އާދަމް ޝަރީފު އުމަރު

"ކުއްލި މައްސަލަ ހުށަހެޅީ ރައީސްގެ ނާގާބިލުކަން ދައްކަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ގޯސްތަކުގެ ތަހުގީގާއި މައްސަލަތަކުގެ ޝަރީއަތްތައް ދިގުލާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާގާބިލުވެއްޖެކަން ނުސީދާ ގޮތެއްގައި ރައްޔިތުންނަށް އަންގަން ވެގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ތުހުމަތު ކުރައްވައިފި އެވެ.

ކުރީ ސަރުކާރުގެ ގޯސްތައް ބެލުން ލަސްވާ ކަމަށް ބުނެ މަޖިލީހުގެ މިއަދު ޖަލްސާގައި ކުއްލި މައްސަލައެއް ހުށަހެޅީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. އެ މައްސަލަ ބަހުސަށް ހުޅުވާލަން ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ.

އަވަސްގައި ޝާއިއު ކުރި އެ މައްސަލައިގެ ހަބަރެއް ފޭސްބުކްގައި ހިއްސާ ކުރައްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާއަކީ މަޖިލީހަށް ކުއްލި މައްސަލަތަކާ ގުޅޭ ގޮތުން ބަޔާން ކުރާ މާއްދާ އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި އެ މާއްދާއާ ހިލާފަށް ކުއްލި މައްސަލައެއްގެ ގޮތުގައި މައްސަލައެއް ހުށަހަޅައި މަޖިލީހުގެ މުހިއްމު ވަގުތުތަކެއް ބޭކާރުކޮށްލީ އެވެ. އަދި އެ ގޮތަށް މެންބަރުންތަކެއް ކަންތައް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނާގާބިލުކަން ނުސީދާކޮށް ރައްޔިތުންނަށް ހާމަކޮށްދޭން އެ ނިޔަތުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެ މައްސަލައިގެ ބަހުސްގައި ޝަރީފު ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭނާ ވަނީ ކުއްލި މައްސަލަ ކުރިއަށް ގެންދިޔައީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަން ފާހަގަ ކުރާވާފަ އެވެ. އެކަން ޝަރީފު ފާހަގަ ކުރެއްވުމުން ހިލާފުވެފައި ވަނީ ގަވާއިދުގެ ކޮން ބަޔަކާތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ސުވާލު ކުރެއްވި އެވެ. މަޖިލީހުގެ ޖަލްސާގައި އެއީ ކޮން މާއްދާއެއްތޯ އާދަމް ޝަރީފު ފާހަގައެއް ނުކުރައްވަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައެއް ހުށަހެޅީ ގަވާއިދުގެ 145 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ކަމަށް ޝަރީފު ވިދާޅުވިއިރު، އެ މާއްދާގައި ވަނީ މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާ ފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެ ކަމެއް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން ހުށަހަޅާ މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ.