ދިރިއުޅެން ރާއްކާތެރި ކަމެއް ނެތް ދުވަސްވީ ބަލިކަށި އިމާރަތްތައް ފާހަގަކޮށް އެ ތަންތަނުގެ އިންސްޕެކްޝަން ހަދައި އަވަސް ފިޔަވަޅު އަޅަން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިރޭ ގޮވާލައިފި އެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ހ. ރުއްދޮށުގެ ބެލްކަނީގެ ބޮޑު ބައެއް ވަނީ މަގުމައްޗަށް ވެއްޓިފަ އެވެ. އަދި އެ ވަގުތު އެ ދިމާއަށް މަގުގައި ތިބި ހަތަރު މީހަކާއި އެއް ކުޑަކުއްޖަކަށް ވަނީ އަނިޔާވެފަ އެވެ.
މަސީން ނެރުނު ބަޔާނެއްގައި ބުނީ މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި އަތޮޅުތަކުގައި ހުރި އިމާރާތްތަކާއި ތަންތަނުގެ ހާލަތު ބަލައި ވަޒަންކޮށް އެ ތަންތަނުގެ ތެރެއިން ދިރިއުޅުން ރައްކާތެރި ނޫން ތަންތަން ފާހަގަ ކުރަން ގޮވާލާ ކަމަށެވެ. އަދި އެ ތަންތަނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް މަސީން ގޮވާލި އެވެ.
މީގެ އިތުރުން އިމާރާތް ކޮށްފައިވާ ބޭނުންތަކާއި، އިމާރާތް ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ގޮތާއި، ސިޑިގޮޅިއާއި ބެލްކަނިތަކާއި ވެންޓިލޭޝަންތަކާއި ވައިގޮޅި ފަދަ ތަންތަން ބޭނުން ކުރަމުން ދަނީ ހުއްދަ ދީފައިވާ ގޮތަށްތޯ ބަލައި އިސްލާހު ކުރަން ޖެހޭ ކަންކަން ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން މަސީން ގޮވާލި އެވެ.
މި ބާވަތުގެ ކަންކަމުގައި މީގެ ކުރިން މަޖީދީ މަގުގައި ހުންނަ އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ހާލަތު ބަލާ ދިނުމަށް އެ ސްކޫލްއިން އެދުމުން އިންޖިނިއަރަކު މެދުވެރިކޮށް އެ އިމާރާތުގެ އެސެސްމެންޓެއް ހެދުމަށް ފަހު އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ލަފާދީފައިވާ ކަމަށެވެ.
ޖަމާލުއްދީން ސްކޫލްގެ ބާ އިމާރާތުގެ ސްލެބްގެ ދަށުން ބައެއް ވެއްޓުނު ހާދިސާއެއްގައި އެ ތަން ބަލައިދިނުމަށް އެދުމުން އެ ތަން ވެސް ބަލައި އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ލަފާ ދިން ކަމަށެވެ. ނަމަވެސް އެ އިމާރާތް އަދިވެސް ބޭނުން ކުރަމުންދާތީ މަސީން ކަންބޮޑުވުން ފާޅުކުރި އެވެ.
އެ ދެ ފަހަރު ވެސް މަސީން އެ ތަންތަނުގެ އެސެސްމެންޓް ހެދީ އިމަޖެންސީ ކަމެއްގެ ގޮތުގައި ދެކި، ވީހާ ވެސް އަވަހަށް އަދި އެއްވެސް އަގަކާ ނުލާ ކަމަށް މަސީން ބުންޏެވެ.