ބޮއިންގް 737 މެކްސް މަރުކާގެ ފްލައިޓްތަކުގެ ކޮމްޕިއުޓަރު ސިސްޓަމުން ފެނުނު އާ މައްސަލައަކާއި ގުޅިގެން އެ މަރުކާގެ ފްލައިޓްތައް އަލުން އުދުއްސަން ކުރާ މަސައްކަތް ލަސްވެ އޭގެ އުދުހުން އެއްކޮށް މަނާ ކުރަން ޖެހިދާނެ ކަމަށް އެ ފްލައިޓްތައް ޓެސްޓު ކުރުމުގައި އުޅުނު ދެ ފަރާތަކުން ބުނެފި އެވެ.
ފްލައިޓްތަކުން އެ މައްސަލަ ފެނިފައި ވަނީ އާ ސޮފްޓްވެއާ އެއް ޓެސްޓް ކުރުމުގެ ގޮތުން ފްލައިޓް އުދުއްސުމަށް ފަހުގަ އެވެ.
ބޮއިންގް 737 މެކްސް މަރުކާގެ ފްލައިޓުތަކުގެ ބައިނަލް އަގުވާމީ އުދުހުންތައް ހުއްޓާލާފައި ވަނީ މިދިޔަ މާޗް މަހު އެ މަރުކާގެ އިތިއޯޕިއާ އެއާލައިންސް ފްލައިޓް 302 ރަންވޭއިން ނައްޓާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވެއްޓި އޭގައި ތިބި ހުރިހާ ދަތުރުވެރިން މަރުވުމާއި ގުޅިގެން ނެވެ.
އޭގެ ދެމަހެއްހާ ދުވަސް ކުރިން އިންޑޮނޭޝިއާގެ ލަޔަން އެއާ ފްލައިޓް 610 ވެއްޓި އޭގައި ދަތުރުކުރި އެންމެންވެސް މަރުވެފައި ވެއެވެ.
ފްލއިޓް ވެއްޓުމުގެ ދެ ހާދިސާ ވެސް މިހާރު ތަހުގީގު ކުރަމުން ދާއިރު ދެ ފްލައިޓް ވެއްޓުމުގެ ކުރިން ވެސް އޭގެ ހަރަކާތްތައް ހުރީ ދާދި އެއްގޮތް ގޮތަކަށް ކަމަށް މިހާތަނަށް ހޯދާފައިވާ ހޯދުންތަކުން އެނގިފައި ވެއެވެ.
ފްލައިޓަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެ މަރުކާގެ ފްލައިޓުތަކުގެ އުދުހުންތައް މުޅި ދުނިޔެއިން ހުއްޓާލާފައިވާއިރު އާ ސޮފްޓްވެއާއެއްގެ ބޭނުން ކޮށްގެން ފްލައިޓުތަކަށް ދިމާވާ މައްސަލަ ރަނގަޅު ކުރެވޭނެ ކަމަށް ބޮއިންގް ކުންފުނިން ބުނެފައި ވެއެވެ.
ވެއްޓުނު ދެ ފްލައިޓުގެ ވެސް ކުރީކޮޅު ރަންވޭއިން ނައްޓާލި ފަހުން އަމިއްލައަށް ގަދަ ކަމުން ތިރިއަށް ގޮސްފައިވާ ކަމަށް ތަހުގީގު ރިޕޯޓުތަކުގައި ވެއެވެ.
އަލަށް ފެނިފައި ވަނީ ކޮން މައްސަލައެއްކަން އެ ކުންފުނިން ހާމަކޮށްފައި ނުވިނަމަ ވެސް އޭގެ ސަބަބުން އަނެއްކާވެސް ފްލައިޓުތަކުގެ އުދުހުންތައް ފެށުން ލަސްކުރަން ޖެހުން އެކަށީގެން ވާކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.