ކުޅިވަރު

އައިއޯއަޖީގައި ރާއްޖޭގެ ޑެލިގޭޝަންގެ ހެޑަކަށް އަލިބެ

އަންނަ މަހު މޮރިޝަސްގައި ބާއްވާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ރާއްޖެއިން ވާދަ ކުރާ އެތުލީޓުންނާއި ގައުމީ ޓީމުތަކުގެ ޑެލިގޭޝަންގެ ހެޑަކަށް، އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަލީ މަނިކު (މައިޒާން އަލިބެ) ހަމަޖައްސައިފި އެވެ.

އެތުލެޓިކްސް ކުރި އެރުވުމުގެ ގޮތުން، ދިގު މައްދަތެއް ވަންދެން ހިދުމަތް ކޮށްދީފައި ވާތީ، އިންޓަނޭޝަނަލް އެސޯސިއޭޝަންސް އޮފް އެތުލެޓިކްސް ފެޑްރޭޝަން (އައިއޭއޭއެފް) އިން ވަނީ، 2017 ވަނަ އަހަރު އެ ފެޑްރޭޝަނުން ދޭ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ އެވޯޑް އަލިބެ އަށް އަރުވާފަ އެވެ.

އެ އަހަރު އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި އެ ފެޑްރޭޝަންގެ ކޮންގްރެސްގައި އަލިބެ އަށް ވަނީ، އައިއޭއޭއެފް ވެޓަރަން ޕިން އެވޯޑް ހަވާލު ކޮށްދެވާފަ އެވެ. އެއީ ދުނިޔޭގެ އެތުލެޓިކްސް ފެޑްރޭޝަނުން ދިވެއްސކަށް ދިން އިންޓަނޭޝަނަލް ފުރަތަމަ އެވޯޑެވެ.

ރާއްޖެއަށް، އެތުލެޓިކްސްގައި ލިބުނު އެންމެ ފުރަތަމަ މެޑަލް ލިބުނީ އަލިބެގެ ޗެއާމަންޝިޕް ކަމުގެ ދަށުން ނެވެ. އެގޮތުން 2010 ވަނަ އަހަރު، ސައުތު އޭޝިއަން ގޭމްސްގައި ސްޕްރިންޓިންގް ޓީމުން ހޯދި، މެޑަލް އަކީ އަލިބެ ގެ ދައުރުގައި ހޯދި ކާމިޔާބެކެވެ.

މި އަހަރުގެ އައިއޯއިޖީގައި، ރާއްޖޭގެ ޗެފް ޑި މިޝަންއަކީ، އަކީ ކުރިގެ ބާސްކެޓް ކުޅުންތެރިޔާ އަދި ކުރިން ބާސެކްޓް ކޯޗްކަންވެސް ކުރި އިބްރާހިމް ނާހިދެވެ. އޭނާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ޔޫތު ސްޕޯޓްސް ކުލަބަށް ބާސްކެޓް ކުޅުއްވާފަ އެވެ. އަދި ކުޅުން ހުއްޓާލުމަށް ފަހު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ބާސެކްޓް ޓީމަށް ކޯޗު ކޮށްދިނެވެ.

ޑެޕިޔުޓީ ޗެފް ޑި މިޝަނެއްގެ ގޮތުން، އަންހެން ޓީމުތަކުގެ ޑެޕިޔުޓީ ޗެފް ޑި މިޝަނަކީ، އާމިނަތު ނާޝިދާ އެވެ. ފިރިހެން ޓީމުތަކުގެ ޗެފް ޑި މިޝަނަކީ އިސްމާއިލް ރަޒީން އެވެ.

އިންޑިއަން އޯޝަން އައިލެންނޑް ގޭމްސް އޮންނާނީ އަންނަ މަހު 18 އިން 28 އަށެވެ.