ދުނިޔެ

ޑާކާގެ ރޭލް ދަގަނޑުތައް މަތީގައި މަރުވާ މީހުން އަދިވެސް ގިނަ!

ބަންގްލަދޭޝްގެ ޑާކާގެ ރޭލް ސްޓޭޝަންތަކުގައި ފޯނު ހެޑްސެޓް އަޅައިގެން ފޯނަށް ބަލަމުން އުޅެނިކޮށް އެކްސިޑެންޓްވެގެން 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް 535 މީހުން މަރުވެފައި ވާކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފި އެވެ.

ފެންސު ނުޖަހާ ހުންނަ ރޭލް ސްޓޭޝަންތަކުގައި އަހަރެއްގެ ތެރޭ ހާހަކަށްވުރެ ގިނަ އެކްސިޑެންޓް ހިނގާއިރު އަމިއްލައަށް މަރުވާން ވެގެން ބާރަށް ދުއްވާފައި އަންނަ ރޭލުގެ ކުރިމައްޗަށް ފުންމާލާ މީހުން ވެސް ގިނަ އެވެ.

ފުލުހުން ބުނާ ގޮތުގައި ފަހަކަށް އައިސް ރޭލުން ޖެހިގެން މަރުވާ މީހުންގެ އަދަދު މަދުވެފައިވީ ނަމަވެސް ކަންފަތުގައި ހެޑްސެޓް އަޅައިގެން ތިބެ ލަވަ އަޑުއަހަމުން ނޫނީ ފޯނުން ވާހަކަ ދައްކަމުން ރޭލު ދަަގަނޑު މަތީ ހިނގާ މީހުން އަދިވެސް އުޅެ އެވެ.

"ކަންފަތަށް ހެޑްސެޓް ޖަހައިގެން ރޭލު ދަގަނޑު މަތީ ހިނގުން އޮންނާނީ މި ގައުމުގައި މަނާާކޮށްފައި. އެކަމު ވެސް ގިނަ ބަޔަކު އެކަމަށް ސަމާލުކަމެއް ނުދޭނެ. މަރުވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ އެއީ،" ޑާކާ ރޭލް ޕޮލިހުގެ އިސް އޮފިޝަލެއް ކަމަށްވާ ޔާސިން ފާރޫގް މޮޒުމްދަރް އޭއެފްޕީ ނިއުސްއަށް މައުލޫމާތު ދެއްވި އެވެ.

ރޭލް ދަގަނޑު މަތީ ހިނގާމީހުން އެންމެ ގިނަ އަދަދަކަށް މަރުވެފައި ވަނީ 2014 އަހަރު އެވެ. އެ އަހަރު 109 މީހުން މަރުވެފައި ވެއެވެ. އޭގެ ފަހުން ހިންގާފައިވާ ވިސްނައި ދިނުމުގެ ކެމްޕެއިންތަކުގެ ސަބަބުން އެ އަދަދު ވަރަށް ބޮޑަށް ތިރިކުރެވިފައި ވިޔަސް މިދިޔަ އަހަރު ވެސް ރޭލު ދަގަނޑު މަތީގައި 54 މީހަކު މަރުވެފައި ވެއެވެ.

ޑާކާގެ ފުލުހުން ހާމަކުރާ ގޮތުގައި ފާއިތުވީ ހަ އަހަރު ތެރޭގައި ގާތްގަނޑަކަށް 6000 މީހުން ރޭލްވޭ އެކްސިޑެންޓްތަކުގައި މަރުވެފައި ވާނެ އެވެ.