އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ތެރޭގައި އެންމެ ވަރުގަދަ ދެ އެކްޓިވިސްޓުން ކަމަށްވާ ޝައްމޫން ޖަލީލް (ލޫކަސް) އަދި އަހުމަދު އަންވަރު (ސިމްވާ) ސަރުކާރުގެ ސިޔާސީ މަގާމަކަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.
އެގޮތުން ލޫކަސް އައްޔަން ކޮށްފައިވަނީ ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމަށެވެ. އަދި ސިމްވާ އައްޔަން ކޮށްފައިވަނީ އިކޮނަކިމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ.
މަގާމަށް އައްޔަން ކުރިކަން ހާމަކޮށް ލޫކަސް ކޮށްފައިވާ ޓްވީޓެއްގައިވަނީ، ތާރީހާއި ތަރިކަ އަދި ސަގާފަތާ ގުޅޭ މައުލޫމާތުޔައް އެއްކޮށް ލިޔުމުގެ މަސައްކަތް ކުރާތާ އަހަރުތަކެއްވެއްޖެ ކަމަށެވެ. އަދި ސަރުކާރުގައި މަސައްކަތްކުރުމުގެ ދައުވަތުދެއްވައި ހެރިޓޭޖްގެ ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމަކީ ލިބުނު ހިތްވަރެއް ކަމަށާއި އަދި އުފަލެއް ކަމަށެވެ.
ސިމްވާ ވެސް ވަނީ މަގާމަށް އައްޔަން ކުރެއްވިކަން ހާމަކޮށް ޓްވީޓެއް ކޮށްފަ އެވެ. އޭނާގެ ޓްވީޓްގައި ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ހީވާގިކަމާއެކު ދެމި ހުންނާނެ ކަމަށެވެ.
އެދެމީހުންނަކީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ސަރުކާރާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލި ދެމީހުންނެވެ. އެދެމީހުންނަކީ އޭރު އިދިކޮޅުގައި ތިބި އިސްވެރިން ސަރުކާރާއި ދެކޮޅަށް ހިންގަމުންދިޔަ ހަރަކާތްތަކުގެ މައުލޫމާތު މެންބަރުންނާއި ސަޕޯޓަރުންނަށް ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ދެމީހުންނެވެ.
ލޫކަސް އާއި ސިމްވާ ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާއިރު، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ އަހަމަދު މައިމޫންވެސް މީގެ ކުރިން އައްޔަންކޮށްފަ އެވެ.