ހަބަރު

އީސީން މައުލޫމާތު ނުދިނުމުން އާންމު އަޑުއެހުން މާދަމާ ފަށަނީ

Jul 7, 2019
5

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މައުލޫމާތު ދިނުމަށް ދެކޮޅު ހެދުމުން ހުޅުވާލައިގެން ބާއްވަން ނިންމި އާންމު އަޑުއެހުން މާދަމާ ފަށަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބުނި ގޮތުގައި މާދަމާ އާންމު އަޑުއެހުން ބާއްވާނީ ހެނދުނު 10:00 ގަ އެވެ. މާދަމާގެ އިތުރުން އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ ހެނދުނު ވެސް އާންމު އަޑުއެހުން އޮންނާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ. މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ތަންފީޒު ކުރާތާ ފަސް އަހަރު ފަހުން މައްސަލައެއްގައި އާންމު އަޑުއެހުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އީސީން މައުލޫމާތު ހިއްސާާ ކޮށްދިނުމަށް ދެކޮޅު ހަދަމުން ދަނީ ލ. މުންޑޫ ކައުންސިލްގެ އިދާރާގައި ހިމެނޭ މައުލޫމާތުތަކެކެވެ. އެއީ އިންތިހާބީ ދާއިރާތަކުގައި ހިމެނޭ ލ. ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، ލ. އިސްދޫ ދާއިރާއަށް އެ ރަށް ހިމެނުމަށް އެދި މުންޑޫގެ ބައެއް ރައްޔިތުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންތަކުގެ ތެރޭގައި ސައްހަ ނޫން ސޮޔާއި މައުލޫމާތު އަދި ފޯޖު ސޮއި ހިމެނޭ ކަމަށް ބުނެ އާންމު ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހޯދަން އެދުނު މައުލޫމާތުތަކެކެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ކުރިން ވިދާޅުވި ގޮތުގައި އެ މައްސަލައިގެ މައުލޫމާތުތައް އީސީން ދިނުމަށް ދެކޮޅު ހެދީ އެ މައުލޫމާތުތަކަކީ ދައުލަތުގެ ސިއްރު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ބުނެ އެވެ. އަދި ވިދާޅުވީ އެއީ ދައުލަތުގެ ސިއްރު މައުލޫމާތެއްނަމަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތެއް ހާމައެއް ނުކުރާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އީސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ލަފައަކަށް ވެސް އެދިފަ އެވެ. އެ ގޮތުން މުންޑޫ ކައުންސިލުން ހޯދަން އެދިފައި ވަނީ ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ފާހަގަކޮށް އެ ކޮމިޓީން ލަފާ ދިނީ އިންފޮމޭޝަން ކޮމިޝަނަރަށް އީސީން މައުލޫމާތު ނުދިނުމަށެވެ.