ހަބަރު

އަޑުއެހުމަކަށް ދާން އީސީއަށް އެންގީ ގާނޫނާ އެއްގޮތަށް: އިންފޮމޭޝަން ކޮމިޝަނަރު

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މައުލޫމާތު ދިނުމަށް ދެކޮޅު ހެދުމުން އިންޒާރު ދީފައި ނުވާނެ ކަމަށާއި ހުޅުވާލައިގެން ޕަބްލިކް ހިއަރިންއެއް ބާއްވަން އެންގީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ވިދާޅުވީ އެ ކޮމިޝަނަރުގެ އޮފީހުން ބޭނުންވާ މައުލޫމާތުތަކެއް ހޯދުމަށް ތަކުރާރުކޮށް އެދުމުން ވެސް އީސީން މައުލޫމާތު ހިއްސާ ކުރަން ދެކޮޅު ހެދި ކަމަށެވެ. އެހެންކަމުން ޕަބްލިކް ހިއަރިންއަކަށް ދާން ނިންމައި އީސީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ދަށުން ލިބިފައިވާ ބާރެއް ކަމަށެވެ.

މައުލޫމާތުތައް ހިއްސާ ކުރަން އީސީން ދެކޮޅު ހެދުމުން އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން އިންޒާރު ދީފައިވާ ކަމަށް އީސީން ބުނި ކަމުގައިވިޔަސް ގާނޫނުގައިވާ ގޮތުގެ މަތިން ޕަބްލިކް ހިއަރިންއަށް ދާން އެންގުމަކީ އިންޒާރު ދިނުން ނޫން ކަމަށް އަޒީޒު ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މައުލޫމާތު ހިއްސާ ކޮށްދިނުމަށް އީސީއަށް އެދިފައިވާ މައްސަލައަކީ އިންތިހާބީ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ގަމު ދާއިރާއިން ލ. މުންޑޫ ވަކިކޮށް، އިސްދޫ ދާއިރާގައި އެ ރަށް ހިމެނުމަށް އެދި މުންޑޫގެ ބައެއް ރައްޔިތުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންތަކުގެ ތެރޭގައި ސައްހަ ނޫން ސޮޔާއި މައުލޫމާތު އަދި ފޯޖު ސޮއި ހިމެނޭ ކަމަށް ބުނެ އާންމު ފަރާތަކުން ހުށަހެޅި މައްސަލަ އެކެވެ.

އަޒީޒު ވިދާޅުވި ގޮތުގައި އެ މައްސަލައިގެ މައުލޫމާތުތައް އީސީން ދިނުމަށް ދެކޮޅު ހެދީ އެ މައުލޫމާތުތަކަކީ ދައުލަތުގެ ސިއްރު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ބުނެ އެވެ. އަދި ވިދާޅުވީ އެއީ ދައުލަތުގެ ސިއްރު މައުލޫމާތެއް ނަމަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ އެ މައުލޫމާތެއް ހާމަ ނުކުރާނެ ކަމަށެވެ.

އަޒީޒު އިތުރަށް ވިދާޅުވީ، އީސީއަށް ހުށަހެޅިފައިވާ މައްސަލައިގެ މައުލޫމާތު އިންފޮމޭޝަން ކޮމިޝަނަށް ދިނުމަށް އެދުނީ، އެ މައްސަލައިގައި ހިމެނޭ ތިން ވަނަ ފަރާތަކުން އެކަމުގެ މައުލޫމާތު ސާފުކުރަން ބޭނުންވާކަމަށް ބުނެ އިންފޮމޭޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ.