މުޒާހަރާތައް ރޫޅާލަން ބޭނުންކުރާ ކަރުނަގޭސް ފަދަ އާލަތްތައް ހޮންގްކޮންގްއަށް ވިއްކުން އިނގިރޭސި ވިލާތުގެ ސަރުކާރުން މަނާކޮށްފި އެވެ.
ހޮންގްކޮންގްގެ އެކްސްޓްރެޑިޝަން ބިލާއި ދެކޮޅަށް އާންމު ރައްޔިތުން ކުރި ބޮޑު މުޒާހަރާގައި ފުލުހުން ރައްޔިތުންގެ މައްޗަށް ހިންގާފައިވާ އަނިޔާވެރި އަމަލުތަކުގެ ތަހުގީގެއް ފެއްޓެމަށް ވެސް އިނގިރޭސި ވިލާތުން ވަނީ ގޮވާލާފަ އެވެ.
އިރެއްގައި އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ހޮންގްކޮންގްގެ މަގުތަކަށް ފާއިތުވި ދެތިން ހަފްތާތެރޭގައި މުޒާހަރާކުރަން މިލިއަނުން މީހުން ޖަމާވެފައި ވާއިރު ފުލުހުން މުޒާހަރާގެ ތެރެއަށް ކަރުނަ ގޭހާއި ރަބަރު ވަޒަން ޖެހުމުގެ ސަބަބުން މުޒާހަރާގެ ފުރަތަމަ ދުވަހު އެތައް ބަޔަކަށް އެކި ވަރުވަރުގެ އަނިޔާ ލިބިފައިވެ އެވެ.
ބާރުގެ ގޮތުން ވަރުގަދަވަމުން އަންނަ ޗައިނާގެ ސަރުކާރަށް ގޮން ޖަހާލުމަށް ފަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގް 2012 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށް ބިލް ފާސްކުރުމާ ދެކޮޅަށް އަޑުއުފުލަމުން ހޮންގްކޮންގްގެ މަގުތައް ފުރާލި ޒުވާނުން ވެގެން ދާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
"އަޅުގަނޑު ހޮންގްކޮންގް ސަރުކާރަށް ގޮވާލަން ދުނިޔެއަށް ފެނިގެން ދިޔަ އަނިޔާވެރި މަންޒަރުތަކުގެ މިނިވަން ތަހުގީގެއް ކުރުމަށް. އަދި އެ ތަހުގީގުގެ ނަތީޖާ ނިކުންނަ ގޮތަކުން އެނގޭނެ ހޮންގްކޮންގްއަށް ކުރިއަށް އޮތް ތަނުގައި އެފަދަ އެކްސްޕޯޓް ލައިސަންސް އާކުރެވޭނެ ޖާގަ އޮތްތޯ" އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ އަދި ކުރިއަށްއޮތް ތަނުގައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެއް ކަމަށްވާ ޖެރެމީ ހަންޓް ޕާލަމަންޓްގައި ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުން ހޮންގްކޮންގް ޗައިނާ ސަރުކާރާއި 1997 ވަނަ އަހަރު ހަވާލުކޮށްފައި ވާއިރު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން ޗައިނާގެ ރައްޔިތުންނަށް ލިބިފައިނުވާ ބޮޑެތި ހައްގުތަކެއް ހޮންގްކޮންގްގެ ރައްޔިތުންނަށް ލިބިފައި ވެއެވެ.
އޭގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މުޒާހަރާކުރުމުގެ މިނިވަންކަން ހިމެނިފައި ވާއިރު ހޮންކޮންގްގެ ރައްޔިތުން އެންމެ އެދޭ ޗައިނާގެ ސަރުކާރުގެ ނުފޫޒު ނުފޯރާ މިނިވަން ޖުޑިޝަރީއެއް ވެސް ނަސީބުވެފައިވެ އެވެ.