ހަބަރު

ސޮފްވާން ބްރޯޑްކޮމް އިން އިސްތިއުފާ ދެއްވައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމުން އިސްމާއިލް ސޮފްވާން އިސްތިއުފާ ދެއްވައިފި އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމުން ސޮފްވާން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ކަށަވަރުކޮށްދީފަ އެވެ. ބްރޮޑްކޮމްގެ މެންބަރު ކަމުން ސޮފްވާން އިސްތިއުފާ ދެއްވާފައި މި ވަނީ، އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ސޮފްވާން ފޮނުވާފައިވާ ސިޓީގައި ވަނީ އޭނާއަށް ވަޒީފާއަށް ނުކުމެވަޑައިނުގެންނެވީ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރައްވަން ޖެހިވަޑައިގެންނެވެ. އެ ކަމުގެ ސަބަބުން ވަޒީފާއަށް ނުކުމެވަޑައިގަންނަވަން އުޒުރުވެރިވެ ވިދިވިދިގެން ސަލާން ބުނުމަކީ އޭނާއަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރައްވަން އޮތް ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާތީ އިސްތިއުފާ ދެއްވާ ކަމަށް ސިޓީގައި ވެ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމުގައި ހުންނެވިއިރު، އެ ކޮމިޝަންގެ އެހެން މެންބަރުންނަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވާފައިނުވާ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ސޮފްވާން ފޮނުވި ސިޓީގައިވެ އެވެ. އަދި ކޮމިޝަންގެ މެންބަރުކަމުގައި ހުންނަވައި އަމިއްލަ މަސްލަހަތު އިސްކޮށް އެއްވެސް ނިންމުމެއް ނިންމާފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވީމާ އަޅުގަނޑުގެ އިސްތިއުފާ ގަބޫލު ކުރައްވައި މަގާމުން ވަކިކޮށްދެއްވުން އެދި ވަރަށް އަދަބުވެރިކަމާއެކު ދެންނެވީމެވެ." ސޮފްވާން ފޮނުވި ސިޓީގައިވެ އެވެ.

ބްރޯޑްކޮމް އިން ކޮމިޓީއަށް ފޮނުވާފައިވާ ސޮފްވާންގެ ހާޒިރީގައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މެދު ތެރެއިން ފެށިގެން އޭނާ ވަޒީފާއަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް މުސާރަ ނަންގަވަ އެވެ. އެ މައްސަލާގައި ވަރަށް ގިނަ ބަޔެއްގެ ފާޑިކިޔުންތައް ވެސް އޭނާއާ އަމާޒުވި އެވެ.