ވިކްޓަރީ

ވިކްޓަރީގެ ޒަމާންވީ ރަތް ކުލަ ދޫކޮށްލައިފި!

މިހާރު ބައިގަރުނު ވާން ކައިރިވެފައިވާ، ވިކްޓަރީ ސްޕޯޓްސް ކުލަބުގައި އެ ކުލަބުގެ ކުރީގެ ކުޅުންތެރިން ކާމިޔާބުގެ ކުލަ ނިސްބަތް ކުރަނީ ވެސް ރަތް ކުލަ އަށެވެ.

އިނގިރޭސި ބަހުން ވަނަމެއްގެ ގޮތުގައި އެ ޓީމަށް ނިސްބަތް ކުރަނީ "ރެޑްސް" އެވެ. ވިކްޓަރީގެ ކުރީގެ އިސް ބޭފުޅަކު 15 އަހަރު ކުރިން ދީފައިވާ އިންޓަވިއުއެއްގައި، ވިކްޓަރީން އެހެން ކުަލައެއް ބޭނުން ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ، ވިކްޓަރީއަށް އެހެން ކުލައެއް ލައިގެން ނުކުޅެވޭނެ ކަމަށާއި އެހެން ކުލައެއް ލައިފިނަމަ ވިކްޓަރީގެ ކުޅުންތެރިން "ގައި ކަހާނެ" ކަމަށެވެ.

އެއީ ވިކްޓަރީ އާއި ރަތް ކުލައާ ގުޅުން އޮތް މިންވަރު ހާމަކޮށްދޭން ވެގެން އޭރު ވިދާޅުވެފައިވާ ވަހަކަ އެވެ. މި އަހަރުގެ ސީޒަނާ ވިކްޓަރީން ކުރިމަތިލިއިރު، ވިކްޓަރީން ބޭނުން ކުރަމުން ދިޔަ ޒަމާންވީ ރަތް ކުލަ އެ ޓީމުން ދޫކޮށްލައިފި އެވެ.

ފުރަތަމަ މެޗުގައި ޓީސީއާ ދެކޮޅަށް ވިކްޓަރީން، ދެ ވަނަ ކުލަ ކަމަށްވާ، ރީނދޫ ކުލަ ބޭނުން ކުރީ، ޓީސީ ވެސް ބޭނުން ކުރާ ކުލައަކީ ރަތް ކުލަ ކަމަށްވެފައި ވިކްޓަރީއަކީ އަވޭ ޓީމު ކަމަށް ވުމުންނެވެ. އެހެންން ނަމަވެސް އޭގެ ފަހުން ކުޅުނު މެޗުތަކުގައި އޭ ޓީމުގެ ގޮތުގައި ކުޅުނުއިރުވެސް ވިކްޓަރީގެ ރަތް ކުލައެއް ނުފެނުނެވެ.

އެނގިފައިވާ ގޮތުގައި ވިކްޓަރީގެ ޖޯޒީގައި ރަތް ކުލަ ނުޖެހިގެން އުޅެނީ މާލީ ދަތަިތަކާ ހުރެއެވެ.

މި އަހަރުގެ ސީޒަނަށް ތައްޔާރު ވާން ވިކްޓަރީން ފެށިއިރު، އެ ޓީމަށް ސީޒަންގައި ބައިވެރި ނުވެވިދާނެ ކަމުގެ ބިރުވެސް ކުރިމަތި ވި އެވެ. އެއީ މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ދިވެހި ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުން އެ މައްސަލަ ކުޅުންތެރިންގެ ފަރާތުން އެފްއޭއެމްއަށް ހުށަހަޅާފައި އޮތުމުންނެވެ.

މިއަހަރުގެ ސީޒަންގައި ލޯކަލް ކުލަބު ލައިސެންސް ނެތި ނުކުޅެވޭ ގޮތަށް އެފްްއޭއެމުން ހެދީ، އޭއެފްސީން އެންގިއެންގުމަކާ ގުޅިގެން ކަމަށް އެފްއޭއެމުން ބުނެ އެވެ. ލައިސެންސަށް އެދި ހުށަހަޅާއިރު، މޫސަރަ ދޭން ޖެހޭ ފަރާތަކަށް މުސާރަ ނުދީ އޮތްނަމަ ލައިސެންސް ލިބޭނީ އެކަން އަދާ ކުރުމަށް ފަހު އެވެ.

ކުލަބު ލައިސެންސަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވި ފަހުން، ވިކްޓަރީން އެދިގެން އެފްއޭއެމުން ވަނީ އެ ކުލަބަށް ވަގުތު އިތުރުވެސް ކޮށްދީފަ އެވެ. ވިކްޓަރީއަށް މައްސަލަ ހައްލު ކުރެވުނީ ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން އެއްބައި ލިބޭމަތިން ކުޅުންތެރިން އަނބުރާ މައްސަލަ ގެންދިއުމުންނެވެ.

މިއަހަރު ޒުވާން ޓީމަކާ އެކު ނިކުތް ވިކްޓަރީ ކޮޅަށް ހަތަރު މެޗުން ވަނީ 12 ލަނޑު ވަދެފަ އެވެ. އެޓީމަށް އެންމެ ލަނޑެއްވެސް ޖެހިފައެއް ނުވެ އެވެ. ވިކްޓަރީން މެޗު ކުޅޭއިރު، އެޓީމުގެ ޗެއާޕާސަން އަހްމަދު ނާޝިދު އާއި ވައިސް ޗެއާމަނުން ކަމަށްވާ، މައުރޫފް އަހްމަދު (މާއްޓޭ) މުހައްމަދު ހަމީދު (އުމަރުބެ) ދަނޑަށް ހާޒިރު ނުވެ އެވެ.