މީގެ ހަފުތާއެއްހާ ދުވަސްކުރިން އިންޑިއާގައި ހިންދޫ ގްރޫޕަކުން ތަޅާ އަނިޔާކޮށް މަރާލާފައިވާ މުސްލިމް ޒުވާނާގެ މަރުގެ މައްސަލައާާ ގުޅިގެން އެ ގައުމުގެ ބައެއް ސިޓީތަކުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
ޖަރްކާންދުގެ ޚަރްސަވާން ސަރަހައްދުގައި އުޅުނު ހިންދޫ ގްރޫޕެއް ޖޫން 18 ވަނަ ދުވަހު ތަބްރޭޒް އަންސާރީ ހިފަހައްޓާފައިވަނީ އޭނާ ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ކަމަށް އެ ސަރަހައްދުގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަވީނާޝް ކުމާރް ވިދާޅުވެފައި ވެއެވެ.
މީޑިއާއަށް މައުލޫމާާތު ދެއްވަމުން ކުމާރް ވިދާޅުވީ އެ މީހުން އަންސާރްއަށް އަނިޔާ ކުރުމަށް ފަހު ފުލުހުންނާއި ހަވާލު ކުރުމުން ފުލުހުން އޭނަ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ހަތަރު ދުވަސް ފަހުން އޭނަ ވަނީ މަރުވެފައިވާ ކަމަށެވެ.
އަންސާރްގެ މަރުގެ މައްސަލާގައި އެ ސަރަހައްދުގެ ދެ ފުލުސް އޮފިސަރުން ސަސްޕެންޑް ކޮށްފައި ވާއިރު އަންސާރްއަށް ބޮޑެތި އަނިޔާާތައް ކޮށްފައި ވަނިކޮށް އޭނަ ހޮސްޕިޓަލަސް ގެންދިއުމުގެ ކުރިން ޖަލަށް ގެންގޮސްފައިވާ ކަމަށް އަންސާރްގެ އަނބިމީހާ ތުހުމަތުކުރެ އެވެ.
އެ މައްސަލައާއި ގުޅިގެން އިންޑިއާގެ މުސްލިމުންގެ ހިތްތަކުގައި ރުޅިވެރިކަން އިތުރުވަމުން ދިޔައިރު އެކަމާމެދު ހިތާމަ ކުރައްވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވިދާޅުވެފަ އެވެ. އަދި އިންޑިއާގެ ޕާލަމަންޓްގެ މަތި ގޭގައި ވާހަކަފުޅު ދައްކަވަމުން މައްސަލާގައި ކުށްވެރިވާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވާފައި ވެއެވެ.
އަންސާރްއަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވާއިރު އިންޑިއާގެ ޓީވީ ޗެނަލްތަކުގައި ވެސް އެ ވީޑިއޯ ވަނީ އާންމުވެފަ އެވެ. އެ ވީޑީއޯގައި ފެންނަނީ 24 އަހަރުގެ އަންސާރްގެ ދެއަތް ފަހަތަށްލާ ތަނބަކާއެކީ ބަނދެ އުޑަފައިން ބައިންދައިގެން ބަޔަކު އޭނައާ ދިމާލަށް ހަޅޭއްލަވާ ބިރުދައްކާ "ޖޭ ޝްރީ ރާމް" އަދި "ޖޭ ހަނުމާން" ކިޔަން މަޖުބޫރު ކުރުވާ ތަނެވެ.
ނިއު ދިއްލީއާއި ގުޖަރާތާއި ބެންގާލްގައި އެތައްސަތޭކަ މީހުންނެއް މަގުތަކަށް ނިކުމެ އަންސާރްއަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލަމުން ހިނގާލާފައި ވާއިރު އިންޑިއާގެ 50 ސިޓީއެއްގައި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެފައި ވާކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ 2014 ވަނަ އަހަރު އެ ގައުމުގެ ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު މީސްކޮޅު މަދު ބައިގަނޑުތަކަށާއި މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ރުޅިވެރިކަމުގެ ހަމަލާތައް އިތުރުވެފައިވާާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އަންސާރްއަށް ކޮށްފައިވާ އަނިޔާއަކީ އިންސާނިއްޔަތުކަމުގައި ޖެހުނު ކަޅު ލައްގަނޑެއް ކަމަށް އިންޑިއާގެ އިދިކޮޅު ޕާޓީގެ އިސް ވެރިޔާ ރާހުލް ގާންދީ ވިދާޅުވި އެވެ.