ވާހަކަ

އީޝަލް

(25 ޖޫން 2019 އާ ގުޅޭ)

"ބޭރީތު ރަސްކަން ފުނޑުފުނޑުވާން ކައިރިވެއްޖެ، އެމީހުންގެ ރޭވުންތައް އަހަރެންގެ ކަލާނގެ މޮޅަށް ދެނެވޮޑިގެންވޭ" ލުއި ހިނިތުންވުމަކާއެކު ޒޮރައިދާ ބުންޏެވެ.

ހުރަގެއަށް ވަނުމަށް ކަނޑާފައި ހުރި ދޮރުން ފިޔަވައި އެތަނަށް ވަދެވޭނޭ އިތުރު ގޮތެއް ނެތެވެ. ރައުލް އެންގިހެން އެ ދޮރުން ޠަލަބް ނުކުމެ އަނދިރިކަން ވެރިވެފައި އޮތް މަގުން ކުރިއަށް ދިޔައީ ނިކަން ހަލުވިކޮށެވެ. އެ މަގުގެ ކޮޅު ފެނޭތޯ ހޯދުމަށެވެ. އަދި އެތަނުގައި ފާރަވެރީން ތިބިނަމަ އެބައެއްގެ ޚަބަރު ވެސް ޠަލަބް ހޯދުމަށެވެ.

ރައުލްގެ އަރިކަށީގައިވީ ޒަޚަމް ތިލަވެ މުޅިން ފަސޭހަވުމާ ކައިރިވެފައިވިއެވެ. އިކަރޯސް ގެނެސްދިން ތަކެއްޗާއި ސިއްތާގެ އަތުގައި ހުރި ބޭސްވެރިކަމުގެ ސާމާނުގެ އެހީގައި ރައުލްގެ ޒަޚަމްގައި ބޭސްގަނޑު ބަނެވެ. އޭނާގެ ހަތަރެސްފައިގައި ޖެހި ހިލިހިލާގަނޑު ވަނީ ބުރިކޮށްލެވިފައެވެ. ދެފައި މައްޗަށް ތެދުވެ ރައުލްގެ ހަށިގަނޑު ސީދާކޮށްލައި ފަރާތްފަރާތަށް އެނބުރި ހަރަކާތްތެރިވެލިއެވެ. އޭނާ ހުރި ގޮޅިން ބޭރަށް ބޯދިއްކޮށްލިއެވެ. ދޮރުމަތީ ހުރެފައި އެނބުރިލައި އެތެރޭގައި އިން ޒޮރައިދާއަށް އޭނާ ބަލާލިއެވެ.

"ޒޮރައިދާ، އައިޒަން ކިޔާ ރަސްކަލެއް ކަލެއަށް އެނގޭތަ؟" ވިސްނަން ހުރެފައި ރައުލް އަހާލިއެވެ.

"އައިޒަން... އައިޒަން... ހަނދާނެއްނުވޭ، އެއީ ކަލޭގެ ދުޝްމިނެއްތަ؟" އެ ނަން ރައުލް ހާމަކުރިއަޑު ޒޮރައިދާއަށް އިވުނު މީ ފުރަތަމަ ފަހަރެވެ. އެހެންވެ އޭނާއަށް ރައުލް ކުރި ސުވާލުގެ ގަސްދަކީ ކޮބައިކަން ދެނެގަންނަން އުނދަގޫވީއެވެ.

"އަހަރެންގެ އަނބިމީހާއަކީ އާދައިގެ ޖިންނިއެއްނޫނޭ ބުނެވުނު ކަންނޭނގެ، އޭނާގެ އަސްލުވަނީ ދެބަޔަށް ބެހިފައި، އޭނާގެ އެއްފަޅި ގުޅިފައިވީ ރަސްމަތިފުށާ، އެއީ އައިޒަން ރަސްގެފާނުގެ ކާފަ ދަރިކަލެއް، އީޝަލްގެ ފުށުން ފެންނަ އަސަރުތަކަކީ އޭނާގެ ކާފަގެ ފުށުން ވާރުތަކޮށްފައިވާ ސިފަތަކެއްކަން ޔަގީންވީ އައިޒަން ދުށް ފަހުން، އެފަދަ ބާރެއް އޭނާގެ ބައްޕަގެ ފުށުން ވެސް އަހަރެންނަށް އިޙްސާސެއްނުކުރެވޭ، ރަސްކަލެއް ފެނި އަހަރެން ޖެހިލުންވި ފުރަތަމަ ފަހަރު އެއީ... ބަހެއްބުނުމަކާނުލާ އެހެންމީހުންގެ މައްޗަށް އޭނާގެ ނުފޫޒު ފޯރާ، އެއީ ކިހިނެއްވާކަމެއްކަން އަހަރެންނަށް ވެސް ނޭނގޭ، އީޝަލްގެ ފުށުން އަހަރެން ދުށީން އެކަން، އަހަރެންނަށް އެނގޭ އެއީ އޭނާ ގަސްދުކުގައި ކުރާކަމެއްނޫންކަން، ޚުދު އެފަދަ ބާރެއް އޭނާގެ ހުންނަކަން އެނގޭ ހެނެއް ވެސް ހިޔެއްނުވޭ... ދަމާބާރެއް ވާފަދަ، ޒޮރައިދާ، މިވަގުތު އަހަރެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާ، މަރުދެކެ އަހަރެން ޖެހިލުންކުރުވީ އޭނާދެކެ ވާ ލޯބި، އަހަރެންނާ ނުލާ އޭނާ ދިރިހުރެދާނެ، އެހެންނަމަވެސް ހުއްޓުމެއްނެތި އެހިތް އަހަރެންނަށް ގޮވާނެއޭ.... އަހަރެންގެ ޟަމީރު ބުނޭ، އަހަރެންނަށް ވީގޮތެއް އޭނާ ހޯދާނޭ އަހަރެންގެ ހިތް ބުނަނީ ކީއްވެކަމެއް ނޭނގެ، ބިރުގަނޭ... އަހަރެންގެ ބަލިކަށިކަމުން މިލިބުނު ހިތްދަތިކަން އޭނާ ބަދަލުކޮށްލަފާނެތީ، ވީހާ ވެސް އަވަހަކަށް އޭނާގެ ގާތަށް ދާން ބޭނުންވަނީ އެހެންވެ، މިހާރު ވެސް މާގިނަ ދުވަސްވެއްޖެ، މިވަގުތު އޭނާ އިނީ ކޮންހާލެއްގައި ކަމެއްވެސް އަހަރެންނަށް ޔަގީނެއްނުވޭ" ރައުލްވަނީ އީޝަލްގެ ފިކުރުތަކަށް ގެއްލިފައެވެ. އީޝަލްގެ ވަގުތުތައް ހޭދަވަނީ ކިހިނެއްބާއޭ އޭނާ ސުވާލު އުފެދިފައި ވިއެވެ. އީޝަލްގެ ބުރަކަށީން ފާޅުވާ ދެ ވަރަފަތް ގަނޑަކީ މިހާތަނަށް އެފަދަ ރީތި ހިތްގައިމުކަމެއް ރައުލް ދުށް ފުރަތަމަ ފަހަރެވެ. އެމީހުންގެ ތެރެއިން އެފަދަ ރީތިކަމެއް އިތުރު މީހަކަށް ލިބިފައިވަނިކޮށް ރައުލް ނުދެކެއެވެ. އެހެންވިޔަސް ރައުލް ކަންބޮޑުވަނީ އެކަމާއެވެ. ޒަގަންގެ ފުށުން ލިބުނު ޒަޚަމްތަކުގެ ސަބަބުން އީޝަލްގެ ވަރައަށް ލިބުނު ގެއްލުން މުޅި އުމުރަށް ފަސޭހަނުވާނޭވަރު ޒަޚަމަކަށް ވެދާނޭތީއެވެ.

"އާހް..." ރައުލްއަށް ތޫނު ތަދެއްގެ އިޚްސާސް ކުރެވުނު ހިނދު ބޭއިޚްތިޔާރުގައި އަޑު ލައްވާލެވުނެވެ.

"ކިހިނެއްވީ؟... ތަދުވަނީތަ؟" ޒޮރައިދާގެ އަޑު އިވުނެވެ. އޭނާގެ ގާތުގައި އިން ސިއްތާ ވެސް ކަންބޮޑުވިއެވެ.

ހިންދެމިލައި ބުރަކަށި އިތިކޮށްލި ރައުލްގެ ހަނދާނަށް ވެރިވީ އީޝަލްއާ ގާތްވެއްޖެނަމަ އޭނާގެ ބުރަކަށީގައި ތޫނު ތަދެއް އުފެދޭ ކަމެވެ. އީޝަލްއާ މެދު ޚިޔާލުކުރެވި އެ ޚިޔާލުތައް ފުންވެގެންދާ ކޮންމެ ވަގުތަކު ވެސް އެފަދައިން ކަންތައް ހިނގައެވެ. އެ ތަދު އައުމުގައި ދޭތެރެ އަވަސްވެފައިވީ އީޝަލްއާ ބައްދަލުވީ ފަހުންނެވެ.

"އަހަރެންގެ ބުރަކަށިން ދެވަރަ ފާޅުނުވިޔަސް އޭގެ އަސަރު ފިލައިގެނެއްނުދޭ، އަދިވެސް ހަށިގަނޑުތެރޭގައި އޭގެ ބައެއް ދިރިހުރި ކަހަލަ.... އީޝަލްއަށް ބޭނުންވެ ގޮވާ ކަހަލަ، އޭނާ އަހަރެންގެ ބުރަކަށީގައި ފުރަތަމަ ފަހަރަށް އަތްލުމުން ވެސް އެކަން އެނގުނު، އަހަރެންގެ ހަށިގަނޑުގެ ތެރޭގައި ތެޅިފޮޅެމުންދިޔަ ނަފްސެއް އެވަގުތު ހިމޭންވި ފަދަ، ފުން ނިންޖެއްގެ އަރާމުކަމަށް އެ ނަފްސު ބެހިގެންދިޔަ ފަދަ، މުޅި ހަށިގަނޑަށް ފަސޭހަވެގެންދިޔަ" ރައުލްގެ ތުންފަތުގައިވީ ފަނޑު ހިނިތުންވުމެކެވެ.

* * * * *

އެންމެން ފެންނަނީ ދިރުންނެތިފައިވާ ބަޔަކު ފަދައިންނެވެ. ހިނިތުންވެ އެއްވެސް ކަމަކާ އުފާފާޅުކުރާތަނެއް ނުފެނެއެވެ. ކޮންމެ މީހަކަށް ސަމިއާނާ ވަކިވަކިން ބެލިއެވެ. އެއިން މީހެއްގެ ފަރާތުން ފާހަގަވާ ކަންކަން ދަސްކުރާ ފަދައިންނެވެ. އެމީހުންގެ ތެރެއަށް އީޝަލްއެއް ނުފޭބިއެވެ. އިންތިޒާރުގައި އޭނާ އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. އެމީހުންގެ ތެރެއިން ރަސްކަމުގެ އެއްވެސް އަސަރެއް ފާޅުނުވި ނަމަވެސް އެމީހުންގެ މެހެމާންދާރީ ފުރިހަމަކަން ސަމިއާނާ ވެސް ޤަބޫލުކުރިއެވެ. އެފަދަ ދިރިއުޅުމެއް ސަމިއާނާ ދުށްޓެވެ. އޭނާގެ ހިމޭންކަމުގެ ތެރެއިން ލުއި ހިނިތުންވުމުގެ އަސަރު ފާޅުވެލީ އެހެންވެއެވެ. މިއަދު އޭނާ އައިސް ހުއްޓެއްކަމަކު ޚުދު އޭނާއަށް ވެސް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ރައުލްއާ ވަކި ދުވަހުން ފެށިގެންނެވެ. އީޝަލް ޚިޔާރުކުރީތީ ރައުލްއާ މެދު ސަމިއާނާގެ ހިތުގައި ރިހުން އުފެދުނެވެ. އެހެންނަމަވެސް އޭނާ އެ އިޙްސާސްތައް ހިފެހެއްޓިއެވެ. އެއްވެސް ގޮތަކުން ފާޅުވިޔަ ނުދިނެވެ.

މަޝްވަރާތަކުގެ ތެރެއަށް ގެއްލިފައި ތިބި އެންމެން ސިހުނީ ލުގަލްބަންދާގެ ހަރަކާތުންނެވެ. އޭނާ ކަޅު ދުންގަނޑަކަށް ވެ ޣައިބުވި ވަގުތު މީކާޢިލްއާއި ޒިޔަޒެލްއަށް ވެސް ގޮވާލިއެވެ. ފަޅިސުކުންތެއްގެ ތެރޭ މުޅި ގެ ގުގުމައިގެން ދިޔައީ އީޝަލްގެ ބާރު ހަޅޭކުގެ އަޑުންނެވެ. ލުގަލްބަންދާގެ ޢަމަލުތައް އެންމެނަށް ފަހުމްވީ ދެނެވެ. މީކާޢިލްއާއި ޒިޔަޒެލް ވެސް ޣައިބުވީ އެހިނދުއެވެ. ކަންބޮޑުވުމާއެކު އިންތަނުން ސަމިއާނާއަށް ތެދުވެވުނެވެ. އެވަގުތު ގޭގެ ބޭރުން ބައެއްގެ އަޑުފަށްގަނޑު އިވިގެންދިޔައެވެ. ސަމިއާނާގެ އަތުގައި ހިފީ ޔާފިއާއެވެ. އިވުނީ އީޝަލްގެ އަޑުކަން އޭނާއަށް ބުނެދީ ޔާފިއާއެވެ. ގޭގެ ދޮރާ ދިމާއަށް ދިޔަ ސޭމެސްއާއި ޒަލަފްގެ އިތުރުން ހަތޯރު އެއްފަރާތްވެލާ ކުރުނީސް ކުރާތީ ސަމިއާނާއަށް ފެނުނެވެ. ދެން ފެނުނީ ދޮރުން އެތެރެއަށް ވަން އައިޒަންއާއި ޖޫދާއެވެ. ސަމިއާނާގެ ދެ ލޯ ބޮޑުވެލީ އަޖައިބުވެގެންނެވެ. ފެންނަލެއް ކިތަންމެ އާދައިގެ ވިޔަސް އޭނާގެ ކުރިމަތިން ފެންނަނީ ރަސްކަލެއްކަން ސަމިއާނާއަށް އިޙްސާސް ކުރެވުނެވެ. ހިނދުކޮޅަށް އައިޒަންގެ ނަޒަރާއި ސަމިއާނާގެ ނަޒަރު އަމާޒުވެލިއެވެ. އެހެންވިޔަސް އޭނާގެ ފަރާތުން އިޝާރާތެއްނުވިއެވެ. ކުއްލިއަކަށް ފެނުނީ ޣައިބުވީތަނެވެ. އެއާއެކު ގޭތެރެއަށް ކުއްލިއަށް ފެތުރިގެންދިޔަ މީރު ވަސް ވެސް ކެނޑިއްޖެއެވެ. ބޭއިޚްތިޔާރުގައި ސަމިއާނާއަށް ލޯ މަރާލައި ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

* * * * *

"އޭނާއަށް ކިހިނެއްވަނީ؟" އިންތިހާއަށް ކަންބޮޑުވެފައި ހުރި މީކާޢިލް އެހީ ލުގަލްބަންދާގެ ގާތުންނެވެ. ހަމައެހިނދު އެކޮޓަރިއަށް އައިޒަން ފާޅުވެއްޖެއެވެ. ލުގަލްބަންދާ ހިމޭންވެ ހުރީއެވެ. އައިޒަން އައިގޮތަށް އީޝަލްގެ މަގަތުން އެނދުގައި އިށީނެވެ. އޭނާ އީޝަލްގެ މޭގައި އަތްތިލަ ޖައްސާލިއެވެ. އަދި އީޝަލްގެ މެރިފައިވާ ދެ ލޯ ގަދަކަމުން ހުޅުވައި ބެލިއެވެ. ލޮލުގެ ކަޅި ހުރީ ފެހިކުލައިން ދިއްލިފައެވެ. އީޝަލް ކުޑަކޮށް އުފުލައިލައި އޭނާގެ ބުރަކަށީގައި އައިޒަން އަތްޖައްސާލިއެވެ. އެހިނދު ބުރަކަށިމަތި އޮތީ ތެމިފައިކަން އިޙްސާސް ކުރެވުނެވެ. އަވަހަށް އަރިއަކަށް އީޝަލް ޖެއްސިއެވެ.

"ޒިޔަޒެލް... މީ ކޯޗެއް؟... އޭނާގެ ވަރައިގައި ކަލޭ ބޭސް އެޅީމެންނު، މި ކޮން ލޮނދިތަކެއް؟" އައިޒަން ކަންބޮޑުވެ ސުވާލުކުރިއެވެ. ޒިޔަޒެލްއާއި މީކާޢިލް ކުރިއަށް ޖެހިލީ ދެނެވެ. އައިޒަންއާ ބައްދަލުކުރަން އީޝަލް އައި ފުރަތަމަ ދުވަހު ކަންތައް ކުރި ފަދައިން އޭނާ ގަދަކަމުން އީޝަލްގެ ވަރަށް ނެރިލިއެވެ. އެންމެންނަށް ލިބުނީ ހައިރާންކަމެވެ. އީޝަލްގެ ވައަތްފަރާތުން ވަރަށް ބުރިވެފައިވާ ހިސާބުގައި ވަނީ ލޮނދިލާފައެވެ. އެއީ ކިހިނެއްވާކަމެއްކަން ބުނަން ޒިޔަޒެލްއަކަށް ވެސް ނޭނގުނެވެ.

"މަރުވަމުން އައި ބައި ވަކިކޮށްލުމުން އިސާހިތަކު ފަސޭހަވެއްޖެ، ނުބައިވާ ގޮތަކަށްނޫން ހުރީ، އަހަރެން ރަނގަޅަށް ބެލިން، މިހެންވާންވީ ކީއްވެކަމެއް ނޭނގެ، އައިޒަން... މި ކުއްޖާފުޅު އޭނާގެ މަންމަގެ ރަހުމުގައި އަށަގަތީއްސުރެ އަހަރެން މިއަންނަނީ އާކަންކަން ދަސްކުރަމުން، އޭނާ ފުށުން ކުރިމަތިވަނީ އަހަރެމެންގެ ތެރެއިން ދުވަހަކު ދެކެފައިނުވާ ކަންކަން" ޒިޔަޒެލް ބުންޏެވެ.

"ކަލޭގެ މަސައްކަތް ފަށާ، އިތުރު ސިފައިން އެބައާދޭ... އެހެން ޖިންނީންގެ ސަމާލުކަން މިތަނަށް ހުއްޓިއްޖެ، މި ހުޅުވިފައިވާ ދޮރު ބަންދުކުރަން އެބަޖެހޭ، އަހަރެންގެ ކާފަދަރިފުޅާ ދެން ކުރިމަތިލާން އަތުވެއްޖެނަމަ އަހަރެން ރައްދުދޭނަން، އެކަމަށް ތައްޔާރުވަމުން މިދަނީ" އައިޒަންގެ މޫނުން މި ނޫނީ އެފަދަ ހާސްކަމެއް ޒިޔަޒެލް ނުދެކެއެވެ. ދަރިފުޅުގެ ފުރާނަދާން ކައިރިވެނީބާއޭ މީކާޢިލްގެ ހިތަށް އެރީ އެވަގުތެވެ. އައިޒަންގެ މޫނުން ފާޅުވި ކަންބޮޑުވުން މީކާޢިލްއަށް ނަގައިގަނެވުނީ އެފަދައިންނެވެ.

"ލުގަލް... ކަލެއަށް ވެސް ނޭނގޭތަ؟" ޒިޔަޒެލް އަހާލިއެވެ. ހިމޭންވެފައި އީޝަލްއަށް ބަލަހައްޓައިގެން ލުގަލްބަންދާ ދުރުގައި އިނީއެވެ.

"އެހެންބާރެއްގެ އަސަރު އޭނާއަށް ކުރަނީހެން ހީވަނީ، މިފަހަރު އަހަރެންނަކަށް ވެސް ބުނާކަށް ނޭނގޭ" ލުގަލްބަންދާގެ ފުށުން ފާޅުވީ ތަފާތު އަސަރެކެވެ. އޭނާ ވެސް އީޝަލްއަށް އެ ކުރިމަތިވާ ކަމެއްގެ އަސްލު ދެނެގަންނަން މަސައްކަތްކުރާ ކަހަލައެވެ.

* * * * *

އެއްރޭ އެއްދުވާ ވަންދެން އީޝަލް ތެޅިތެޅި އޮތެވެ. އޭނާގެ ވައަތު ވަރަފަތުން ލޮނދިތައް ފައިބަފައިބާ ހުއްޓެވެ. ތަނުގައި ފަރުވަސް ހަރުލަން ފެށިއެވެ. އެ ވަސް ދުވަނީ ވަރައިން ފައިބާ ލޮނދިންކަން ޒިޔަޒެލްއަށް ވެސް ޔަގީންވިއެވެ. އެކަމަކު އެހެން އެވަނީ ކީއްވެކަމެއް ނޭނގުނެވެ. އީޝަލްގެ އަޑު ކަނޑައިގެން ގޮސް އޭނާ ހިމޭންވިއެވެ. ދެން ފާޅުވީ ލެއެވެ. އެއީ ވަކިން ބޮޑަށް އެންމެން އަޖައިބުވި ކަމެކެވެ. އީޝަލްގެ ވަރައިން އިންސީގެ ލޭކުލަފާޅުވުމަކީ ނުވާނޭ ކަމެއްކަން ޒިޔަޒެލްއާއި އައިޒަން ވެސް ޤަބޫލުކުރެއެވެ. ފުންނިންޖެއްގައި އޮވެފައި އީޝަލް ލޯ ހުޅުވާލީ ދެވަނަ ދުވަހެވެ. ފުން ނިންޖެއްގައި އޮވެފައި ހޭލެވުނު މީހެއް ފަދައެވެ. ވޭނުން ރޮއެ ހެދި ހަނދާނެއް އޭނާ ނެތެވެ. ވަރަފަތްގަނޑުގެ ކޮޅު ބަނދެފައި ހުރުމުން ވީގޮތަކާމެދު އީޝަލް ސުވާލުކުރިއެވެ. މާބޮޑުކަމެއް ނުވާފަދައިން މީކާޢިލް ވާހަކަދެއްކިއެވެ. އީޝަލް މާބޮޑަށް ލޮޑުވެ ގަދަ ނިންޖަކުން ނިދުނީކަމުގައި ޒިޔަޒެލް ބުންޏެވެ. ނަމަވެސް އޭނާ އެދުން ތެދުވި ގޮތަށް ހަށިގަނޑު ވައަތްފަރާތަށް އަރިއަޅާލާ ގޮތްވީއެވެ.

"މި ފަރާތަށް ހީވަނީ މާބަރުވާހެން" އީޝަލްގެ ގައިގާ މީކާޢިލް ހިފެހެއްޓުމުން އޭނާގެ ގާތުގައި ބުނެލިއެވެ. މީކާޢިލްއާއި ޒިޔަޒެލް އަވަސް ނަޒަރެއް އެކަކުއަނެކަކަށް ބަދަލުކޮށްލިއެވެ.

"ވެދާނެ ބޭސްގަނޑު އަޅާފައި ހުރީމަކަމަށް، މިހާރުދެން ކުރީގަ ހެން ނުވާނެ... ހަށިގަނޑު ހަމައަކަށް އެޅެން ވަގުތު ބޭނުންވާނެ" ޒިޔަޒެލް ބުންޏެވެ. އެކަމާ އީޝަލް ވެސް އެއްބަސްވިއެވެ.

ލާމިއާގެ އެހީއާއެކު ތައްޔާރުވެގެން އީޝަލް ކޮޓަރިން ނުކުތުމުން ދޮރުމަތީ ލުގަލްބަންދާ އިންތަން ފެނުނެވެ. ފަނޑު ހިނިތުންވުމަކާއެކު ލުގަލްބަންދާއަށް އީޝަލް ގޮވާލިއެވެ.

"ރާވިން އެނބުރި އަތުވެއްޖެ، އޭނާއާއެކު އީޝަލްއާ ބައްދަލުކުރަން ބޭނުންވެފައި ހުރި މީހަކު އައިސް އެބަހުރި، ރައުލްގެ ރަޙުމަތްތެރިއެއް" ލުގަލްބަންދާގެ އަޑު އީޝަލްއަށް އިވުނެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ. ގާތުގައި ހުރި ލާމިއާއަށް ކުއްލިއަކަށް ބަލާލިއެވެ.

"ރާވިންމެން އައީތަ؟... ރައުލް އެބަހުރިތަ؟..." އީޝަލްއަށް އަހާލެވުނެވެ. އެހިނދު އޭނާގެ ކޮނޑުގައި ލާމިއާ ހިފަހައްޓާލިއެވެ.

"އީޝަލް، ކެތްތެރިވޭ... ހިތްއަވަސްވާންވީ ވަގުތެއްނޫންމީ، އެމީހުންނާއެކު ރައުލްއެއްނެތް... ކެތްތެރިވޭ އީޝަލް" ލާމިއާގެ ވާހަކައިން ވަގުތުން އީޝަލްގެ މޫނު މިލައިގެން ދިޔައެވެ. މަޑުމަޑުން ބޯޖަހާލާފައި އީޝަލް ކުރިއަށް ހިނގައިގަތެވެ. ދެތިންފިޔަވަޅު ކުރިއަށް އަޅާލައި ލުގަލްބަންދާއަށް އޭނާ ގޮވާލިއެވެ. އެއާއެކު އޭނާގެ ކަނާއަތްފަރާތުން ލުގަލްބަންދާ އައިސް ހަމަކުރިއެވެ.

ސަމިއާނާ ހުރީ ތުނޑީގެ ދިޔަރެސް ފަށުގައެވެ. ޔާފިއާއާ ވާހަކަދައްކާށެވެ. ތަފާތު ބާރެއްގެ އިޙްސާސް ކުރެވި ސަމިއާނާއަށް ފަހަތަށް އެނބުރިލެވުނެވެ. އޭރު ފެހިކުލައިގެ ދިގު ލިބާހުގައި ފޮރުވިގެން ހުރި މީހަކު އެ ދިމާއަށް އާދެއެވެ. އޭނާގެ ކަނާއަތް ފަރާތުން އެއްފިޔަވަޅު ފަހަތަށް ވާހެން ލުގަލްބަންދާ އާދެއެވެ. ކައިރިވީ ވަރަކަށް އެމީހެއްގެ މޫނު ފާޅުވިއެވެ. ބޭއިޚްތިޔާރުގައި އެ މޫނަށް ގެއްލިފައި ސަމިއާނާއަށް ހުރެވުނީއެވެ.

"ތީތަ ސަމިއާނާއަކީ" އީޝަލް އައިސް ސަމިއާނާގެ ކުރިމަތީ ހުއްޓި އަހާލިއެވެ. އެއްޗެއް ބުނަން އުޅުނު ހިނދު އާގަންނަން ފެށުމުން ސަމިއާނާ އަނގަބަންދުކޮށްލާ ބޯ ޖަހާލީއެވެ. ލުއި ހިނިތުންވުމަކާއެކު ސަމިއާނާގެ ދެއަތުގައި އީޝަލް ހިފިއެވެ. އަދި ބޯތިރިކޮށް އޭނާއަށް ކުރުނީސްކުރިއެވެ.

"ތީ ރައުލްގެ ފުރިހަމަ ރަޙުމަތްތެރިއެއްކަން ޔަގީން، ރާވިން ގެނެސްދިނީތީ ޝުކުރިއްޔާ، އަހަރެން ބޭނުންވި ނަމަވެސް ޔާފިއާއަށް ޓަކައި އެވަރުކޮށް ނުދެވުނު، ތިކޮށްދިނީ ވަރަށް ބޮޑު ކަމެއް، އަހަރެންނަށް ކޮށްދެވެން އޮތްކަމެއްވާނަމަ ބުނޭ، ތިކޮށްދިން ހެޔޮކަމުގެ ބަދަލު ދެވޭނޭ ގޮތެއް އެބައޮތްތަ؟" އީޝަލް ބުންޏެވެ. ސަމިއާނާއަށް ލިބިފައިވާ ނުތަނަސްވަންކަން ފިލައިދިޔައީ ކޮންއިރަކުން ކިހިނެއްކަމެއް ވެސް ޚުދު އޭނާއަށް ނޭނގެއެވެ. އޭނާގެ ގާތުގައި އީޝަލް ހުއްޓި އޭނާގެ ދެއަތުގައި އީޝަލް ހިފާލި ހިސާބުން އޭނާގެ މައްޗަށް ކުރެވުނު ހުރިހާ ޝައްކުތަކެއް ސަމިއާނާގެ ހިތުން ފިލައިގެން ދިޔަ ކަހަލައެވެ.

"ހެޔޮކަމެއްކޮށްދިނީ ބަދަލު ބޭނުންވެގެންނެއްނޫން، ރައުލްގެ ހޮވުން ފުރިހަމަކަން މިހާރު އެނގިއްޖެ، ރާވިންއާއެކު ރައުލް ގެނެސްނުދެވުނީތީ މަޢާފުކުރޭ" ސަމިއާނާގެ ދެ ލޮލުން މީގެ ކުރީން ދުވަހަކުވެސް ފާޅުނުވާ ފަދަ ޖަޒުބާތުތަކެއް ފާޅުވަމުންދިޔައެވެ.

"އަހަރެންނާއެކު ވާހަކަދައްކަން އާދެބަލަ" ސަމިއާނާގެ އަތަށް މަޑުމަޑުން ދަމާލަމުން އީޝަލް ބުންޏެވެ. ޔާފިއާ ބޯޖަހާލައިފައި އޭނާ ރާވިންގެ ގާތަށް ދަނީކަމުގައި ބުނެ ހިނގައިގަތެވެ.

ސަމިއާނާއާއި އީޝަލް އެކުއެކީ މަޑުހިނގުމުގައި އައިއިރު އެމީހުންގެ ފަހަތުގައި ލުގަލްބަންދާ އޮތެވެ. ރައުލްއާއި ސަމިއާނާގެ ކައިވެނި ހަމަޖެހުނުކަމާއި އޭނާގެ ވާހަކަ ރައުލް ކިޔައިދީފައި އޮތްކަން އީޝަލް ހާމަކުރިއެވެ. ސަމިއާނާގެ ނަޒަރުން އޭނާއަށް ރައުލް ސިފަވިގޮތް ހާމަކުރީ ހިނިތުންވެލައިގެން ހުރެއެވެ. އީޝަލްއާ ބައްދަލުވުމުން މިއަދު ސަމިއާނާގެ ހިތަށް ވޭން ލިބުމުގެ ބަދަލުގައި ތަފާތު ހިތްހަމަޖެހުލެއް ލިބިއްޖެއެވެ. އެ ދެމީހުންގެ ހިތުގައި ވެސް ރައުލް ވެއެވެ. އެހެންނަމަވެސް ރައުލްއަކީ އީޝަލްގެ ހައްޤެއްކަން ސަމިއާނާގެ ހިތް ޤަބޫލުކުރީއެވެ. ހުރިހާ ގޮތަކުން ވެސް އީޝަލް ފުރިހަމަކަން ސަމިއާނާގެ ޟަމީރު ޤަބޫލުކުރިއެވެ.

"އަހަރެންގެ ހިތް ބުނޭ ރައުލް މަރެއްނުވެޔޭ، އަހަރެން ބޭނުންވަނީ ރައުލް ހޯދަންދާން، އެކަމަކު އަހަރެންގެ ހަށިގަނޑު އެކަމަށް އެއްބާރުލުމެއްނުދޭ" މާޔޫސްކަމާއެކު އީޝަލް ބުންޏެވެ.

"އަހަރެން ބޭނުން އީޝަލްއަށް އެހީވާން، އެކަމަކު އަހަރެންގެ ކާފައާއި ބޭރީތަކީ ވަރަށް ގާތް އެކުވެރީން، އަހަރެންގެ އަމިއްލަ ބާރެއްނުވޭ، އަހަރެންގެ ފަހަތުގައި އީޝަލްއާއި ރައުލްއަށް ޓަކައި ނެރޭނެ ލަޝްކަރެއްނެތް، ހުރީ ހަމައެކަނި މި ނަފްސު" ސަމިއާނާ ބުންޏެވެ. އޭނާ ބޭނުންވަނީ ޒަމާންތަކަކަށް ދެމިގެންދާނޭ ފަދަ އެކުވެރިކަމެއް އީޝަލްއާ ބާއްވާށެވެ. މިއީ މީގެކުރީން އޭނާގެ ވިސްނުން ހުރި ގޮތެއް ނޫނެވެ.

* * * * *

ކޮޅުކޮޅަށް ބޭރީތުގެ ފާރަވެރިން ދުވަނީއެވެ. އެމީހުންނަށް އަމުރުކުރެވުނީ ރާވިން ހޯދުމަށެވެ. ގަނޑުވަރުގެ ތެރެއިން އޭނާ ގެއްލުނު ގޮތެއް އެކަކަށް ވެސް ބުނާކަށް ނޭނގެއެވެ. މިވީ ގޮތުން ޒަގަން ބޭނުންވީ އަވަހަށް އީޝަލްމެންގެ ތެރެއަށް ދާށެވެ. ނަމަވެސް ބޭރީތު ހުއްދައެއްނުދިނެވެ. އިހުނަށްވުރެ ޒަގަންގެ މައްޗަށް ފާރަވެރިންވީ އިތުރެވެ. އޭނާއަށް ފަރާތަކަށް ޖެހިލުން ވެސް އުނދަގޫވިއެވެ. ރާވިން މޮޅު އުކުޅެއް ބޭނުންކުރީކަމުގައި ބޭރީތަށް ހީވާތީ އެކަމާ އޭނާ ސުވާލުކުރީ ލާވީއާއެވެ. އެމީހުންގެ ތެރެއަށް ވެރިވެފައިވާ ނުތަނަވަސްކަންވީ އިތުރެވެ.

ހާމަ ސަރަޚައްދެއް ފެންނަ ހިސާބަށް ޠަލަބްއަށް ނުކުމެވުނެވެ. ނަމަވެސް އޭނާ އެނބުރި ވަންނަންޖެހުނީ ލޮނުގަނޑު ތެރޭ ހަރަކާތްތެރިވާތަން ފެނުނު ސިފައިން ފެނިގެނެވެ. އެމީހުންގެ ލޯތަކަށް އެ ބިންގަރާހުގެ ދޮރު ފޮރުވިފައިވާ ކަހަލައެވެ. އެ ދިމާއަށް ސަމާލުކަމެއް ނުދިނެއްކަމަކު އެތައް ސަތޭކަ ސިފައިންނެއް އެ ހިސާބުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެއްޗެއް ހޯދާ ބަޔަކު ފަދައިންނެވެ. ހަލުވިކޮށް އެތެރެއަށް ޠަލަބް ދެމިގަތީ އެހެންވެއެވެ. އޭނާ އެނބުރި ޖަލުގެ ތެރެއަށް އައެވެ. ފެނުނުކަންކަން ރައުލްއަށް ކިޔައިދިނެވެ. އެ ޖަލުން މިވަގުތު ނުކުމަކީ ރަނގަޅުކަމެއްނޫންކަން އެމީހުންނަށް ވިސްނުނެވެ. އެތަނުން ނުކުމެ ވަށައިގެންވާ ތަންތަން ފެނިގެންނޫނީ ގަނޑުވަރު ހުރީ ކޮންދިމާއެއްގައިކަން ކަނޑައަޅަން ރައުލްއަށް ވެސް އުނދަގުވާނެއެވެ. ގަނޑުވަރު ހުރި ދިމާއެއް އެނގެނިކޮށް އެތަނަށް ވަންނަން އޭނާއަށް އެނގޭނެއެވެ. ރާވިން ހުރީ ގަނޑުވަރުގެ ތެރޭގައިކަން ސިއްތާއާއި ޠާލިބުގެ ވާހަކައިން ރައުލްއަށް އެނގެއެވެ. އެތަނަށް ވަންނަން ރައުލް ބޭނުންވަނީ އެހެންވެއެވެ. ރާވިންއާ ބައްދަލުކޮށް އޭނާ ގޮވައިގެން ނޫނީ އެނބުރި ދާކަށް ރައުލް ބޭނުމެއްނޫނެވެ.

* * * * *

ސަމިއާނާ އެނބުރިދިޔައީ އޭނާ ރައުލްއާ ހަވާލުކުރި ހިލަކޮޅު އީޝަލްގެ އަތަށް ލައިދީފައެވެ. ކަންތައްކުރަންވީ ގޮތް ކިޔައިދީފައެވެ. އޭނާ މަޑުކުރަން ބޭނުންވީ ނަމަވެސް އެކަންވާން ނެތީއެވެ. އީޝަލް ވެސް އެމީހުންގެ ތެރެއަށް އިތުރު ބަޔަކު ވަންނާކަށް ނޭދެއެވެ. ޚާއްޞަކޮށް ސަމިއާނާގެ ކާފައަކީ ބޭރީތުގެ ރައްޓެއްސެއްކަން އެނގޭތީއެވެ. ހުރިހާ ކަމެއް ސިއްރުކޮށްދޭނަންކަމަށް ސަމިއާނާ ވަޢުދުވިއެވެ. އަދި އީޝަލް އުންމީދުކަނޑާނުލާހާ ހިނދަކު އޭނާ ވެސް ރައުލް މަރުވީކަމުގައި ޤަބޫލެއްނުކުރާނަންކަން ބުންޏެވެ.

"ލުގަލް... ބަލާބަލަ، އަހަރެންގެ ވަރަ ތަފާތުހެން ހިޔެއްނުވޭތަ؟ ހީވަނީ އެތެރެއިން ބައެއް ނުކުންނަހީހެން" އަތިރިމަތީގައި ހުރެ ދެވަރަ ފަތުރާލަމުން އީޝަލް އެއްސެވެ. ފެނުނު މަންޒަރު ޤަބޫލުކުރަން ލުގަލްބަންދާއަށް ދަތިވިއެވެ. އީޝަލްގެ ބިނދިފައިވާ ވަރައިގެ ކޮޅުން ބިއްލޫރިކޮޅުތަކެއް ނުކުމެފައި ހުރި ކަހަލައެވެ. ދެފުށް ފެންނަހާ ސާފެވެ. އަލި އެޅިއްޖެނަމަ ޖަވާހިރު ފަދައިން ދަޅައަޅައެވެ.

"ތަދުވޭތަ؟" ލުގަލްބަންދާ އެއްސެވެ.

"ނޫން، އެކަމަކު އުނދަގޫވޭ... ތަފާތުހެން ހީވަނީ... މިއަދު ވަކިން ބޮޑަށް، ލުގަލް، އަހަރެންނަށް ކިހިނެއްމިވަނީ" އީޝަލް އެއްސެވެ. އޭނާ ހަމަޖެހޭ ގޮތް ދެއްކި ނަމަވެސް ލުގަލްބަންދާއަށް އީޝަލްގެ ކަންބޮޑުވުން ސިއްރެއްނުވިއެވެ.

"ޒިޔަޒެލްއަށް ދެއްކިންތަ؟" ލުގަލްބަންދާ އަހާލިއެވެ. އެއާއެކު އީޝަލް ދެފަރާތަށް ބޯހޫރާލީއެވެ. ލުގަލްބަންދާ އެދުނީ އަވަހަށް ޒިޔަޒެލްގެ ގާތަށް ދިއުމަށެވެ.

(ނުނިމޭ)