މެންޗެސްޓާ ޔުނައިޓެޑް

ޕެލަސްގެ ވެން ބިސާކާ ޔުނައިޓަޑަށް

ކްރިސްޓަލް ޕެލަސްގެ ކަނާތު ބެކް އާރޮން ވެން ބިސާކާ، މެންޗެސްޓާ ޔުނައިޓަޑަށް ބަދަލު ވާން އެއްބަސް ވެއްޖެ އެވެ.

ވެން ބިސާކާގެ ޓްރާންފާއަށް، ޔުނައިޓަޑުން ވަނީ 50 މިލިއަން ޕައުންޑް ޕެލަސްއަށް ދޭން އެއްބަސް ވެފަ އެވެ. ޔުނައިޓަޑާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ބިސާކާ ސޮއި ކުރާނެ ކަމަށް ބެލެވެ އެވެ.

މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ ޔޫރޫގައި އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅުނު ބިސާކާ އަކީ، ޕެލަސްގައި ހޭދަކުރިއިރު އެ ޓީމުގެ އެންމެ ކުޑަ މުސާރަ ލިބޭ ކުޅުންތެރިޔާ އެވެ. ޕެލަސްއިން އޭނާ އަށް ދީފައި ވަނީ ހަފުތާ އަކު 10،000 ޕައުންޑެވެ. ޔުނައިޓަޑުން ވަނީ އޭނާ އަށް ހަފުތާއަކު 80،000 ޕައުންޑް ދިނުމަށް އެއްބަސް ވެފަ އެވެ.

މިހާރު އުމުރުން 21 އަހަރުގެ ބިސާކާ ޕެލަސްގެ އެކެޑެމީއާ ގުޅުނީ އޭނާގެ އުމުރުން އުމުރުން 11 އަހަރު ގަ އެވެ. ޕެލަސްގެ ސީނިއާ ޓީމަށް އޭނާ ކުޅެން ފެށީ މިދިޔަ އަހަރު އެވެ. ޔުނައިޓަޑަށް ސޮއި ކުރާނެ ފަސް ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔަކީ އޭނާ އެވެ.

އަންނަ ސީޒަނަށް ތައްޔާރު ވުމަށް ޔުނައިޓަޑުން މީގެ ކުރިން ވަނީ ސްވަންސީ އަށް ކުޅުނު ވޭލްސްގެ ވިންގާ ޑެނިއެލް ޖޭމްސް ގެންގޮސްފަ އެވެ. ބިސާކާ ވެގެން ދާނީ އާ ސީޒަނަށް ޔުނައިޓަޑަށް ގެންނަ ދެ ވަނަ ކުޅުންތެރިޔާ އެވެ.