ކޮންފެޑްރޭޝަން އޭއެފްސީގެ އެހީތެރި ކަމާއެކު އެވެ. މި ދަނޑު ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ.

މިދިޔަ އަހަރުން ފެށިގެން ބާއްވަން ފެށި އެފްއޭއެމް ޔޫތު އެކެޑެމީ ލީގް މެޗުތައް ކުޅެނީ މި ދަނޑުގަ އެވެ.