ހަބަރު

މަހުގެ ބާވަތްތައް ޔޫރަޕްގައި ވިއްކަން ލުއިތަކެއް ހޯދަން މަޝްވަރާކޮށްފި

Jun 27, 2019
1

ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި އިތުރު ލުއިތަކެއް ހޯދުމާއި ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފި އެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި މިވަގުތު ހުންނެވި މިނިސްޓަރު ޝާހިދު ވަނީ ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރު ފޯ ޓްރޭޑް، ސިސީލިއާ މެލްމްސްޓްރޮމް އާއި ބައްދަލުކުރައްވާފަ އެވެ. އެބައްދަލުވުމުގައި ވިލާތުގެ ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފަވެ އެވެ.

މީގެ އިތުރުން ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި އިތުރު ލުއިތަކެއް ހޯދުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕޮލީނީއާ ވެސް ބްރަސަލްސްގައި ބައްދަލުކުރައްވާފައެވެ. އެބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ގާނޫނުގެ ވެރިކަން ހިންގުމާއި އިންސާނީ ހައްގުތަކާއި އިގްތިސޯދީ ތަރައްގީ އަދި އެހެން ދާއިރާތަކުން ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ޔޫރަޕިއަން ޕާލަމެންޓްގެ ބައެއް ބޭފުޅުންނާވެސް މިނިސްޓަރު ވަނީ ބައްދަލުކުރައްވާފަ އެވެ. އެބޭފުޅުން ވަނީ ރާއްޖޭގައި ޑިމޮކްރަސީ އިޔާދަކޮށް، އިސްލާހީ ފިޔަވަޅުތައް އަޅަން ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަކޮށް މަރުހަބާ ދަންނަވާފަ އެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ އަށަގަނެ ކުރިއަރުވަން ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަގީންކަން އެބޭފުޅުން އެރުވި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.