ހަބަރު

ކްރިމިނަލް ކޯޓަށް ދެ ގާޒީން އިތުރުކުރަން ނިންމައިފި

Jun 26, 2019

ސުޕްރީމް ކޯޓުގެ އެދުމުގެ މަތިން، ކްރިމިނަލް ކޯޓަށް ދެ ގާޒީންގެ މަގާމު އުފެއްދުމަށް ނިންމާފައިވާކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ޖޭއެސްސީ މެންބަރުންގެ ބައްދަލުވުމާގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ކްރިމިނަލް ކޯޓަށް ދެ ގާޒީން އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ މަގާމު އުފައްދައި، ދެ މަގާމަށް ގާޒީން ހޯދުމަށް މާދަމަ އިއުލާނުކުރާނެކަމަށް ޒަހީން ވިދާޅުވި އެވެ.

އޭގެ އިތުރުން، ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް އާދަޔާ ހިލާފަށް ދިގުލައިގެންދާ ކަމުގެ ޝަކުވާތައް ލިބެމުންދިއުމާއި ގުޅިގެން، ލަސްވާން ދިމާވާ މައްސަލަތަކުގައި ފަނޑިޔާރުންގެ އިހުމާލެއްވޭތޯ ބެލުމަށް މިއަދުގެ ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ޒަހީން އިތުރަށް ވިދާޅުވި އެވެ.

އެގޮތުން، މައްސަލަތައް ލަސްވަނީ ފަނޑިޔާރުންގެ ސަބަބުންކަމަށްވާނަމަ، އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ކޮމިޝަނުން ބެލުމަށްވެސް ނިންމިކަމަށް އޭނާ ހާމަކުރެއްވި އެވެ.

ޒަހީން ވިދާޅުވި ގޮތުގައި، އެ މައްސަލަތައް ބަލަން ތިން މެންބަރުންގެ ކޮމިޓީއެއް އުކުލަވާލާފައިވާއިރު، އެ މަސައްކަތް ފަށަން ނިންމާފައިވަނީ ކްރިމިނަލް ކޯޓުންނެވެ.

ފަހަކަށް އައިސް ޖޭއެސްސީން ގެންދަނީ ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީ އިން ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނެ އެވެ. ނަމަވެސް އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އެންގި އެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް ފަނޑިޔާރުގެ ސަސްޕެންޝަން ދަމަހައްޓާފަ އެވެ. އަދި ފަނޑިޔާރު ދީދީ ގެންދަވަނީ ޖޭއެސްސީގެ ނިންމުމާ ހިލާފަށް ވަޒީފާއަށް ނުކުންނަވަމުންނެވެ.

އޭގެ އިތުރުން، ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މިއީ 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު ވަކިކުރަން ނިންމި ފުރަތަމަ ފަހަރެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ އޭޕްރިލް 25، 2013 ގަ އެވެ. އެއީ އަންހެނަކާ ދިމާލަށް މަގުމަތީގައި ހުރެ އާންމު އަހުލާގީ މިންގަނޑާ ހިލާފު ހަޑި ހުތުރު އެއްޗެހިތަކެއް ގޮވި މައްސަލަ އެވެ. އެ މައްސަލައާ ޖޭއެސްސީން މެޖިސްޓްރޭޓް ސަސްޕެންޑް ކުރީ މެއި 30، 2016 ގަ އެވެ.