ހަބަރު

ކޮރަލް ބޮލަވާޑް ނުފިލާ، މަޝްވަރާތައް ދަނީ ކުރިއަށް: މިނިސްޓަރު

ރަސްފަންނު ސަރަހައްދުގައި 28 ބުރީގެ ހަތަރު ޓަވަރު ހަދަން ހަވާލުކުރި ކޮރެލް ބޮލެވާޑް ނުފިލާ ކަމަށާއި އެމަޝްރޫއުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ރަސްފަންނު ސަރަހައްދުގައި 28 ބުރީގެ ހަތަރު ޓަވަރު އަޅަން ކޮރެލް ބޮލެވާޑާއި ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި، 2017 ވަނަ އަހަރު އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މި ސަރުކާރުން ވަނީ އެމަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރަންނިންމާފަ އެވެ.

އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީ އާއި ބޮލެވާޑާއެކު އޮތް ގުޅުން އެއްވެސް ވަރަކަށް ކުޑަވެފައިނުވާ ކަމަށެވެ. އެފަރާތާއެކު ބަރާބަރަށް މަޝްވަރާކުރެވި، ދަންނަވާ ގޮތަށް މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށެވެ.

"އެއްވެސް ގޮތަކަށް އެބޭފުޅުން ސީން އިން ގެއްލިފައެއްނެތް، އެމީހުންނާއެކީގައި ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވި މިކަންތައްތައް ދެފަރާތަށްވެސް އެންމެ ރަނގަޅު ގޮތަކަށް ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކުންފުންޏާއެކު މިދިޔަ ހަފްތާގައިވެސް މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެބައްދަލުވުމުގައި ބައެއް ލިޔެކިޔުންތައް ހުށަހަޅަން ދެހަފްތާގެ މުއްދަތެއް ދިނުމަށް އެދިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފައިސާގެ ކަންކަމާއި އެއްބަސްވުމެއް ހަމަޖެއްސުމުގެ މަސައްކަތްތައް ކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. މަޝްރޫއުގެ 28 ބުރީގެ ހަތަރު ޓަވަރުގެ ތެރެއިން ޓަވަރު އެކެއްގެ ފައުންޑޭޝަންގެ މައިކްރޯޕައިލްސްގެ %13 ނިމިފައިވާކަމާއި އަނެއް ތިން ޓަވަރުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވާކަމަަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެބޭފުޅުން ވަނީ ކޮންމެސް ވަރެއްގެ އިންވެސްޓްމެންޓެއް ކޮށްފަ، އެހެން ކަމުން، މިހާރު ކުރިއަށްދަނީ ފައިސާގެ ކަންކަމާއި އެއްބަސްވުމެއް ހަމަޖެއްސުމުގެ މަސައްކަތްތައް، އެޗްޑީސީއާއެކުވެސް މަޝްވަރާކޮށް ބިމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ، ކޮބާކަމެއް ބަދަލަކީ، ކިހާވަރެއް ކަމެއް ދަނީކީ ނޭންގެ ދަންނަވާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކުންފުނިން މަޝްރޫއު ހުއްޓާލުމަށް އެއްވެސް އިންޑިކޭޓެއް ދީފައިނުވާ ކަމަށާއި އެބޭފުޅުން ތިއްބެވީ މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ޕްރޮޖެކްޓަކީ 350 ޔުނިޓްގެ ޕްރޮޖެކްޓެއް ކަމަށާއި އެޔުނިޓްތަކުގެ ތެރެއިން ކުރިމަތިލާފައިވަނީ އެންމެ ނުވަ ފަރާތުން ކަމަށެވެ. މި ޕްރޮޖެކްޓަކީ މަލްޓި ޕާޕަސްއަށް ސޮޕިން މޯލްސްތަކާއި ބިޒްނަސް އެންޓިޓީސްތަކަށްވެސް ފުރުސަތު ލިބޭ ގޮތަށް ތައްޔާރުކުރާ ތަނެއް ކަމަށެވެ. ނަމަވެސް އަދި ކުރިމަތިލާފައިވަނީ ހަމައެކަނި އެޕާޓްމަންޓްތަކަށް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.