މުންޑޫގެ ބައެެއް މީހުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގެ މައްސަލަ އިތުރަށް ނުބަލަން ނިންމަވާފަައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު ރޭ ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އިސް ބޭފުޅުން ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ މައްސަލަ ދެން ނުބަލަން އެދި މުންޑޫ ކައުންސިލްގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި މައްސަލަ ނުބަލަން ކޮމިޓީން ލަފާ ދީފައިވާތީ އެ މައްސަލަ ދެން ނުބަލަން ނިންމާފައިވާ ކަމަށާއި އާންމު އަޑުއެހުން ކެންސަލް ކޮށްދިނުމަށް އަންގަން ޖެހޭ ފަރާތްތަކަށް އަންގާނެ ކަމަށް ކޮމިޝަނަރު އަޒީޒް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު މާދަމާ ހެނދުނު ލިއުމާއެކުގަ ޕަބްލިކަލީ ކެންސަލްވި ވާހަކަށް ހުރިހާ ފަރާތްތަކަށް ދަންނަވާލާނަން،" އަޒީޒް ވިދާޅުވި އެވެ.
އިންތިހާބީ ދާއިރާތަކުގައި ހިމެނޭ ލ. ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، ލ. އިސްދޫ ދާއިރާގައި ހިމަނައި ދިނުމަށް އެދި އީސީއަށް ފުރަތަމަ ސިޓީއެއް ހުށަހެޅި އެވެ. ނަމަވެސް ފަހުން މުންޑޫގެ ބައެއް މީހުން ސޮއިކޮށް އެ ކަން ނުކުރުމަށް އެދި އީސީއަށް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ.
އެ ޕެޓިޝަނާއި ބެހޭ މައުލޫމާތު ދިނުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅީ މުންޑޫ ކައުންސިލުން ކަމަށް ކޮމިޝަނަރު އަޒީޒު ރޭ ހާމަކުރެއްވި އެވެ.
އަޒީޒު އިތުރަށް ވިދާޅުވީ އީސީން އެ ޕެޓިޝަނުގެ މައުލޫމާތު ސިއްރު ކުރުމުން ކޮމިޝަނަރުގެ އޮފީހުން އެއްވެސް އިރެއްގައި މައްސަލަ ނުޖައްސާ ކަމަށެވެ. މައްސައަކީ އެ ޕެޓިޝަނުގެ މައުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ވެސް ހިއްސާ ނުކުރުން ކަމަށް ވިދާޅުވި އެވެ.
ކޮމިޝަނަރަށް މައުލޫމާތު ދިނުމަށް ތަކުރާރުކޮށް އެދުނު ނަމަވެސް އެ މައުލޫމާތުގައި ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމަށް ބުނެ އީސީއިން ވަނީ އެ މައުލޫމާތު ހިއްސާ ކުރަން ދެކޮޅު ހަދާފަ އެވެ.
އެ މައްސަލައިގެ އާންމު އަޑުއެހުން މިއަދު ހައި ކޯޓުގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ. ނަމަވެސް އަޑުއެހުން ކެންސަލް ކުރަން އިންފޮމޭޝަން ކޮމިޝަނަރު އަންގަވާނެ ކަމަށް ވިދާޅުވި އެވެ.