ހަބަރު

އީސީއާއި އިންފޮމޭޝަން ކޮމިޝަނަރު މިރޭ ކޮމިޓީއަށް ހާޒިރުކުރަނީ

ލ. މުންޑޫ ކައުންސިލްގެ އިދާރާގައި ހިމެނޭ މައުލޫމާތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނުމަށް ދެކޮޅު ހެދުމުން އާންމު އަޑުއެހުމެއް ބާއްވަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި މައްސަލައާ ގުޅިގެން ދެ ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

މައުލޫމާތު ދިނުމަށް އީސީން ދެކޮޅު ހެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މާދަމާ ހެނދުނު 10:00 ގައި އާންމު އަޑުއެހުން ފަށާ ގޮތަށް ނިންމާފަ އެވެ. މާދަމާގެ އިތުރުން އަންނަ ބުދަ ދުވަހާއި އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު ވެސް އާންމު އަޑުއެހުން ބާއްވަން ނިންމި އެވެ.

މި މައްސަލައާ ގުޅިގެން އީސީން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ލަފައަކަށް އެދިފަ އެވެ. އެކަމާ ގުޅިގެން ކޮމިޓީން ލަފާ ދިނީ އިންފޮމޭޝަން ކޮމިޝަނުންނާއި މުންޑޫ ކައުންސިލުން ހޯދަން އެދިފައި ވަނީ ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ފާހަގަކޮށް އެ މައުލޫމާތުތައް ކޮމިޝަނަރަށް ނުދިނުމަށެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުން އަޑުއެހުން ކެންސަލް ކުރަން ނުނިންމި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ މާދަމާ ބާއްވާ އާންމު އަޑުއެހުން ފެށުމުގެ ކުރިން ދެ މުއައްސަސާގެ މެންބަރުން ހާޒިރު ކުރުމަށެވެ. މެންބަރުންނަށް ހާޒިރުވެވޭނެ ވަގުތެއް ސާފު ކުރުމަށްފަހު ކޮމިޓީގެ މެންބަރުން ނިންމެވީ ދެ މުއައްސަސާގެ މެންބަރުން މިރޭ 8:30 އަށް ހާޒިރު ކުރުމަށެވެ.

ލ. މުންޑޫގެ ކައުންސިލްގެ ހިމެނޭ މައުލޫމާތެއް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އީސީގައި އެދުނީ، އިންތިހާބީ ދާއިރާތަކުގައި ހިމެނޭ ލ. ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، ލ. އިސްދޫ ދާއިރާއަށް އެ ރަށް ހިމެނުމަށް އެދި މުންޑޫގެ ބައެއް ރައްޔިތުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ސައްހަ ނޫން ސޮޔާއި މައުލޫމާތު ހިމެނޭ ކަމަށް ބުނެ އާންމު ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ކުރިން ވިދާޅުވި ގޮތުގައި އެ މައްސަލައިގެ މައުލޫމާތުތައް އީސީން ދިނުމަށް ދެކޮޅު ހެދީ އެ މައުލޫމާތުތަކަކީ ދައުލަތުގެ ސިއްރު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ބުނެ އެވެ. އަދި ވިދާޅުވީ އެއީ ދައުލަތުގެ ސިއްރު މައުލޫމާތެއްނަމަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތެއް ހާމައެއް ނުކުރާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މި މައްސަލައާ ގުޅޭ ގޮތުން ކުރިން ވިދާޅުވީ ޕެޓިޝަންގައި ސޮއިކުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ މައުލޫމާތު ލިބިގެން ފާޅުކުރި ހިޔާލަކަށް އެފަދަ ފިޔަވަޅެއް އެޅުމުގެ މަގުފަހިވިޔަ ނުދިނުމަށް އެ މައުލޫމާތު ހާމަނުކުރަން ކޮމިޝަންގެ މެންބަރުން ނިންމީ ކަމަށެވެ.