ހަބަރު

ތިން އަހަރުތެރޭ މަޝްރޫއު ތަކަށް 51 އުޅަނދު ރާއްޖެ ގެނައި

ވޭތުވެދިޔަ ތިން އަހަރުތެރޭ ރާއްޖޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގައި ބޭނުން ކުރަން 51 އުޅަނދު ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސެސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ޕްރޮޖެކްޓް ތަަކަށް ބޭނުން ކުރަން 51 އުޅަނދެއް ރާއްޖެ އަށް އެތެރެ ކޮށްފައިވާ ކަމަށާ، މުއްދަތު ހަމަނުވާތީ 37 އުޅަނދެއް އަދިވެސް ރާއްޖޭގައި ބޭނުން ކުރަމުންގެންދާ ކަމަށެވެ. ކަސްޓަމުން ބުނި ގޮތުގައި ޕްރޮޖެކްޓު ތަކަށް ބޭނުން ކުރަން ވަގުތީގޮތުން ރާއްޖެ ގެންނަ އުޅަނދު ފަހަރު މުއްދަތު ހަމަވުމުން ފޮނުވާ ނުލާނަމަ އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭނެ އެވެ.

ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވަނީ ހުއްދަދެވުނު މުއްދަތު ހަމަވެގެން 12 އުޅަނދަކަށް ރާއްޖެ އިން އަނބުރާ ފޮނުވާލަން އަންގާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ދެ އުޅަނދެއް އަނބުރާ ފޮނުވާލާފައިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި ފޮނުވާނުލާ ރާއްޖޭގައި އޮތް 10 އުޅަނދަކަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ 39.7 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ދެއްކުމަށް އެ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ސިނަމާލެ ބްރިޖުގެ ޕްރޮޖެކްޓްގައި ބޭނުން ކުރަން ގެނައި ޗައިނާގެ ސީސީސީސީ ބޯޓު ހުއްދަނެތި ދަތުރުކުރާ ކަމަށް މައުލޫމާތު ލިބުމުން، އެ ބޯޓު ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު އެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ކަސްޓަމްސް އިން ބުނީ ބޯޓުގެ ވެރި ފަރާތުން މިހާރު ބޯޓު އެހެން ފަރާ ތަކަށް ވިއްކާލާފައިވާ ކަމަށެވެ. ކަސްޓަމްސް އިން ބުނީ އެ ބޯޓުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާ މިދިޔަ މަހު ދައްކާ ހަލާސް ކޮށްފައިވާ ކަމަށެވެ.