ކުޅިވަރު

ޑާކާ އަބަހާނީ އޭއެފްސީ ކަޕުގެ ދެވަނަ ބުރަށް

ގުރޫޕްގެ ފަހު މެޗުގައި، އިންޑިއާގެ އައި ލީގްގެ މިދިޔަ އަހަރުގެ ޗެމްޕިއަން، މިނޭވާ ޕަންޖާބް އެފްސީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ގުރޫޕްގެ އެއް ވަނައިގައި، ބަންގުލަދޭޝް ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ޑާކާ އަބަހާނީ އޭއެފްސީ ކަޕުގެ ނޮކައުޓް ސްޓޭޖަށް ދަތުރު ކޮށްފި އެވެ.

މި އަހަރުގެ އޭއެފްސީ ކަޕުގައި ބައިވެރިވާން ރާއްޖެއިން ފުރުސަތު ދޫކޮށްލުމުން، އެ ގުރޫޕްގައި ރާއްޖޭގެ ބަދަލުގައި ފުރުސަތު ދީފައި ވަނީ، ނޭޕާލްގެ މަނޭންގް މާޝިއަންޑީ އަށެވެ.

ރޭ، އިންޑިއާގެ ގުވަހަޓީގެ އިންދިރާ ގާންދީ އެތުލެޓިކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 90 މިނެޓް ހަމަވެގެން ދިޔައިރުވެސް ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ. އާންމު ގޮތެއްގައި އުނދަގޫ ވަގުތުތަކުގައިވެސް ލަނޑު ޖަހާ، ބަންގުލަދޭޝްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މަމްނުލް އިސްލާމަށް ވެސް ޕަންޖާބް ޓީމުގެ ގޯލް ފޫއަޅުވާ ލެވޭ ގޮތެއް ނުވި އެވެ.

އަބަހާނީގެ ލަނޑު މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ތިން ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އަފްގާނިސްތާންގެ ޑިފެންޑަރު މާސިހް ޝައިގާނީ (މާސީ) އެވެ. ޕަންޖާބްގެ ގޯލްގެ ތެރެއަށް އޭނާ ބޯޅަ ފޮނުވާލީ ހިތްގައިމު ހެޑިންއަކުންނެވެ.

މިނޭވާ ޕަންޖާބުން ފަހު ވަގުތު ކުޅުނު ގޮތުން އެ ޓީމުން މަސައްކަތް ކުރީ މެޗު އެއްވަރު ކޮށްލާށެވެ. އެހެންވެއްޖަނަ ދެ ވަނަ ބުރުން ފުރުސަތު ލިބޭނީ، ޗެންނާއީ އެފްސީ އަށެވެ. އެ ޓީމު ވަނީ އިއްޔަ ކުޅުނު މެޗުގައި، މަނޭންގް މާޝިއަންޑީ އަތުން 3-2 މޮޅުވެފަ އެވެ.

އަބަހާނީ، ގުރޫޕްގެ އެއް ވަނަ ހޯދީ، 13 ޕޮއިންޓާއެކު އެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އެވެ. އަނެއް ދެމެޗުގެ ތެރެއިން އެއް މެޗުން ބަލިވެ، އަނެއް މެޗު ނިމުނީ އެއް ވަރުވެގެންނެވެ. ޗެންނާއީ އެފްސީއަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ.

އޭއެފްސީ ކަޕުގެ މިހާރުގެ ގަވާއިދު ބުނާ ގޮތުން މި ސަރަހައްދުން ދެ ވަނަ ބުރަށް ދާނީ، ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމު އެކަންޏެވެ. ޑާކާ އަބާހަނީ ދެން ކުޅެން ޖެހޭނީ އިންޓަ ޒޯން ސެމީ ފައިނަލުގެ ޕްލޭ އޮފް ބުރުގަ އެވެ.