ހަބަރު

ބާ ކައުންސިލްގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، ބާ ކައުންސިލްގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ބިލު ރައީސް ތަސްދީގު ކުރެއްވުމުން ބިލު ގާނޫނަކަށްވެ އެ ގާނޫނުގެ ދަށުން ބާ ކައުންސިލްގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފެދުނީ އެވެ. ވަކީލުންގެ ރެގިއުލޭޓް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ދެން މުއައްސަސާއިންނެވެ.

ބާ ކައުންސިލްގައި ތިއްބަވާނަ ކައުންސިލްގެ ރައީސާ ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ ވަކީލެކެވެ. ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ މަގާމުތަކަށް ވެސް ބޭފުޅުން އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެ ގާނޫނުގައިވާ ގޮތުން، ބާ ކައުންސިލްގެ މެންބަރުން އިންތިހާބު ކުރަން ގާނޫނު ތަސްދީގު ކުރާ ދުވަހުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

ބާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން ވަކީލުންނަށް ހުއްދަ ދޫކުރުމާއި ވަކީލުން ކުރާ މަސައްކަތްތައް ބަލައި، ފިޔަވަޅު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ ގުޅުން ހުރި ހުރިހާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރާނީ ވެސް ބާ ކައުންސިލުންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަކީލުން ވެސް ހިމެނެ އެވެ.